އަހަރެމެންގެ ތެރެއިން ގިނަ މީހުން އުމުރުން ތިން، ހަތަރު، އަހަރުގެ ހަނދާންތަކެއް ނުހުރެއެވެ. ހަތް އަހަރުކުރީގެ ހަނދާންތައް ހުންނަނީ ވަރަށް ކުޑަކޮށެވެ.

ކުޑައިރުގެ ހަނދާންތައް އާވޭތޯ ފިކުރުކުރުމުން އެ ކަންތައްތަކަކީ ހިނގައިފާވާ ކަންތައްތަކެއްކަން ރަނގަޅަކަށް ނޭނގެއެވެ. ގިނަފަހަރަށް ހަނދާން ވަނީ މީހުން ކިޔައިދޭ ވާހަކަތަކުން ނުވަތަ ފެންނަ ފޮޓޯތަކުންނެވެ. މިއަށް ކިޔަނީ " ޗައިލްޑްހުޑް އެމްނޭޝިއާ" އެވެ. މިކަމަކީ ސައިކޮލޮޖިސްޓުންނަށް ވެސް ވާގޮތް ރަނގަޅަށް އެނގިފައިވާ ކަމެއް ނޫނެވެ.

އާންމުގޮތެއްގައި ކުދިން ރަނގަޅަށް ހަނދާން ނުހުންނަކަމަށް ބެލެވެނީ އެ އުމުރުގައި ކުދިންގެ ސިކުނޑި ރަނގަޅަށް އުފެދިފައި ނުވާތީއެވެ. ނަމަވެސް އުމުރުން އެންމެ ހަމަހުގެ ކުދިންވެސް ކަންތައްތައް ހަނދާން ހުންނަކަމަށް ދިރާސާތަކުން ދައްކައެވެ. އެގޮތުން ހަ މަހުގެ ކުދިންނަށް ކުޅެން ދޭ އެއްޗެއް ނުފެނި ދޭއް ނުވަތަ ތިން ހަފުތާ ފަހުން ފެނުމުން ވެސް އެއިން ކުރަންވާ ބޭނުންތައް ހަނދާން ހުރެއެވެ.

ހަމައެގޮތަށް ޕްރީސްކޫލުގެ ކުދިންވެސް މާ ކުރީގެ ހަނދާންތައް ހުރެއެވެ. ވީމާ އެކުދިންގެ ހަނދާންތައް ދިގުމުއްދަތަކަށް ދެމިހުންނަކަމަށް ގަބޫލުކުރެވެއެވެ. އެހެނަސް މިހަނދާންތައް ހުންނަނީ ގިނަ ފަހަރަށް އެކުދިން ބައިވެރިވާކަންކަން މީގެތެރޭގައި ހިމެނުނީމައެވެ.

ގިނަފަހަރަށް ކަންތައްތައް ހަނދާނުގައި ހަރުލުމަށް ދިމާވަނީ އެކަމެއް ތަކުރާރުވާކަމަށް ވާނަމައެވެ. މިސާލަކަށް ތުއްތު ކުދިން ވާހަކަދައްކަން ފަށާއިރު ބަހަކުން ބަހަކުން ވާހަކަ ދައްކަމުން ތަކުރާރު ކުރެއެވެ. މަންމަ ނުވަތަ ބައްޕަ ތަކުރާރުކޮށް ކިޔައިދޭތީ ހަނދާން ހުރެއެވެ. ހަމަ މިގޮތަށް ހަޔާތުގެ އެކި ހާދިސާތައް ތަކުރާރުވާނަމަ، ނުވަތަ އާއިލާގެ ތެރޭގައި އެވާހަކައެއް ދައްކާ އަޑު އިވޭނަމަ، ހަނދާނުގައި ހަރުލާ ހުރެއެވެ.

މިހާތަނަށް ހޯދި ހޯދުންތަކުން އެންމެ ޅަފަތުގެ ހަނދާންތައް ނުހުންނަނީ ކީއްވެކަން ޔަގީންކަމާއެކު ބުނޭދޭކަށް ނޭނގެއެވެ. އެހެންނަމަވެސް އެންމެ ޅަފަތުގައި ކުރާކަންތައްތައް ގިނަ ފަހަރު ބޮޑުވާއިރު ވެސް އެކުއްޖެއްގެ ކިބައިގައި ހަރުލާފައި ހުރެއެވެ. ބައެއް ދިރަސާތަކުން ދައްކާ ގޮތުގައި ގިނަފަހަރަށް ކަންތައްތައް ހަނދާން ނެތެނީ އެކަންތައްތައް ތަކުރާރު ނުވާތީއެވެ. އަދި ގިނަ އާކަންތައްތައް ޅަފަތުގައި ތަޖުރިބާ ކުރާތީއެވެ. ނަމަވެސް މިއިން އެއްވެސް ކަމަކީ ޅަފަތުގެ ހަނދާންތަށް ހަރުލުމާއި ހަރު ނުލުމަށް ދިމާވާ ސަބަބުތައްކަމަށް ޔަގީންކޮށް ބުނެދޭކަށް ނޭނގެއެވެ.