ކޮވިޑް-19 ބަލީގައި އާއިލާ މެމްބަރަކު މަރުވުމުން، އެކަމުގެ ރުޅީގައި ޑޮކްޓަރުގެ ގައިގައި ޖެހި މީހަކު، ބޮމްބޭ ހައި ކޯޓުން އެއްލައްކަ ރުޕީސްއިން ޖޫރިމަނާކޮށްފިއެވެ.

ހައި ކޯޓުގެ ހުކުމުގައި އަމުރުކޮށްފައިވަނީ ޗީފް މިނިސްޓަރުގެ "ކޮރޯނާކެއަރ" ރިލީފް ފަންޑަށް އެއްލައްކަ ރުޕީސް ޖަމާކުރުމަށެވެ.

ރިޕޯޓްތައް ބުނާގޮތުން، މިއީ، ކޮވިޑްބަލީގެ ހާލަތުގެ ތެރޭގައި ޑޮކްޓަރެއްގެ ގައިގައި ޖަހައިގެން އިންޑިއާގައި މީހަކު މިހާބޮޑު އަދަދަކުން ޖޫރިމަނާކުރި ފުރަތަމަ ފަހަރެވެ.

ޑޮކްޓަރުގެ ގައިގައިޖެހި، އުމުރުން 28 އަހަރުގެ ޝިވާޖީ ޖާދާވްގެ މައްޗަށް ޖުރިމަނާގެ ހުކުމް އިއްވަމުން ބޮމްބޭ ހައި ކޯޓުން ބުނެފައިވަނީ، ކޮވިޑް ބަލީގައި މަރުވާ މީހެއްގެ އާއިލާއަށް ލިބޭނެ ފުން ހިތާމަތައް ވަރަށް ރަނގަޅަށް އެނގޭ ކަމަށެވެ.

އެހެން ނަމަވެސް، ބަލިމަޑުކަމުގެ މިހާލަތުގައި "ކޮރޯނާ ބަތަލުންގެގޮތުގައި" އެއްވެސް އަމިއްލަ އެދުމެއްނެތި ޑޮކްޓަރުންނާއި، ނަރުހުންނާއި، ސިއްހީ ދާއިރާގެ އެހެނިހެން ސްޓާފުން ކުރަމުންދާ ބުރަ މަސައްކަތުގެ މަތިން ހަނދާން ނައްތާލައިގެން ނުވާނޭ ކަމަށް ހައި ކޯޓުން ބުނެފައި ވެއެވެ.

ހައި ކޯޓުން ބުނެފައިވަނީ، ޖިސްމާނީގޮތުން އަދި އަނގަބަހުންވިޔަސް، ސިއްހީ މަސައްކަތްތެރިންނަށް މިޒާތުގެ ހަމަލާތައް އަމާޒުކުރާކަމީ ހިތާމަކުރާ ކަމެއް ކަމަށެވެ.

ސިއްހީ ޚިދުމަތްތެރިން ކުރާ ބުރަ މަސައްކަތުގެ އަގު ނުދެވޭތާނގައި، އެމީހުން ކުރާ މަސައްކަތް އެންމެ ކުޑަމިނުން ބަލައިގަންނަން ޖެހޭނޭ ކަމަށްވެސް ހައި ކޯޓުން ބުނެފައި ވެއެވެ.

ޝިވާޖީ ޖާދާވް ޑޮކްޓަރަށް ހަމަލާ ދީފައިވަނީ ބޮމްބޭގެ ބަރަމަޓީ ހޮސްޕިޓަލުގައެވެ.

ނަރުހުންނާ ދިމާއަށް ހަޅޭފަޅޭޖަހަމުން، ެހެން ޑޮކްޓަރުންނަށްވެސް އިންޒާރުތައް ދެމުން، ޑޮކްޓަރު ބަލިމީހުން ބަލާ ކޮޓަރިއަށް ގަދަކަމުން ވަދެގަނެ އޭނާވަނީ އެ ކޮޓަރީގައި ހުރި ޑޮކްޓަރުގެ ގައިގައި ތަފާލެއް ޖަހާފައެވެ.

މިކަމާ ގުޅޭގޮތުން، ގާނޫނީ ވަކީލު މެދުވެރިކޮށް ޝިވާޖީ ޖާދާވް ކޯޓުގައި ބުނެފައިވަނީ، އާއިލާގެ ގާތްމީހަކު މަރުވުމާއި، އޭގެ އެކަށީގެންވާ ސަބަބެއް ހޮސްޕިޓަލުން އާއިލާއަށް ނުދެވުމުން އެކަމުގެ ރުޅީގައާއި، ކޮށްފައިހުރި އަސަރުގެ ބޮޑުކަމުން އޭނާއަށް ކަންކަން "މާމައްޗަށް" ގެންދެވުނީ ކަމަށެވެ.