އިންޑިއާގެ އިގްތިސާދަށް ދިރުމެއް ގެނަސް ވަޒީފާގެ ފުރުސަތުތައް އިތުރު ކުރުމަށްޓަކައި އިންޑިއާއިން 100 ޓްރިލިއަން ރުޕީސް (1.35 ޓްރިލިއަން ޑޮލަރު) އިންވެސްޓް ކުރާނެ ކަމަށް އިންޑިއާ ބޮޑު ވަޒީރު ވިދާޅުވެއެވެ. އިންޑިއާގެ މިނިވަންކަމަށް 75 އަހަރު ފުރުނު މުނާސަބާ ފާހަގަ ކުރުމަށް ލާލް ކިއްލާގައި އޮތް ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނަރެންދްރަ މޮދީ ވިދާޅުވީ، އިންޑިއާއިން އިގްތިސާދަށް އަޅާ، 100 ޓްރިލިއަން ރުޕީސްއިން ވަޒީފާތައް އުފެދި، ތާހިރު ހަކަތަ އުފެއްދޭ ގޮތްތައް ފަހިވެ ތިމާވެށި ރައްކާތެރި ކުރެވިގެންދާނެއެވެ.

މޮދީ ވިދާޅުވިގޮތުގައި މިއީ ވަރަށް ބިޔަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ތަފްސީލް މޮދީގެ ތަގްރީރުގައި ދެއްވާފައެއް ނުވެއެވެ. އޭނާ ވިދާޅުވިގޮތުގައި މިފިޔަވަޅުގެ ސަބަބުން ދުނޔޭގެ ތަރައްގީވެފައިވާ އިގްތިސާދަކަށް އިންޑިއާ ވެގެން ދާނެއެވެ.

ކޮވިޑާ ގުޅިގެން އިންޑިއާގެ އިގްތިސާދު ވަނީ އަޑި އަޅާފައެވެ. ނިމިގެން ދިޔަ މާލީ އަހަރު އިންޑިއާގެ އުފެންދުންތެރިކަން ވަނީ 7.3 ޕަސެންޓަށް ދަށްވެފައެވެ.

މޮދީ ސިފަކޮށްދެއްވި ގޮތުގައި 2047ގައި އިންޑިއާއަކީ ހަކަތައިގެ ދާއިރާއިން އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ގައުމެކެވެ. އަދި އޭނާ ވިދާޅުވީ އެހާތަނަށް އިންޑިއާ ވާނީ އަމިއްލައަށް ހައިޑްރޮޖަން އުފައްދާ ގައުމަކަށެވެ.

އިންޑިއާއަކީ އަހަރަކު 12 ޓްރިލިއަން ރުޕީސް ހަކަތައަށް ހޭދަ ކުރާ ގައުމެކެވެ.