ކާށި ކިރުން ތެޔޮ ހޭނުމަކީ ވަރަށް ކުރީއްސުރެން ދިވެހީން ކުރަމުން އަންނަ ޘަޤާފީ މަސައްކަތެކެވެ. ކާށި ތެލަކީ ވަރަށް ގިނަ ކަންކަމަށް ބޭނުން ކުރެވޭ އެއްޗެކެވެ. އެގޮތުން އެއީ ބޮލުގައާއި ގައިގައި ލާން ވަރަށް ރަނގަޅު ތެލެކެވެ. ކެއްކުމަށާއި ކާއެއްޗެތި ތެލުލާން ބޭނުންތެރި އެއްޗެކެވެ. ކުކިންގ އޮއިލް އިމްޕޯރޓްކުރަން ފެށުމުގެ ކުރިން، ކައްކާ ތެލުގެ ހުރިހާ ބޭނުންތަކެއް ފުއްދައި އުޅުނީ ކާށި ތެލުންނެވެ.

ކާށި ތެލަކީ ދިވެހި ބޭސްވެރި ކަމުގައި ވެސް ބޭނުން ކުރި އެއްޗެކެވެ. އެގޮތުން އެ ތެލުގައި ބޭސް ގިރައި އުޅުނެވެ. އަދި ތަދުވާ ތަންތަނުގައި ތެޔޮދަމަން އެ ތެޔޮ ބޭނުން ކުރިއެވެ. މިކަމަށް ހުސް ތެޔޮ ހޫނުކޮށްގެން ވެސް ބޭނުން ކުރިއެވެ. އަދި އެކިއެކި ބޭސް އޭގައި ގިރައިގެން ވެސް ބޭނުން ކުރިއެވެ.

ތެޔޮ ހާނަން ފުރަތަމަ ކުރަން ޖެހޭ ކަމަކީ އެކަށީގެންވާ އަދަދަކަށް ކާށި އަޅައި، ހެހެ، ނަރުތައް ފިލުވައި ސާފު ކުރުމެވެ. ދެން ހުނިގޮނޑިއަކުން ހުނި ގާނަނީއެވެ. ހުނި ގޮނޑިއަކީ ފޮޓޯގައިވާ ބައްޓަމަށް ލަކުޑިން ހަދާފައިވާ އެއްޗެކެވެ. ހުނިގޮނޑީގައި އިށީނދެ އިނދެގެން ހުނި ގޭނޭނެއެވެ. ހުނި ގާނަނީ ހުނިގޮނޑީގެ ކުރީކޮޅުގައި ހަރުކޮށްފައި ހުންނަ ތިލައަކުންނެވެ. ތިލައިގައި ހުންނަނީ ދަތް ކަނޑައިފައެވެ. (ފޮޓޯގައިވާ ހުނި ގޮނޑީގެ ތިލަ ވަނީ ނައްޓާލައިފައެވެ.) ހުނި ގާނަނީ ކާށިކިބައިގައި ދެ އަތުން ހިފައިގެން، ކުރިއަށް ފަހަތަށް އަވަސްއަވަހަށް ހާކާ ހަރަކާތަކުންނެވެ. ގާނާ ހުނި އެޅޭނީ ހުނިގޮނޑީގެ ކުރީގައި ބަހައްޓާފައި ހުންނަ ތަގަރިއަކަށެވެ. އެ ހުންނާނީ ފޮޓޯގައިވާ ބައްޓަމަށް ލަކުޑިގަނޑަކުން ކޮނެފައެވެ. ތަގަރީގެ އެކި ސައިޒްތައް ހުރެއެވެ. ގިނައިން ތެޔޮހާނާ ގޭގޭގައި ގިނަބަޔަކު ލައްވައި ހުނި ގާނުވައިފައި ބޮޑެތި ތަގަރި ތަކަށް އަޅައެވެ.

