ށ. ފުނަދޫ، ފިޒާ، ޒުލްފާ ހާމިދަކީ ކުޅަދާނަ ފެހުންތެރިއެކެވެ. އޭނާއަކީ ރީތިކޮށް ފަހަގައިގެން މީހުންގެ ތައުރީފު ހޯދަމުންދާ ފެހުންތެރިއެކެވެ. އޭނާއަކީ ވަގުތަށް ފަހައިދީގެން މީހުންގެ އިތުބާރު ހޯދާފައިވާ މީހެކެވެ. އޭނާ އެންމެ ބޮޑަށް މަސައްކަތް ކުރަނީ ކަސްޓަމަރު ބޭނުންވާ ގޮތަށް ބޭނުންވާ ދުވަހަކަށް ހެދުން ނިންމުމަށެވެ.
ފަހަން ފެށުނުގޮތް
ޒުލްފާ ބުނާގޮތުގައި އޭނާ އަކީ ކުޑައިރު ފަހައި އުޅުނު މީހެއް ނޫނެވެ. ނަމަވެސް ފުރާވަރު އުމުރުގައި މާމަ ގޮވައިގެން މާލެ އައި ދަތުރެއްގައި ހުރިގޭގައި އުޅޭ މީހަކު ފަހާތަން ފެނުމުން ފެހުމަށް ޝައުގުވެރި ވީއެވެ. ޒުލްފާ އަށް އޭނާ ފަހާތަން ފެންނަނީ ދުވާލަކު ގަޑިއެއްހާއިރެވެ. އެހެން ނަމަވެސް އޭނާ ކަތުރު ޖައްސާގޮތާއި ކަނޑަށް އެއުޅޭގޮތް ވަރަށް ޝައުގުވެރިކަމާއެކު ބަލަން ހުރި ޒުލްފާ މާލެއިން ރަށަށް އައުމާއެކު ފަހާފޮށި ދޮށުގައި އިށީނދެ ފަހަން ފެށިއެވެ. އެއްވެސް މީހެއްގެ އިރުޝާދަކާއި ބުނެދިނުމެއް ނެތި މާލެއިން އެފެނުނު މަންޒަރު ހިތުގައި ބިންވަޅު ނަގައިގެން އައިސް ޒުލްފާ ފަހާފޮށީގެ ބުރު އަނބުރާލިއެވެ. އޭރުގެ އަންހެން ކުދިން ލާ ކުރު ހެދުންބުރި މިޑީ އަށް ބަދަލުކޮށްލިއެވެ. ރީތި ޑިޒައިންތަކަށް ރަށުގެ ގިނަ ކުދިންނަށް ހެދުންފަހައިދޭން ފެށިއެވެ. ރަށުގެ ގިނަ ކުދިންނަށް ހެދުން ފަހަމުންދިޔަ ޒުލްފާ އަށް ޒުވާނުންގެ މަރުކަޒުގައި ހިންގި ބޭސިކް ފަހާ ކޯހެއް ގައި ބައިވެރިވުމުގެ ފުރުސަތު ލިބުނެވެ. މި ކޯހުގައި 80 މީހުން ބައިވެރި ވުމަށް އެދި ފޯމު ހުށައެޅިއެވެ. ނަމަވެސް ޖާގަ އޮތީ 20 މީހުނަށެވެ. އެހެންކަމުން ގުރުއަތުން އެއްވަނަ ނަންބަރު ނެގުނު ޒުލްފާ ކޯސް ނިންމާލީ މުޅި ކޯހުން އެއްވަނަ ހޯދައިގެންނެވެ.
"ކޯހުގައި ބައިވެރިވި އިރު މިންނެގުމަކީ ކިހިނެއް، ކޮން ގޮތަކަށް ކުރާކަމެއް ކަމެއްވެސް ނޭނގޭ. ކޯސް ނިމުނު އިރު މިން ނަގައިގެން ކަނޑަން ދަސްވި. އަދި ޒިޕް އެޅުމާއި ދިވެހި ލިބާސް، ދިގު ހެދުންފަދަ ދިވެހިންލައި އުޅޭ ހުރިހާ ބާވަތެއްގެ ހެދުން ފަހަން ދަސްވި" ޒުލްފާ ބުންޏެވެ.
އޭގެ ފަހުން އައްޑޫ ސިޓީގައި ސަރުކާރުން ބޭއްވި ފަހާ ކޯހެއްގައި ބައިވެރިވުމުގެ ފުރުސަތު ޒުލްފާއަށް ލިބުނެވެ. މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުން ޒުވާނުން ބައިވެރިކޮށްގެންހިންގި ކޯހެކެވެ.
"މި ކޯހުގައި ކުރިން ނޭނގޭ އެތައް އެއްޗެއް ފަހަން ދަސްވި. ކޯސް ނިންމާފައި ރަށަށް އައިސް އުޅެނިކޮށް އެއްދުވަހު ރެޑިޔޯ އިން ކީ ޚަބަރެއްގައި އަޑު އިވުނީ، މި ކޯހުން އެއްވަނަ އަށް ދިޔައީ ޒުލްފާއޭ. ވަރަށް އުފާވި އޭގެ ކުރިން އުންމީދެއް ވެސް ނުކުރަން ވަނައަކަށް ހިނގައިދާނެކަމަށް،" ޒުލްފާ ބުންޏެވެ.
