ހދ. ނޭކުރެންދޫގައި ގާއިމު ކުރުމަށް ނިންމާފައިވާ ޖަލުގެ މަސައްކަތްތަކާ ގުޅޭގޮތުން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އާ ސުވާލުކުރަން ނިންމައިފިއެވެ.

ހޯމް މިނިސްޓްރީގެ ބެލުމުގެ ދަށުން ނޭކުރަންދޫގައި ޖަލެއް އެޅުމަށް ނިންމާފައި ވަނީ 2019 ވަނަ އަަހަރު އެވެ.

ނޭކުރަންދޫ ޖަލާ ގުޅޭގޮތުން އިމްރާނާ ސުވާލުކުރަން ހުށަހެޅީ ނޭކުރެންދޫ އެދާއިރާގައި ހިމެނޭ މަކުނުދޫ ދާއިރާގެ މެމްބަރު މުޙައްމަދު ރާއީއެވެ.

ރާއީ އެދިވަޑައިގެންފައިވަނީ އެ ޖަލު ގާއިމު ކުރުމަށް މިހާތަނަށް ކޮށްފައިވާ އަމަލީ މަސައްކަތްތަކުގެ މައުލޫމާތު ދިނުމަށެވެ.

އެގޮތުން ރާއީ ހުށަހަޅާފައިވާ ސުވާލުތަކުގެ ތެރޭގައި 2019 ވަނަ އަހަރުން ފެށިގެން ސަރުކާރުން ހދ. ނޭކުރެންދޫގައި ހޯމް މިނިސްޓްރީގެ ބެލުމުގެ ދަށުން ގާއިމު ކުރުމަށް ނިންމާފައިވާ ކަރެކްޝަނަލް ސެންޓަރު އެޅުމަށް މިހާތަނަށް ކުރެވިފައިވާ އަމަލީ މަސައްކަތަކީ ކޮބައިތޯ އާއި ކޮންމެ އަހަރަކު ދައުލަތުގެ ބަޖެޓުން އެކަމަށް ބަޖެޓް ކުރާ ފައިސާއިން އެތަން އިމާރަތްކުރުމަށް ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލް ހޯދުމަށްވެސް ވަނީ އެދިފައެވެ.