ހަނގުރާމަދެކެ ޗައިނާ އެއްގޮތަކަށްވެސް ބިރު ނުގަންނަ ކަމަށް ވިދާޅުވެ، ޗައިނާގެ ރައީސް ޝީ ޖިންޕިންގ ދުނިޔެއަށް ވަރުގަދަ އިންޒާރެއް ދެއްވައިފިއެވެ.

ކޮރެއާ ހަނގުރާމައިގެ ތެރެއަށް ޗައިނާ ސިފައިން ވަދެގަތްތާ 70 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި އިހުތިފާލުގައި ވާހަކަ ދައްކަވަމުން ޝީ ޖިންޕިންގ ވިދާޅުވީ، ޗައިނާގެ އިސްތިގްލާލާއި ސިޔާދަތަށް އަދި ޗައިނާގެ ސަލާމަތަށް އުނިކަމެއް އަތުވެދާނެކަމެއް އަދި ތަރައްގީގެ މަސްލަހަތަކަށް ހުރަހެއް އެއްވެސްކަމެއް ކުރިމަތިވިޔަ ނުދެއްވާނޭ ކަމަށެވެ.

ވަކި ފަރާތަކަށްޖެހިތިބެ، ޗައިނާއަށް ބިރުދައްކައި އަދި ބުލީކޮށްގެން އެއްވެސްކަމެއް ހާސިލްނުވާނެ ކަމަށްވެސް ޗައިނާގެ ރައީސް ޝީ ވިދާޅުވިއެވެ.

ޗައިނާގެ ރައީސް މި މޭރުމުން ވާހަކަ ދެއްކެވި މި ދަނޑިވަޅަކީ، ޗައިނާއާއި އެމެރިކާގެ ގުޅުމުގައި ކުނިޖެހި މަސްރަހް ނުތަނަވަސްވެފައިވާ ދަނޑިވަޅެކެވެ. ޚާއްސަކޮށް ޓައިވާންގެ މައްސަލާގައި އެމެރިކާއިން ކަން ކުރަމުން އަންނަ ގޮތާމެދު ޗައިނާއޮތީ ވަރަށް ބޮޑަށް ހިތްހަމަނުޖެހި ރުޅިއައިސްފައެވެ.

އެމެރިކާގެ ރައީސްކަމަށް ޑޮނަލްޑް ޓްރަމްޕް ވަޑައިގެންނެވި ފަހުން، އެކިއެކި މައްސަލަތަކާހެދި އެމެރިކާއާއި ޗައިނާގެ ގުޅުން އޭގެކުރިން ދުވަހަކުވެސް ހީނަރު ނުވާ މިންވަރަށް މިހާރުވަނީ ހީނަރުވެ ގޯސްވެފައެވެ.

ދުނިޔޭގެ އެންމެބޮޑު އިގްތިސާދު ކަމުގައިވާ އެމެރިކާއާއި ޗައިނާއާ ދެމެދު ގުޅުން ގޯސްވެފައިވާ ކަންކަމުގެ ތެރޭގައި، ވިޔަފާރީގެ މައްސަލަތަކާއި، ޓެކްނޯލޮޖީއާއި، ސަލާމަތީ މައްސަލަތަކާއި، އިންސާނީ ހައްގުތަކުގެ މައްސަލަތަކާއި، ކޮރޯނާވައިރަސްގެ މައްސަލަފަދަ އެތައް ކަމެއް ހިމެނެއެވެ.

ނޮވެމްބަރުމަހުގެ 3 ވަނަ ދުވަހު އޮންނަ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި، ވެރިކަމުގެ ދެވަނަ ދައުރެއް ކާމިޔާބު ކުރެއްވުމަށް ޓްރަމްޕް ގެންގުޅުއްވާ އެއް ސިޔާސަތަކީ، ޗައިނާއާމެދު ހަރުކަށިވުމުގެ ސިޔާސަތެވެ.

އެކަމަކު، ވެރިރަށް ބެއިޖިންގެ ގްރޭޓް ހޯލް އޮފް ދަ ޕީޕަލްގައި ބޭއްވި އިހުތިފާލުގައި ދެއްކެވި ވާހަކައިގައި، ޗައިނާގެ ރައީސް ޝީ ޖިންޕިންގ، އެމެރިކާގެ ނަން ގެންފައެއް ނުވެއެވެ. އެކަމަކު ވިދާޅުވީ، ޗައިނާ ރައްޔިތުންތިބީ ވަރަށް ބަދަހިކޮށް ކަމަށާއި، ޗައިނާ ބައިބައިކޮށް ނުލެވޭނޭ ކަމަށެވެ.