ޑަބްލިއު ކޮންސްޓްރަކްޝަނުން އިމާރާތްކުރަމުން ދިޔަ ތަނަކުން ސިމެންތި ބަސްތާއެއް ވެއްޓި، ބަންގްލާދޭޝްގެ ރައުޝާން ޖިއާން މަރުވި މައްސަލައިގައި ގެއްލުމުގެ ބަދަލުގެ ގޮތުގައި 4.5 މިލިއަން ރުފިޔާ ދިނުމަށް ސިވިލް ކޯޓުން އިއްޔެ އެ ކުންފުނީގެ މައްޗަށް ހުކުމްކޮށްފި އެވެ.

ޖީއާންގެ ބޮލަށް ސިމެންތި ބަސްތާ ވެއްޓިފައިވަނީ ޑަބްލިޔު ކޮންސްޓަރަކްޝަނުން ހަދަމުން ދިޔަ އިމާރާތަކުންނެވެ. ޖިއާންގެ މަރުގެ މައްސަލައާއި ގުޅިގެން އާއިލާގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައި ވަނީ 17.4 މިލިއަން ރުފިޔާގެ ބަދަލު ނަގައިދިނުމަށެވެ.

އެހެންނަމަވެސް ސިވިލް ކޯޓުން މި މައްސަލައިގައި އިއްޔަ އިއްވި ހުކުމުގައި ބުނެފައިވަނީ، 16 ޑިސެމްބަރ 2018 ވަނަ ދުވަހުގެ ހެނދުނު ޑަބްލިއު ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މަސައްކަތްކުރަމުން ދަނިކޮށް ސިމެންތި ބަސްތާތަކެއްގެ ތެރެއިން ދުވާރުމައްޗަށް ވާގޮތަށް ތިރިއަށް ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި، އެވަގުތު ދުވާރުމަތިން ހިނގާފައިދިޔަ ޖިއާންއަށް އެކަމުގެ ސަބަބުން ލިބުނު އަނިޔާތަކަށް ފަރުވާދެމުންދަނިކޮށް ޖިއާން ނިޔާވެފައިވާތީ ޖިއާން ނިޔާވެފައިވަނީ ޑަބްލިއު ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުގެ މުވައްޒަފުންތަކެއް އެކުންފުނީގެ ރަސްމީ މަސައްކަތެއްގެ ތެރެއިން ކުޅަ ފަރުވާކުޑަ ޢަމަލުތަކެއްގެ ނަތީޖާއެއްގެ ސަބަބުންކަން ޖިނާއީ މިންގަނޑުން ޝަރީއަތަށް ސާބިތުވެފައިވާ ކަމަށެވެ.

އެ އަމަލުގެ ސަބަބުން ޖިއާންގެ މައިންބަފައިންނަށް ލިބިފައިވާ ގެއްލުމުގެ މަދަނީ މަސްއޫލިއްޔަތު ވައިކޭރިއަސް ލައިބިލިޓީގެ ދަށުން، އެ އަމަލު ކުރިފަރާތްތައް ތަބާވާ އިދާރާގެ ހައިސިއްޔަތުން ޑަބްލިއު ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އުފުލަންޖެހޭކަން މަދަނީ މިންގަނޑުން ސާބިތުވާކަމަށެވެ.

އަދި، ގެއްލުމުގެ ބަދަލުގެ ގޮތުގައި އެދިފައިވާ ހޯދުމަށް އެދިފައިވާ 17,418,730.03 ރުފިޔާގެ ތެރެއިން ނަގާދެވޭނެ ގެއްލުމުގެ ބަދަލަކީ 4,557،040.86 ރުފިޔާކަމަށް ކަނޑައަޅައި ފައިސާ ދެ މަސް ދުވަހުގެ ތެރޭގައި ދެއްކުމަށްވެސް ހުކުމް ކޮށްފައިވެއެވެ.