ރ. އަލިފުށީގައި އެއާޕޯޓު ތަރައްގީ ކުރަން އެމްޓީސީސީއާ ހަވާލު ކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމެވެ.

އަލިފުށި އެއާޕޯޓް މަޝްރޫއުއަށް 40.5 ހެކްޓަރުގެ ބިން ހިއްކަން ހަމަޖެހިފައިވާ އިރު، 1.2 ކިލޯ މީޓަރުގެ ރަންވޭއެއް ގާއިމުކުރާނެ އެވެ. އޭގެ އިތުރުން ތަރައްގީ އާއި ގެދޮރުވެރިކަމުގެ ބޭނުމަށް 10 ހެކްޓަރުގެ ބިން ހިއްކަން ވަނީ ނިންމައިފަ އެވެ.

އެ މަސައްކަތް އެމްޓީސީސީއާ ހަވާލު ކޮށްފައި ވަނީ 451.6 މިލިއަން ރުފިޔާއަށެވެ. މަސައްކަތް ނިންމަން ހަވާލު ކޮށްފައިވަނީ 750 ދުވަސް (ދެ އަހަރާއި އެއް މަސް) ތެރޭގަ އެވެ.