މިހާރު ޒުލްފާއަށް ފަހަން ނޭނގޭ ބާވަތެއް ނެތެވެ. ވެޑިން ޑްރެސް އާއި ތީމު ހެދުމުގެ އިތުރުން އެކިބާވަތުގެ ޔުނިފޯމު، ގައުމީހެދުން ފާސްކުރި ހެދުން ފަދަ ހުރިހާ ބާވަތެއްގެ ހެދުން ޒުލްފާ ފަހައެވެ. ގިނަ މީހުން ޒުލްފާ ގާތަށް ފަހަން އަންނަނީ އޭނާ ފަހާ ހެދުން ގަޔަށް ރީތިވީމައެވެ. އިތުރަށް ބުނެލާނެ ކަމެއް ނެތްވަރަށް ފުރިހަމަވީމައެވެ. މީހުންނަށް ހެދުން ފަހައިދިނުމުގެ އިތުރަށް ޒުލްފާއަށް ލިބިފައިވާ ހުނަރު އެހެން ފަރާތްތަކަށް ދަސްކޮށްދެއެވެ.
އެހެނިހެން މަސައްކަތް
ހަކުދިންގެ މަންމަ ޒުލްފާ އަކީ ހަމަ އެކަނި ފަހާ މީހެއް ނޫނެވެ. ފެހުމުގެ އިތުރަށް ޒުލްފާ އަކީ ޕޭސްޓްރީ ކޯހެއް ހަދައި ޕޭސްޓްރީގެ ގިނަ ވައްތަރު ހަދާ މީހެކެވެ. މީގެ އިތުރަށް ރީތި ޑިޒައިން ތަކަށް ކޭކު އެޅުމަކީވެސް ޒުލްފާ އަށް ލިބިފައިވާ ހުނަރެކެވެ. އެހެންކަމުން ހަފުލާތަކަށް ޕޭސްޓްރީ ހަދާ ކޭކު އެޅުމަކީވެސް ޒުލްފާ ކުރާ މަސައްކަތެކެވެ.
ކުޅިވަރުގެ މައިދާނުގައި
ޒުލްފާ އަކީ ރަށުގައި ކުޅޭ ހުރިހާ ކުޅިވަރެއްގައިވެސް ބައިވެރިވާ ކަނބަލެކެވެ. އަންހެނުން ކުޅޭ ކޮންމެ ކުޅިވަރެއްގައިވެސް އިސްކޮށް ޒުލްފާ ހަރަކާތް ތެރި ވެއެވެ. މިގޮތުން ފުޓްސެލް، ފުޓްބޯޅަ، ވޮލީ ފަދަ މުބާރާތް ތަކުގައި ޒުލްފާގެ ކުޅުން ފެނެއެވެ. އަދި ޚާއްޞަކޮށް ސަގާފީ ކުޅިވަރުތަކުގައި ޒުލްފާ ފާހަގަ ކޮށްލެވެއެވެ. ހަމަ އެހެންމެ އީދުގައި ކުޅޭ ސަގާފީ ކުޅިވަރުތަކުގައި އިސްސަފުގައި ހުންނަ އެކަކީ ޒުލްފާއެވެ. މިގޮތުން ކޯޑި ކުޅުމާއި ދަނޑި ޖެހުން، ބިލެއްދަފި ނެގުން، ވެދުމާ ދިއުން ފަދަ ކުޅިވަރުތަކަށް އޭނާ ވަރަށް ފަރިތައެވެ. އަދި ބެރާ އެއްވަރަށް ލަވަކިޔުމުގައި ޒުލްފާވަރެއް ނެތެވެ.
"ދަނޑިޖަހަން ފަތީގައި ހުއްޓާ ފެނުނީ ދަރިފުޅު އަނެއް ފަތީގައި ހުއްޓާ އޭގެ ފަހުން ދަނޑި ޖަހަން ފައްޗަކަށް ނާރަން" ޒުލްފާ ދަނޑިޖެހުމުން ދުރުވިގޮތް ކިޔައި ދެމުން ބުންޏެވެ. ދަނޑިޖަހަން ގެންގުޅުނު ދަނޑިބުރި ބޭއްވިއަސް އޭނާ ކުޅިވަރަކާ ވަތްކެއް ނުވެއެވެ. ލަވަކިޔުމުގައި ނަގާކިޔާ އެކަކީ ޒުލްފާއެވެ.
މިކަން ކަމުގެ އިތުރުން މިހާރު އޭނާއަކީ ސިޔާސީ ދާއިރާގައި ވެސް ހަރަކާތްތެރިވާ ހިތްވަރުގަދަ އަންހެނެކެވެ. މިހާރު އޭނާއަކީ އެރަށުގެ ކައުންސިލްގެ މެމްބަރެކެވެ. މި ދާއިރާއަށް އޭނާ ނުކުތީ ރަށުގެ ކަމުވޮށިވެގެންވާ މީހުންގެ އެދުމަށެވެ.
ޒުލްފާ އަކީ އޭނާގެ ހިތްވަރާއި މަސައްކަތުން ގިނަ ކާމިޔާބީތަކެއް ހޯދައިފައިވާ ކަނބަލެކެވެ. އެތައް ބައެއްގެ އިތުބާރާއި ރުހުން ލިބިފައިވާ ކަނބަލެކެވެ. ޒުލްފާ މިހާރު ބޭނުންވަނީ ޅަދުވަހު ފުރުޞަތު ނުލިބުމުން ހުއްޓާލަން ޖެހުނު ތަޢުލީމު ޙާސިލުކުރުމަކަށެވެ. ހިތްވަރުކޮށްލާށެވެ. ކާމިޔާބު އޮތީ އަތްފޯރާ ފަށުގައެވެ.