ހުނި ގާނައި ނިމުނީމާ އިލާގަނޑަކަށް އަޅައިގެން ކިރު ފެލަނީއެވެ. އިލާއަކީ ރުކުގެ ބޮންތީގެ ބުޑުގައި އޮޅިފައި އޮންނަ ފޭރާން ދެރަ ފަށަލައެކެވެ. ހުނިއަޅައިފައި، އޮޅައި ވާންކޮށްފައި ދެ އަތުން ފިތީމާ އެއިން ކިރު ނުކުންނާނެއެވެ. އެއްފަހަރު އަންނާނެ ކިރު ފެލައި ނިމުނީމާ ފެން އަޅައިގެން އަނެއްފަހަރު ފެލާނީއެވެ. ކިރު ފެލައި ނިމުނީމާ ބޮޑު ތެއްޔަކަށް ނުވަތަ ކައްކާ ލޯގަނޑަކަށް އަޅާފައި ކިރުކަނޑަން ބަހައްޓަނީއެވެ. ދެ ދުވަހަކުން ކިރުކެނޑި މައްޗަށް އަރާނެއެވެ. އަދި ފެންތައް އަޑިއަށް ދާނެއެވެ. ކިރު ކެނޑިފައި ހުންނައިރު އޭގެ ކުލަ ހުންނާނީ އުޑުވިލާ ކުލައިގައެވެ.

ކިރު ކެނޑުނީމާ އެ އަޅާނީ ތާހަކަށެވެ. ދެން ތާސް އުދުނަށް އުދައިގެން ތެޔޮ ހާނަނީއެވެ. ތެޔޮ ހާނާ ނިމުމުން ހިހޫކޮށްފައި އިލާގަނޑު ބޭނުން ކޮށްގެން އޭގައި ހުންނަ ހަރު ބައި ވަކިކުރެއެވެ. އެ ހަރުބަޔަށް ކިޔަނީ ތެޔޮކުނޑިއެވެ. އިހު މީހުން ޤަބޫލު ކުރިގޮތުން އެއީ ބަނޑަށާއި މުޅި ހަށިގަނޑަށް ވަރަށް ރަނގަޅު އެއްޗެކެވެ. ތެޔޮކުނޑިއަކީ ވަރަށް މީރު ވެސް އެއްޗެކެވެ. ތެޔޮ ހާނާ ދުވަސް ދުވަހު ގޭ އެއްމެން އެ ކާނެއެވެ.

ބޮލުގައާއި ގައިގައިލާ ތެޔޮ ހުދުކުރާނެއެވެ. އެކަން ކުރަނީ ފުޅިފުޅިއަށް އަޅައިގެން ލަންސި މުލާއި ކަރަންކާ ގަހުގެ ބުޑާއިލައިފައި އަވީގައި ބަހައްޓައިގެންނެވެ. ގިނައިން ތެޔޮހުރިނަމަ ހުދު ކުރާނީ ބިއްލޫރި، ލޭނު ބޮތްކަށް އަޅައިގެންނެވެ. ތެޔޮ ހުދުކޮށް ނިމުނީމާ އޭގައި ވަރަށް މީރުވަސް ދުވާނެއެވެ.

އެހާ ހިސާބުން ތެޔޮހާނައި ނިމުނީއެވެ. ދެން އޮންނާނީ އެ ބޭނުން ކުރުމާއި ވިއްކުމެވެ. ކުރީ ޒަމާނުގައި ބޭރު ރަށްރަށުން ވެސް ތެޔޮ ގަންނަން އާދެއެވެ.

- މި ލިޔުމަށް މައުލޫމާތު ދެއްވީ މަރީނާ އަބްދުﷲ، އަސްރަފީގެ، ތ. އޮމަދޫއެވެ. އެއީ އެލިއާ ޢަލީ ޢަބްދުﷲ ގެ އެއްބަނޑު އެއްބަފާ ކޮއްކޮއެވެ. އަދި ލިޔުންތެރިޔާގެ މައިދައިތައެވެ. އޭނާ އަކީ ފުޅާ ދާއިރާއެއްގައި ވިޔަފާރި އުސޫލުން ކާށި ތެޔޮ ހޭނުމުގެ މަސައްކަތް ކުރެއްވި ބޭކަނބަލެކެވެ.