މިސް ހަކުރާ ފެއަރ ރީތީގެ މުބާރާތަކީ 1978 ގައި ބޭއްވި ހަކުރާ ފެއަރ ކާނިވަލުގެ ފަރާތުން ރާވައި ހިންގި މުބާރާތެކެވެ. ބައިވެރިވާން އެދުނު ކުދިންގެތެރެއިން ކާނިވަލު ރޭވިފަރާތުން ހޮވީ 12 ކުދިންނެވެ. އެކުދިންގެ މެދުގައި މުބާރާތް ބޭއްވީ 26 މޭ 1978 ގައެވެ. މުބާރާތުގެ ފަޑިޔާރުންނަކީ ކަނޑި އަހުމަދު އިސްމާއީލު މަނިކާއި ކޮލި މުޙައްމަދު ޢުމަރު މަނިކާއި ނަސީމާ މޫސާއާއި ރަޝީދާ މުޙައްމަދު ދީދީއާއި މަސްއޮޑި އަޙުމަދު ނަސީމްގެ އިތުރުން ސިއްކަ މުޙައްމަދު އިސްމާއީލު މަނިކެވެ.

މިސް ހަކުރާ ފެއަރ އަކަށް ހޮވުނީ އާއިޝަތު އިބްރާހީމް ދީދީ، މއ. އަންނާރުގެއެވެ. ފުރަތަމަ ރަނަރ އަޕް އަކީ ފާތިމަތު ބަދޫރާ، ހ. ކޮކޮނެޓް ވިލާއެވެ. ދެވަނަ ރަނަރ އަޕްއަކީ މަރިޔަމް، ގ. ނޫރާނީ ވިލާއެވެ. ފޮޓޯގައި ތިބީ (ވައަތުން ކަނައަތަށް) ބަދޫރާ، ޢާއިޝަތު އާއި މަރިޔަމްއެވެ.

މިސް ހަކުރާ ފެއަރ އާއިޝަތު އިބްރާހީމް ދީދީގެ ބޮލުގައި ތާޖު އަޅުއްވައި ސޭޝް ހަރުކޮށް ދެއްވީ ކަނޑި އަޙުމަދު އިސްމާއީލު މަނިކެވެ. ޢާއިޝަތުއަށް މޫންލައިޓް ނޫހުގެ ފަރާތުން ޚާއްސަ އިނާމެއް ވެސް ދިނެވެ. މިސް ހަކުރާ ފެއަރ އަށާއި ދެ ރަނަރސް އަޕްއަށް ހަކުރާ ފެއަރގެ ފަރާތުން ފައިސާގެ އިނާމް ދިނެވެ. މުބާރާތުގެ ހުރިހާ ބައިވެރިންނަށް ފެއަރގެ ފަރާތުން އިނާމު ދިނެވެ. ހުރިހާ އިނާމެއް ބައްސަވައި ދެއްވީ މުޙައްމަދު ޢުމަރު މަނިކެވެ.