ކޮވިޑަށް ބަޔަކު ޕޮޒިޓިވްވުމާއި ގުޅިގެން މޮނިޓަރިންގެ ހާލަތައް ގެނައި ލ.ފޮނަދޫގެ މޮނިޓަރިން އުވާލައިފިއެވެ.

ފޮނަދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މާލެއިން އެރަށަށް ދިޔަ މީހަކު ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. މިކަމާއި ގުޅިގެން އެރަށް މޮނިތަރިންނަށް ލާފައިވަނީ މިމަހުގެ 3 ވަނަ ދުވަހުއެވެ.

މީގެ ކުރިންވެސް ކޮވިޑަށް ޕޮޒިޓިވް ނަތީޖާތަކެއް ފެނުމާއި ގުޅިގެން އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެވިފައިވެއެވެ. އެއީ މިއަހަރުގެ އޭޕްރިލްމަހުގައެވެ. އަދި އޭގެފަހުން 2 މަހަށް ފަހު އެރަށުން ކޮވިޑުގެ ހާލަތު ރަނގަޅުވުމާއި ގުޅިގެން ވަނީ މޮނިޓަރިންގެ ހާލަތު އުވާލާފައެވެ.

ފޮނަދޫގެ މޮނިޓަރިން އުވާލުމާއި ގުޅިގެން މިވަގުތު ކޮވިޑް ފެނިގެން މޮނިޓަރިންގެ ހާލަތުގައި އޮތީ 8 ރަށެކެވެ.

އަދި އަލަށް ޕޮޒިޓިވްވި 74 މީހުންނާއެކު، މިހާތަނަށް ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވި ކަމަށް ރެކޯޑު ކުރެވުނު މީހުންގެ ޖުމްލަ އަދަދަކީ 79،000 ކެވެ. މިގޮތުން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން 299 މީހުން ބަލިން ފަސޭހަވެފައިވާއިރު، ރާއްޖެއިން މިހާތަނަށް ކޮވިޑުން ސަލާމަތްވި މީހުންގެ އަދަދަކީ 77،732 ކެވެ.