ކޮވިޑް 19 ވެކްސިންގެ ދެ ޑޯޒް ހަމަނުކުރާ ފަރާތްތައް ސުކޫލުތަކަށް ނުވަދެވޭ ގޮތަށް ވަނީ ހަމަޖައްސައިފައެވެ. އެހެން ކަމުން މިއީ އެ މީހުންނަށް ބަލައިގަންނަން ފަސޭހަކަމަކަށް ނުވިއެވެ. ނަތީޖާއަކަށްވީ އެކަމުގެ ހިތްހަމަނުޖެހުން އިތުރު ވުމެވެ.
މިއީ ހަމަ އެކަނި ދިވެހިރާއްޖޭގައި އޮތް އުސޫލެއް ނޫނެވެ. ދަރިވަރުންގެ ރައްކާތެރިކަމާއި ސަލާމަތަށްޓަކައި ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އަޅަމުންދާ ފިޔަވަޅުތަކެވެ.
ދުނިޔޭގެ ކަންކޮޅުތަކުގައި (ޚާއްޞަކޮށް އެމެރިކާގައި) އައު ދިރާސީ އަހަރު ފެށިގެން މި ދާދުވަސްވަރު ދަރިވަރުން ސުކޫލަށް ފޮނުވުމަށް ސަރުކާރުތަކުން " ބެކްޓް ސްކޫލް ކެންޕެއިން " ވެސް ހިންގައެވެ. އެހެންކަމުން ބެލެނިވެރިންގެ ވަރަށް ގިނަ ސުވާލުތަކެއް ކޮވިޑް 19 އާއި – ކުދިންނާއި ގުޅޭގޮތުން ދަނީ އުފެދެމުންނެވެ. ޚާއްޞަކޮށް ޑެލްޓާ ވޭރިއަންޓް ފެތުރެމުން ދިއުމާއެކު ބައެއް ސަރަހައްދުތަކުގައި އޮފީސްތައް ވަނީ ބަންދުކުރެވިފައެވެ.
މިވަގުތު ކޮވިޑް 19 ވެކްސިން ދެވެނީ 12 އަހަރުން މަތީގެ މީހުންނާއި ކުދިންނަށެވެ. އެހެން ކަމުން އޭގެ ދަށު އުމުރުގެ ކުދިން ރައްކާތެރިކަމާ ބެހޭގޮތުން އުފެދޭ ސުވާލު ވަރަށް ގިނައެވެ.
އެމެރިކާގެ ސާޖަން ޖެނެރަލް ޕޭރަންޓް ޑޮޓްކޮމް އަށް ކުޑަކުދިނންނާއި- ކޮވިޑް19 އާއި ގުޅޭގޮތުން ދެއްވި މައުލޫމާތު ހިއްސާ ކޮށްލަމެވެ.
ޔޫއެސް ގެ ސާޖަން ޖެނެރަލް ވިއެކް މުރުތީ (އެމް.ޑީ) ވިދާޅުވި ގޮތުގައި އެކުދިންނަށް ރައްކާތެރިކަން ލިބޭނީ އެކުދިންނާއި އެކުގައި އުޅޭމީހުން ރައްކާތެރި ވެގެންނެވެ. އެމެރިކާގެ ބައެއް ސަރަހައްދުތަކުގައިވެސް ޓީޗަރުން ވެކްސިން ފުރިހަމަކުރުމަށް ވަނީ މަޖުބޫރު ކޮށްފައެވެ. އަދި މާސްކު އަޅަންވެސް އަލުން ވަނީ އަންގާފައެވެ.
އެމެރިކާގެ ބައެއް ހިސާބުތަކުގައި ވެކްސިން ނުޖަހާމީހުންވަނީ ސްކޫލުތަކަށް ވަނުން މަނާކޮށްފައެވެ. ސާޖަން ޖެނެރަލް ވިވިކް މުރުތީ ވިދާޅުވީ މިއީ ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅިފައިވާ ފިޔަވަޅުތަކެވެ.
12 އަހަރުން ދަށުގެ ކުދިންގެ ވެކްސިނާއި ގުޅޭގޮތުން ޑޮކްޓަރ މުރުތީ ވިދާޅުވީ "ވަކި މިވަނި ދުވަހަކުން ފެށިގެން 12 އަހަރުން ދަށުގެ ކުދިންނަށް ޖަހާނެ ވެކްސިނެއް ލިބޭނޭ ބުނެވޭކަން ނެތެވެ. ވެކްސިނަކީ ފުޑް އެންޑް ޑްރަގު އޮތޯރެޓީން ބަލާ ބެލުންތަކެއް ފުރިހަމަކުރުމުން ދެވޭ ހުއްދައެކެވެ."
ދެވެހިރާއްޖޭގައިވެސް ދަރިވަރުންގެ ސަލާމަތާ ރައްކާތެރިކަމށް ވަނީ މިފަދަ ފިޔަވަޅުތަކެއް އެޅިފައެވެ. 12 އަހަރުން ދަށުގެ ކުދިންގެ ސަލާމަތާ ރައްކާތެރިކަން ހޯދައި ދެވޭނީ އެކުދިންނާއެކު އުޅޭ އަދި ބައްދަލުވާ މީހުން ރައްކާތެރި ވެގެންނެވެ.