އައްޑޫ ސިޓީގެ ގުޅިފައިވާ އަވަށްތަކުގައި އެޅުމަށް ހަމަޖެހިފައިވާ މަރުކަޒީ އިންޖީނުގޭގެ މަސައްކަތް (އިރާދަ ކުރެއްވިއްޔާ) އަންނަ އަހަރު ފެށޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ.

އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު ސަޢީދު މުޙައްމަދު އައްޑުއަށް މިހާރު ކުރައްވަމުން ގެންދަވާ ޒިޔާރަތުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އައު އިންޖީނުގޭގެ މަސައްކަތް އަންނަ އަހަރު ފެށުމަށް މިހާރު ވެސް އަންނަނީ ތައްޔާރުވަމުން ކަމަށެވެ.

އެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވިޔަސް އައްޑޫގެ ކަރަންޓަށް މިހާރު ދިމާވަމުންދާ މައްސަލަތައް ޙައްލުކުރުމުގެ މަސައްކަތް މިހާރުވެސް ކުރައްވަމުން ގެންދަވާ ކަމަށް ވެސް ސަޢީދު ވިދާޅުވިއެވެ. "އުންމީދު ކުރަނީ އެ މަސައްކަތާއެކު އަންނަ އަހަރުގެ ނިޔަލަށް އައްޑޫގެ ކަރަންޓަށް ދިމާވެފައިވާ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް،" ސަޢީދު ވިދާޅުވިއެވެ.

އައްޑުއަކީ މާލެ ފިޔަވައި ދެވަނައަށް ރާއްޖޭގައި އެންމެ އާބާދި ބޮޑު ސިޓީއެވެ. އެހެންނަމަވެސް ދޭތެރެދޭތެރެއިން މިހާރު ވެސް އެސިޓީން ކަރަންޓު ކެނޑެމުންދެއެވެ. އޭގެ ސަބަބުން ރައްޔިތުންނަށް ވަރަށްބޮޑު ގެއްލުމާ ކުރިމަތިލާން ޖެހެއެވެ.

ފެނަކައިން މިހާރު ވެސް ގެންދަވަނީ ރާއްޖޭގެ ރަށްރަށުގައި ކުރިން ބޭނުންކުރަމުން އައި ބައު އިންޖީނުގެތަކުގެ ބަދަލުގައި އައު އިންޖީނުގެތައް އެޅުމާއި ނެޓުވޯކުތައް ބަދަލުކޮށް އައު އިންޖީނުތައް ބެހެއްޓުމުގެ މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން މިހާރުވެސް 47 އިންޖީނުގެއެއްގެ މަސައްކަތް ކުރިއަށް އެބަދެއެވެ. އޭގެ ތެރެއިން ބައެއް އިންޖީނުގެތައް ނޮވެމްބަރު 11 ގައި ހުޅުވޭނެ ކަމަށް ސަޢީދު ވިދާޅުވިއެވެ. ނޮވެމްބަރު 11 ގައި ހުޅުވުމަށް ހަމަޖެހިފައިވަނީ 12 އިންޖީނުގެއެވެ.