އިންޑިއާގެ ހައިދަރު އާބާދުގައި އަންހެނުންނަށް ކުރާ ފުރައްސާރައާ ދެކޮޅަށް ޕާކެއް ހިންގާ ބަލަހައްޓާ ފަރާތަކުން ވަރަށް ތަފާތު ފިޔަވަޅެއް އަޅައިފިއެވެ. ހައިދަރު އާބާދުގައި އޮންނަ އިންދިރާ ޕާކަކީ އާންމުކޮށް ކޮންމެ ދުވަހަކު ހެނދުނު އަށަކުން ރޭގަނޑު ހަތްގަޑި ތިރީހާ ދެމެދު ހުޅުވާފައި އޮންނަ ޕާކެކެވެ.

އެހެނަސް މި ޕާކު ހިންގާ ފަރާތުން މިހާރުވަނީ އެ ޕާކަށް ހަމައެކަނި ދެމަފިރިންނަށް ވަދެވޭގޮތް ހަދައިފައެވެ. މިގޮތަށް އުސޫލު ބަދަލު ކުރުމުން ގިނަމީހުން އުފައްދާ ސުވާލަކީ ދެމަފިރިންކަން ސާބިތުކޮށްދޭނީ ކިހިނެއް ހެއްޔެވެ؟ ސޯޝަލް މީޑިޔާގައި ގިނަ ފަރާތްތަކުން ބުނެފައިވަނީ ފޮޓޯޖެހި ކައިވެނީގެ ސެޓިފިކެޓު ދައްކައިގެން ނޫނީ އެކަން އެނގޭނެ ގޮތެއް ނޯންނާނެ ކަމަށެވެ.

ޕާކަށް ވަދެވޭ މި އުސޫލުގެ ސަބަބުން ގިނަ ބައެއްގެ ނުރުހުން ވަނީ ޕާކު ހިންގާ ފަރާތަށް ރަށްދުވެފައެވެ. ބައެއް ފަރާތްތަކުން ދެކޭގޮތުގައި މިއީ ރައްޔިތުންގެ މެދުގައި ކުރެވޭ ތަފާތު ކުރުމެކެވެ. އެހެން ކަމުން މިއީ ގާނޫނާ ޚިލާފު ކަމެއް ކަމަށް ވެސް އެފަދަ މީހުން ބުނެއެވެ. އަނެއްބައި މީހުން ސިފަކުރާ ގޮތުގައި މިއީ ޕާކު ހިންގާ ފަރާތުން ޒިންމާތަކުން އެއްކިބާވުމަށް ކުރި ކަމެއް ކަމަށެވެ.

މިގޮތަށް އުސޫލު ބަދަލުކުރީ ޕާކުތެރޭގައި ކުރާ ފުރައްސާރަ ކުޑަކުރުމަށް ކަމަށް ވެއެވެ. އެހެނަސް ސޯޝަލް މީޑިޔާގައި ވަނީ މީހުނާ އިނދެގެން ތިބޭ މީހުން އެހެން މީހުނަށް ފުރައްސާރަ ނުކުރާނެތޯ ސުވާލު ކޮށްފައެވެ. ދެމަފިރިން އެކުގައިވެސް ބޮޑެތި ކުށްތައް ރާވާ ހިންގާ ކަމަށް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ.

ކޮންމެއަކަސް ގިނަ ބައެއްގެ ނުރުހުމާ ގުޅިގެން ޒޯނަލް ކޮމިޝަނާ ސިކަންދަރު އާބާދު ކުރެއްވި ޓުވިޓަކުން މިހާރު ވަނީ އެ އެންގުން ވަނީ ބަދަލުކުރެވިފައެވެ. އަދި ސަލާމަތީ ކަންތައް އިތުރަށް ވަރުގަދަ ކުރުމަށްޓަކައި އިތުރު ފުލުހުން ވަނީ އެސަރަޙައްދަށް ފޮނުވާފައެވެ. ފުލުހުން އިތުރު ކުރުމުން ޕާކުތެރެ އަމާންވާނެ ކަމަށް ބެލެވެއެވެ.