ރާއްޖޭގެ ރަށްރަށުގައި މިހާރު ބޭނުން ކުރަމުން އަންނަ ބައު އިންޖީނުގެތައް އައު ކުރުމަށް ހިންގާ މަޝްރޫޢު 2021 ވަނަ އަހަރުގެ ނިޔަލަށް ނިމޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު ސަޢީދު މުޙައްމަދު ވިދާޅުވެއްޖެއެވެ.

ސަޢީދު ވިދާޅުވީ އެ މަޝްރޫގެ ދަށުން 60 އަށްވުރެ ގިނަ އިންޖީނުގެތައް އަލުން ބިނާ ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އޭގެ ތެރެއިން ބައެއް އިންޖީނުގެ ތަކުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މިހާރު މަސައްކަތް ކުރަމުންދަނީ 47 އިންޖީނުގެއެއްގައެވެ. އޭގެތެރެއިން ބައެއް އިންޖީނުގެތައް ނިމި އަންނަ ނޮވެމްބަރު 11 ގައި ހުޅުވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ފެނަކައިން ކުރިން މަސައްކަތް ކުރައްވަމުން ގެންދެވީ މިއަހަރުގެ ނިޔަލަށް 40 އިންޖީނުގޭގެ މަސައްކަތް ނިންމައި ރިބަން ކަނޑާލުމަށެވެ. އެހެންނަމަވެސް ކޮވިޑް 19 ގެ ސަބަބުން އެ މަސައްކަތަކަށް އައި ހީނަރު ކަމެއްގެ ސަބަބުން އެ އަދަދަށް އިންޖީނުގެތައް ހުޅުވޭނެ ކަމަށް ނުބެލެވޭ ކަމަށް ވެސް އެމްޑީ ވިދާޅުވިއެވެ.

"މިހާރު މަސައްކަތް ކުރިއަށްދާ ގޮތުން މިއަހަރުގެ ނިޔަލަށް ހުޅުވޭނެ ކަމަށް މިބަލަނީ 28 އިންޖީނުގެ. އެހެންނަމަވެސް ތިރީސް އިންޖީނުގެ ވެސް ނިމިދާނެ،" ސަޢީދު ވިދާޅުވިއެވެ.