އައްޑޫ ސިޓީން އިތުރު 20 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އައްޑު ހޮސްޕިޓަލުން ބުނީ މިއަދު ހަވީރު 6 ޖެހުމާ ހަމައަށް ފެނުނު 20 ކޭސްގެ ތެރެއިން 8 ކޭސް ފެނިފައިވަނީ މަރަދޫ އިން ކަމަށާއި މަރަދޫ ފޭދޫއިން ވެސް ފެނިފައި ވަނީ 8 ކޭސް ކަމަށެވެ. މީގެ އިތުރުން ހިތަދޫން ފެނިފައި ވަނީ ހަތަރު ކޭސް އެވެ.

އައްޑޫގެ އަވަށްތަކުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ކޮވިޑްގެ އެކްޓިވް ކޭސް މިހާރު އުޅެނީ މަރަދޫގައެވެ. އެގޮތުން މަރަދޫގައި ކޮވިޑްގެ 85 ކޭސް އުޅޭއިރު، ހިތަދޫގައި ނުވަ ކޭސް، ފޭދޫގައި އެކްޓިވް ހަ ކޭސް، މަރަދޫފޭދޫގައި 19 ކޭސް އުޅޭ ކަމަށް ހޮސްޕިޓަލުން ބުނެއެވެ. އެއާއެކު އައްޑޫގެ މުޅި ޖުމްލަ އެކްޓިވް ކޭސްގެ އަދަދު ވަނީ 119 އަށް އަރާފައެވެ.

ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 564 މީހުން ރަނގަޅުވެފައިވާއިރު، ދެ މީހަކަށް އަންނަނީ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުންނެވެ. އަދި މި ބަލީގައި ދެ މީހަކު ވަނީ އައްޑޫ އިން ނިޔާވެފައެވެ.