އައްޑޫ ސިޓީގެ ގެތަކަށް ގުޅައިފައިވާ ފެނުގެ ނިޒާމުން ކަނެކްޝަން ފީގެ ގޮތުގައި ކޮންމެ މަހަކު ނަގަމުން އަންނަ 30 ރުފިޔާ މާފު ކުރެވޭތޯ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ފެނަކައިން ހުށަޅައިފިއެވެ.
އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު ސަޢީދު މުޙައްމަދު އިއްޔެ ވިދާޅުވީ އެ 30 ރުފިޔާ ކަނޑާލަން ނުވަތަ މައާފު ކުރުމަށް ފެނަކައިގެ މެނޭޖުމެންޓުން ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް ހުށަހެޅީ އެކަމަށް ރައްޔިތުން ވަރަށް ބޮޑަށް އެދެމުންދާތީ ކަމަށެވެ.
އެކަން އެގޮތަށް ކުރުމަށްޓަކައި ކަމާބެހޭ ފަރާތްތަކު ލަފައަށް އެދި ފެނަކައިން ހުށެހެޅިތާ މިހާރު ދުވަސްތަކެއް ވެއްޖެއެވެ. މިހާތަނަށް އައިއިރު އެކަމަށް އަމަލީ ސިފައެއް އައިސްފައި ނުވާތީ ނޫސްވެރިން ސުވާލު ދެންނެވުމުން ސަޢީދު ވިދާޅުވީ އެކަން ކުރެވޭނީ އެކަމާބެހޭ ގޮތުން ކަމާބެހޭ ފަރާތްތަކުގެ ލަފާ އެކުންފުންޏަށް ލިބި ތަންފީޒު ކުރުމަށް އެންގުމުން ކަމަށެވެ.
އެއީ ރައްޔިތުން ވަރަށް ބޮޑަށް ޝަކުވާ ކުރަމުން އަންނަ މައްސަލައަކަށްވާތީ އެކަން އަވަސް ކުރުމަށް ފެނަކައިން ވެސް ބޭނުންވެއެވެ. އެހެން ނަމަވެސް ފަނަކައިން އިންތިޒާރު ކުރަނީ ކަމާބެހޭ ފަރާތްތަކުގެ ބަހަކަށެވެ.
މިކަން ރައްޔިތުންނަށް މައްސަލައަކަށްވީ ގެއަށް ގުޅާފައި ހުންނަ ފެން އިސްކުރުން ބޭނުން ކުރިޔަސް ނުކުރިޔަސް ކޮންމެ މަހަކު 30 ރުފިޔާ ނަގަމުންދާތީއެވެ.
ސަޢީދު ވިދާޅުވީ ފެނަކައިން އަބަދުވެސް މަސައްކަތް ކުރައްވާނީ ރައްޔިތުންނަށް ދެއްވާ ޚިދުމަތް ރައްޔިތުން ބޭނުންވާ ގޮތަށް ވީހާ ވެސް ގާތުން އަވަހަށް ފޯރުކޮށް ދެއްވުމަށް ކަމަށެވެ.