ޣިޔާސުއްދީން ސްކޫލުން ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައިވާ ދަރިވަރަކާ ކޮންޓެކްޓްވި އެ ސްކޫލުގެ 6 ޓީޗަރަކު ކަރަންޓީން ކޮށްފިއެވެ.

މިހާރު އެސްކޫލުގެ ދެ ދަރިވަރަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އަދި އެއް ސްޓާފަކު ވަނީ ޕޮޒިޓިވްވެފައެވެ. އެއީ ރާއްޖެއިން ބޭރަށް ގޮސްފައި އައިސް ކަރަންޓީންގެ މުއްދަތު ފުރިހަމަ ކުރުމަށްފަހު ސްކޫލަށް ނުނިކުންނަނީސް ޕޮޒިޓިވްވި މީހެކެވެ.

އެ ސްކޫލުގެ ޖުމްލަ އާބާދީގެ ތެރެއިން 42 ދަރިވަރަކު ވަނީ ކަރަންޓީން ކޮށްފައެވެ. އެއީ ދަތުރު ކުރުމަށްފަހު އެނބުރި އައިސް ހޯމް ކަރަންޓީނުގައި ތިބި ކުދިންނާއި ޑައިރެކްޓް ކޮންޓެކްޓް ވުމުގެ ސަބަބުން ކަރަންޓީން ކޮށްފައިވާ ކުދިން ކަމަށް އެސްކޫލުން ވިދާޅުވިއެވެ. މިހާތަނަށް އެސްކޫލުގައި ކޮމިޔުނިޓީ ސްޕްރެޑެއް އޮތް ކަމަށް ބެލެވިފައެއް ނުވެއެވެ. އެހެންނަމަވެސް ރައްކާތެރި ކަމުގެ އިތުރު ފިޔަވަޅު މާދަމާއިން ފެށިގެން އަޅާނެ ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.

ފާއިތުވި 24 ގަޑިއިރުތެރޭގައި ރާއްޖެއިން ޓެސްޓްކުރި 6،733 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވެފައިވަނީ 151 މީހުންނެވެ. އޭގެތެރެއިން މާލެ ސަރަހައްދުން ޕޮޒިޓިވްވި މީހުންގެ ޖުމްލައަކީ 42 އެވެ.