އއ. ވެލިފިނޮޅުގެ ފަޅު ހިއްކާ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހަށް މި މައްސަލަ ހުށަހަޅާފައިވަނީ ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާނެވެ. މިމައްސަލައަށް މަޖިލީހުގައި ބަހުސް ކުރުމަށް ފާސްކޮށްފައިވަނީ 31 މެމްބަރުންގެ ވޯޓުންނެވެ.

ޝިޔާން ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ ރަސްދޫ މަޑިވަރު ސަރަހައްދުގައި ގިނަ ބާވަތްތަކެއްގެ ކަނޑުގެ ދިރުން ލިބިގެންވާތީ އީޕީއޭ އިން 2018 ވަނަ އަހަރު ހިމާޔަތް ކުރެވިފައިވާ ސަރަހައްދެކެވެ. މި ސަރަހައްދު ނެތިފަނާވެގެންދާގޮތަށް ވެލިފިނޮޅު ހިއްކަމުންގެންދާތީ އެކަން ހުއްޓުވުމަށް ސަރުކާރުގެ އިދާރާތަކަށް ގޮވާލައި މިމައްސަލައަށް ހައްލެއް ހޯއްދަވައިދެއްވުން އެދި މަޖިލީހަށް މައްސަލަ ހުށަހަޅާކަމަށެވެ.

މައްސަލައިގައި އިތުރަށް ބުނެފައިވަނީ ވެލި ފިނޮޅު ނަމުގައި ވެލިގަނޑު ރިޒޯޓުން ބޮޑު ކުރަމުންމިދާ ފަސްގަނޑު މިހާރު ތަރައްޤީކުރަމުން އެދަނީ އެބޭފުޅުންގެ ބައުންޑަރީއިން ބޭރުން ކަމަށް ދާއިރާގެ ރައްޔިތުން ގަބޫލުކުރާކަމަށެވެ.