އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެބަރުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވަން، މަޖިލީހުގެ މިނިވަންވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ފާހެއް ނުވި އެވެ.
އޭސީސީގެ މެމްބަރުން ވަކިކުރަން މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުގެ ބަދަލުގައި އެ ކޮމިޓީން މިއަދު ފާސްކުރީ އޭސީސީގެ މެމްބަރުން ވަކިވަކިން ކޮމިޓީއަށް ހާރިޒުކޮށް، ގޮންޖެހުންތައް އޮޅުން ފިލުވުމަށެވެ.
އޭސީސީގެ މެމްބަރުން ވަކިކުރުމުގެ މައްސަލަ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހުށަހެޅުއްވީ އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު (ހަސަންޓޭ) އެވެ. އޭނާގެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމެވެ. އެ ދެބޭފުޅުންނާއި ކޮމިޓީގެ މުގައްރިރު އަދި އައްްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްގެ އިތުރުން ކޮމިޓީގައި މިއަދު ބައިވެރިވެވަޑައިގަތީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހުސައިން ޝަމީމް (އަނދުން ހުސައިން)، ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް، ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް، ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގް އަދި ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިޝާމެވެ.
އޭސީސީގެ މެމްބަރުން ވަކިކުރަން ހަސަންޓޭ ހުށަހެޅުއްވީ ކޮރަޕްޝަނުގެ ބޮޑެތި މައްސަލަތައް އޭސީސީ އަށް ނުބެލޭ ކަމަށްް ވިދާޅުވެ، އެ މެމްބަރުން ވަކިކުރަން މަޖިލީހުގެ އެމްޑީޕީ މެމްބަރުން ތަކުރާރުކޮށް އެތައް ފަހަރަކު ގޮވައިލައްވާފައި ވަނިކޮށެވެ. އޭސީސީ މެމްބަރުން ވަކިކުރަން ހަސަންޓޭ ހުށަހެޅުއްވީ ވެންޓިލޭޓަރުތަކެއް ގަންނަން ހެލްތު މިނިސްޓްރީން ދުބާއީގެ ކުންފުންޏަކާ ހަވާލުކުރުމުގައި ހެލްތު މިނިސްޓްރީން ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ ކޮރަޕްޝަނުގެ މައްސަލައިގައި އެއްވެސް މީހަކަށް ދައުވާ ނުކުރަން ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ނިންމެވި ދުވަހު އެވެ.
އެ މައްސަލައިގައި ދައުވާ ނުކުރަން ނިންމީ ޕީޖީ އޮފީހުން ބުނި ގޮތުގައި އެއްވެސް މީހަކަށް ކުށް ސާބިތުކުރެވޭ ވަރަށް އޭސީސީން ހެކި ހުށަހަޅާފައި ނުވާތީ އެވެ. އެ މައްސަލައިގައި އެމްޑީޕީގެ މެމްބަރުން ވަނީ އޭސީސީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.