އައްޑޫ ސިޓީ މެދު ސަރަހައްދުގެ ނަރުދަމާގެ ނިޒާމުގެ މަސައްކަތް ނިންމައި ގެތަކަށް ކަނެކްޝަން ގުޅައި ދިނުމުގެ މަސައްކަތް ފަށައިފިއެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު ސަޢީދު މިއަދު ވިދާޅުވީ އެ މަސައްކަތް ނިންމައި ގެތަކަށް ގުޅައިދިނުން ކުރިއަށްދާނީ މުޅިން ހިލޭ ކަމަށެވެ. މީގެ ކުރިން ހިތަދޫ އުތުރު ދާއިރާއި ދެކުނު ދާއިރާގެ ނަރުދަމާގެ މަސައްކަތްވަނީ ނިމިފައެވެ.

ހިތަދޫ އުތުރުދާއިރާއި ދެކުނު ދާއިރާގެ ނަރުދަމާއަކީ އެމްޑަބްލިޔު އެސްސީން ގާއިމް ކޮށްފައިވާ ނިޒާމެކެވެ. ހިތަދޫ މެދު ސަރަހައްދަށް މި ޚިދުމަތް ދޭން ފެށުމުން އައްޑޫ ސިޓީގެ ގުޅިފައިވާ ހުރިހާ އަވަހަށްތަކަށް ނަރުދަމާގެ ޚިދުމަތް ލިބިގެންދާނެއެވެ.

ސަޢީދު ވިދާޅުވީ ހިތަދޫގެ ނަރުދަމާގެ ޚިދުމަތަށް އެދި ރައްޔިތުން އިންތިޒާރު ކުރަމުން ގެންދާތާ މިހާރު 10 އަހަރު ވެފައިވާ ކަމަށެވެ. ހިތަދޫ މެދު ސަރަހައްދުގެ ނަރުދަމާގެ ޚިދުމަތް ދޭން ފެށުމުން އެ އިންތިޒާރަށް ނިމުން އައިސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި ނިޒާމް ނުނިމިގެން ރައްޔިތުންގެ ޝަކުވާ އިންތިހާއަށް ބޮޑުވެފައިވާ ކަމަށް ވެސް އެމްޑީ ސަޢީދު ވިދާޅުވިއެވެ. ހިތަދޫގެ ނަރުދަމާގެ ނިޒާމް އަޅަން ފަށައިފައިވަނީ ރައީސް ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރުއެވެ.