އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ކުށެއްކަން ސާފުވާގޮތަށް ބަޔާންކޮށް ޤާނޫނުލްއުޤޫބާތަށް އިސްލާހް ގެނައުމަށްޓަކައި ސަރުކާރުގެ ފަރާތުން ފޮނުވި ބިލް މިއަދު މަޖިލީހަށް ހުށައަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިނެވެ.

އިސްލާމް ދީނާ އިދިކޮޅު އަމަލުތައް އިތުރަށް ތަފުސީލުކުރުމަށް މި އިސްލާހު ހުށަހަޅުއްވާފައި ވަނީ ގާނޫނުލް އުގޫބާތުގެ 617 ވަނަ މާއްދާގެ (ހ) ގެ 4 ވަނަ ނަންބަރުގެ ފަހަތަށް އަކުރެއް އިތުރު ކުރުމަށެވެ.

އަދި އެ ކުށުގެ އަމަލުގެ ތެރޭގައި، އިސްލާމްދީނަށް ފުރައްސާރަކުރުމުގެ ޢަމަލުތައް ވަކިން ހިމަނައި، އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ކުށެއްކަން ސާފުވާގޮތަށް ވެސް އެ މާއްދާ އިސްލާޙު ކުރުމަށް ހުށައަޅާފައިވެއެވެ.

ބިލުގައި ބުނެފައި ވަނީ ސަރުކާރުން މި ބިލު ހުށަހެޅުމުގެ ބޭނުމަކީ ގާނޫނުލް އުގޫބާތުގެ 617 ވަނަ މާއްދާގައި މިހާރުވެސް އެކުލެވޭ ކުށެއް ކަމުގައިވާ "އިސްލާމް ދީނާ އިދިކޮޅު އަމަލުތައް" އިތުރަށް ތަފުސީލުކޮށް، އެ ކުށުގެ އަމަލުގެ ތެރޭގައި، އިސްލާމްދީނަށް ފުރައްސާރަ ކުރުމުގެ އަމަލުތައް ވަކީން ހިމަނައި، އިސްލާމްދީނަށް ފުރައްސާރަ ކުރުމަކީ ކުށެއްކަން ސާފު ގޮތަށް އެ މާއްދާގައި ބަޔާން ކުރުން ކަމަށެވެ.

ދީނަށް ފުރައްސާރަކުރުމަކީ ކުށެއްކަން ތަފްސީލުކޮށްދޭން ސަރުކާރުން މަޖިލީހަށް ބިލެއް ފޮނުވީ ނަފްރަތުގެ އަމަލު ހިންގުމަކީ ކުށެއް ކަމުގައި ކަނޑައެޅުމަށް ފޮނުވި ބިލާއި ގުޅިގެން އާންމުންގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ.