ކުލީ ސިފައިންގެ ބަޔަކު ގައުމުގެ ރައީސް އަވަހާރަކޮށްލި ފަހުން ކާރިސާއެއްގައި އުޅޭ، ހެއިޓީއަށް ބާރުގަދަ ބިންހެލުމެއް އައިސްފިއެވެ. ހޮނިހިރު ދުވަހުގެ ބިންހެލުމުގައި 304 މީހުން މަރުވެ އެތައް ބަޔަކު ވަނީ ގެއްލިފައެވެ. ފައްޅިތަކާއި އިސްކޫލުތަކާއި ހޮޓާތައްވެސް ވެއްޓިފައިވާ އިމާރާތްތަކުގެ ތެރޭގައި ހިމެނެއެވެ.

ރެކްޓަރ މިންގަނޑުން 7.2ގެ ބާރު މިނުގައި އައި ބިންހެލުމަށްފަހު ސިލްސިލާ ލޮޅުންތަކެއްވެސް އައި ކަމަށް ވެއެވެ. މި ބިން ހެލުމަކީ، 10 ކިލޯމީޓަރުގެ އަޑިއަށް އައި ބިން ހެލުމެއްކަމަށްވެސް ޔޫއެސް ޖިއޮލޮޖިކަލް ސަރވޭ އިން ބުންޏެވެ.

މި ބިންހެލުމުގެ އަސަރު ކިއުބާއާއި ޖެމެއިކާއަށްވެސް ފޯރާފައި ވެއެވެ. މިއީ މިޖަޒީރާތަކަށް މީގެ 11 އަހރު ކުރިން އައި ބިންހެލުމަށް ވުރެން ބާރުގަދަ ބިންހެލުމެއް ކަމަށް ބެލެވެއެވެ.

ފުރަތަމަ އަންދާސާ ބުނެފައިވާ ގޮތުން މަރުވެފައިވާ މީހުންގެ އަދަދު 500އާ ގާތް ކުރާނެ އެވެ. އަދި ހާނީއްކަ ވި މީހުން އޭގެ ތިން ގުނައަށް އަރާނެ ކަމަށް ބެލެވެއެވެ.

މިހާރު ހެއިޓީގައި ވަނީ މަސްދުވަހުގެ ކުއްލި ހާލަތު އިޢުލާން ކޮށްފައެވެ.