އައްޑޫ ސިޓީ ހިތަދޫ ގޭގެއަށް ފެން ފޯރުކޮށް ދިނުމަށް މިހާރު ބޭނުންކުރާ ފެން ރައްކާ ކުރުމުގެ ނިޒާމުގެ އިތުރުން ހަ ހާސް ޓަނުގެ ފެން ރައްކާ ކުރެވޭނެ ނިޒާމެއް އެރަށުގައި ގާއިމް ކުރުމުގެ މަސައްކަތް އަންނަ އަހަރު ފެށުމަކީ ވަރަށްބޮޑު އުންމީދެއް ކަމަށް ފެނަކައިން ވިދާޅު ވެއްޖެއެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު ސަޢީދު މުޙައްމަދު ވިދާޅުވީ އަލަށް ގާއިމް ކުރުމަށް ހަމަޖެހިފައިވާ މި ނިޒާމުގެ ސަބަބުން ހިތަދޫ ރައްޔިތުން މިހާރު އުފުލަންޖެހޭ ތަކުލީފަށް ވަރަށްބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ.

"މިހާރު ހުންނަ ނިޒާމުގައި ވާގޮތުން ކަރަންޓު ކެނޑިއްޖެއްޔާ ފެން ލިބުމުގެ މައްސަލަ ވަރަށް ބޮޑަށް ދިމާވޭ. އެއީ ރައްޔިތުންގެ ވަރަށްބޮޑު ޝަކުވާއެއް. އެހެން ކަމުން ހަ ހާސް ޓަނުގެ ފެން އިތުރަށް ރައްކާކުރެވޭނެ ނިޒާމެއް ގާއިމް ކުރުމުން ކަރަންޓު ކެނޑުނަސް ފެން ލިބުމަށް ދަތިނުވާނެ އިރާދަ ކުރެއްވިއްޔާ،" ސަޢީދު ވިދާޅުވިއެވެ.

މިހާރުގެ އެރަށުގައި ބޭނުންކުރާ ނިޒާމުގައި ރައްކާ ކުރެވެނީ ޖުމްލަ 700 ޓަނު ފެނެވެ.