ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެ ގެނެސްދިނުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އެދިފައިވާތީ އޭނާ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.
އަލީ ވަހީދުގެ މައްސަލައިގައި ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ މައްސަލައަކާއި ގުޅިގެން އޭނާ ކޯޓަށް ހާޒިރުކުރުމަށް އަމުރު ރައްދުކޮށް ކޯޓަށް ހާޒިރުވެފައިނުވާތީ ކޯޓުގެ ހުރުމަތް ކެނޑިކަމަށް ކަނޑައަޅާ ސުޕްރީމް ކޯޓުން ވަނީ އަލީ ވަހީދުގެ މައްޗަށް ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ.
މިކަމާ ގުޅިގެން ފުލުހުން މިއަދު ބުނީ ސުޕްރީމް ކޯޓުން އަލީ ވަހީދަށް އިއްވާފައިވާ ހުކުމް ތަންފީޒު ކުރުމަށް ރާއްޖެ ގެނައުމަށްޓަކައި އިންޓަޕޯލް މެދުވެރިކޮށް ކުރަންޖެހޭ ކަންކަން ދަނީ ކުރެވެމުން ކަމަށެވެ. އަދި ފުލުހުންގެ ފަރާތުން ޕޮލިސް ޓު ޕޮލިސް ކޯޕަރޭޝަން މެދުވެރިކޮށް ވެސް މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.
އަލީ ވަހީދަށް ހުކުމް ކުރުމާ ގުޅިގެން އޭނާ ރާއްޖެ ގެނެސްދިނުމަށް ކަރެކްޝަންސް އިން ފުލުހުންނަށް ހުށަހެޅީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށް ފުލުހުން ވަނީ މައުލޫމާތު ދެއްވާފަ އެވެ.