ކ. ރަސްފަރި ފަރަށް ޕެނަމާގެ އާގު ބޯޓެއް އުރުނު މައްސަލައިގައި ފިޔަވަޅު އަޅަން ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.
އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ އެވެ.
މައްސަލަ ހުށަހަޅުއްވަމުން ރާއީ ވިދާޅުވީ ބޯޓު ފަރަށް އެރިޔަ ނުދޭން ބޯޓުގެ ކެޕްޓަން އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށާއި އެކަން ރާއްޖޭގެ ކޯސްޓުގާޑަށް ވެސް އަންގާފައި ނުވާ ކަމަށެވެ. އަދި ބޯޓު އެރި ފަރަކީ ހިމާޔަތްކޮށްފައިވާ ފަރެއް ކަމަށެވެ.
ރާއީ ވިދާޅުވީ އެ ހާދިސާގެ ތިމާވެއްޓަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބި އަދި ރާއްޖޭގެ ސަލާމަަތަށް ވެސް ނުރައްކާވާނެ ކަަަމަކަށް ވާތީ އެ ހާދިސާ ހިނގި ގޮތް އެންމެ ފުރިހަަމައަށް ބަލައި އެކަމުގައި އިހުމާލުވެފައިވާ ފަރާތްތަައް ބަލައި އެފަދަ ކަންކަންކުރިއަށް އޮތް ތަނުގައި ނުހިނގާނެ ގޮތަށް އެޅެން ހުރި ފިޔަވަޅުތައް އަޅަން ސަރުކާރަށް ގޮވާލާ ކަމަށެވެ.
މިދިޔަ ހަފްތާތެރޭ ފަރަށް އެރި ޕެނަމާގެ އެ އާގުބޯޓަށް ރާއްޖެއިން ފުރުމުގެ ހުއްދަ ލިބޭނީ 100 މިލިއަން ރުފިޔާގެ ޑިޕޮސިޓެއް ބަހައްޓާފައިކަމަށް އެންވާރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީން މީގެ ކުރިން ވަނީ ބުނެފައެވެ.
އެ ބޯޓު ފަރަށް އަރާފައިވަނީ ބޯޓުގެ އިންޖީނަށް ދިމާވި މައްސަލައަކާ ގުޅިގެން އިންޖީން ނިވާލުމުން ބޯޓު ޑްރިފްޓު ވެގެން ގޮސްކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ބުނެފައެވެ. ބޯޓު ފަރަށް އެރުމުގައި ބޯޓުގެ ކެޕްޓަންގެ އިހުމާލު އެބަ އޮތްކަންވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
ބޯޓު އުރުނު ރަސްފަރީ ފަރަކީ ހިމާޔަތް ކޮށްފައިވާ ތަނެކެވެ.