ލޯކައިރި ކަޅުވުމަކީ ވަރަށް ގިނަމީހުނަށް ދިމާވާ މައްސަލައެކެވެ. މިކަން ދިމާވާ ވަރަށް ގިނަ ސަބަބުތައް އެބަހުއްޓެވެ. އޭގެތެރޭގައި ނިދި މަދުވުން، މަދުން ފެން ބުއިން، އާއިލާ އިން ވާރުތަކުރުމުގެ އިތުރަށް އުފެދުމުގައި ވެސް ލޯކައިރި ކަޅުވުން ހިމެނެއެވެ.

ލޯކައިރި ކަޅު ވުމަށް ހައްލެއް ހޯދުމަށް ޞިއްޙަތަށް ބަލައިގެން ރަނގަޅު ކާނާ ކައި، ގިނައިން ފެންބޮއި ނިދި ހަމަ ކުރިޔަސް މިކަމަށް ހައްލެއް ނުލިބެއެވެ. ބައެއް މީހުން އަގުބޮޑު ބޭސްތަކާއި ކްރީމްތައް ގަނެގެން އުނގުޅައެވެ. ނަމަވެސް މި އަގުބޮޑު ކްރީމްތަކުގައި ބޭނުން ކުރާ އެކައްޗެއް ކޮންމެ ގެއެއްގެ ބަދިގެއިންވެސް ފަސޭހަކަމާއެކު ލިބެން ހުރެއެވެ. އެއީ އާންމުކޮށް ބޭނުންކުރާ އަލުވިއެވެ.

އަލުވީގައި ހުންނަ ގުދުރަތީ މާއްދާއެއް ކަމަށްވާ "ކެކްތަކޯލް" އަކީ ހަންގަނޑު އަލިކޮށްދޭ މާއްދާއެކެވެ. އަލުވި ބޭނުންކޮށްގެން ލޯކައިރި ކަޅުވުން ކުޑަ ކުރޭވެ 3 ގޮތެއް މި ލިޔުމުގައި ހިމަނާލާނަމެވެ.

އެންމެ ފުރަތަމަ ތާޒާ އަލުއްވެއް ރަނގަޅަށް ދޮވެލާށެވެ. އެއީ އަލުއްވަކީ ކޮނެގެން ނަގާ އެއްޗަކަށް ވުމުން ވަރަށްގިނަ ފަހަރަށް ވެލި، ކިލާ ނުވަތަ އެހެންވެސް ޖަރާސީމެއް ހަރުލާފައި ހުރެދާނެތީއެވެ.

1- އަލުވި ބޭނުންކޮށްގެން ލޯކައިރި ސާފުކުރުމަށް އެންމެ ފަސޭހަ ގޮތަކީ އަލުވިން ތުނި ފޮތްޗެއް ނަގާ ލޯކައިރި ކަޅުވެފައިވާ ހިސާބުގައި ބޭއްވުމެވެ. މިގޮތަށް ބާއްވާއިރު އަލުވީގެ ދިޔަ ލޮލުގެ އެތެރެއަށް ނޭޅޭނޭގޮތަށް ބޭއްވުމަށް ސަމާލުކަން ދޭންވާނެއެވެ.

2- އަލުވި މަށާލުމަށްފަހު ހިމުންކޮށް ގާނާލާށެވެ. ދެން ގޭނި އަލުވިކޮޅު ތުނި ފޮތިކޮޅަކަށް އަޅާފައި ލޯކައިރީ ބާއްވާށެވެ.

3- އަލުވި ގާނާލުމަށްފަހު ދިޔަ ފެލާލާށެވެ. އެއަށްފަހު އެދިޔަ ފުރޭންޏަކުން ފުރާނާލާށެވެ. ދެން ކަފަކޮޅެއް މި ދިޔަފޮދުން ތެއްމާލުމަށްފަހު ލޯކައިރީ ބާއްވާށެވެ.

މިއިން ކޮންމެ ގޮތަކަށް އަލުވި ބޭނުން ކުރާއިރު ވެސް 15 މިނެޓް ބަހައްޓަން ވާނެއެވެ. މިގޮތަށް ލޯކައިރި ކަޅުވުން ކުޑަކުރުމަށް އަލުވި ބޭނުންކުރުން ރަނގަޅީ ހެނދުނެވެ.

މައުލޫމާތު: ޓިޕްސް އެންޑް ޓްރިކްސް