އޭއެފްސީ ކަޕުގެ ތާރިހުގައި އެމުބާރާތުގައި ކުޅުނު އެންމެ މޮޅު އެއްކުޅުންތެރިޔާ ކަމުގައިވާ ބްރެޒިލްގެ ރޮޖަރީނިއޯގެ މައްޗަށް ސަޕޯޓަރުންގެ ވޯޓުން ބޮޑު ތަފާތަކުން ކުރި ހޯދައި އޭޝިޔަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) އިން މިހާރު ކުރިއަށް ގެންދާ ބްރެކެޓް ޗެލެންޖުގެ ދެވަނަ ބުރުން ރާއްޖޭގެ ފުޓްބޯޅަ ތަރި އަލީ އަޝްފާޤް (ދަގަނޑޭ) މިރޭ ޖާގަ ހޯދައިފިއެވެ.
އޭއެފްސީ ކަޕުގައި ކާމިޔާބު ކޮށްފައިވާ ރީތި ލަނޑުތައް ކެޓަގަރައިޒްކޮށް، ސަޕޯޓަރުންގެ ވޯޓުން ދެކުޅުންތެރިޔަކަށް ފައިނަލަށް ދެވޭ ގޮތަށް ރާވާފައިވާ މިމުބާރާތުގެ ދެވަނަ ބުރުން ދަގަނޑޭ ޖާގަ ހޯދީ ސަޕޯޓަރުންގެ %97 ވޯޓް ހޯދައިގެންނެވެ. އޭއެފްސީ ކަޕް ތިންފަހަރު ކާމިޔާބު ކޮށްފައިވާ ރޮޖަރީނިއޯއަށް ލިބުނީ %3 ވޯޓެވެ.
އޭއެފްސީން ހޮވި 2012 ވަނަ އަހަރުގެ އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާގެ މަގާމް ހޯދި ރޮޖަރީނިއޯގެ ގޯލާއި ވާދަކުރީ ދަގަނޑޭ އޭއެފްސީ ކަޕް 2013 ގައި އިންޑޮނޭޝިޔާގެ ޕާސިބޫ ކޮޅަށް ކާމިޔާބު ކުރި ހިތްގައިމު ލަނޑެވެ. މިލަނޑު ދަގަނޑޭ ޖެހީ ޕާސިބޫގެ ކީޕަރާއި ދެޑިފެންޑަރުން ދަގަނޑޭގެ ބޮޑީ މޫވްމަންޓަކުން ވައްޓާލުމަށްފަހުއެވެ.
ބްރެކެޓް ޗެލެންޖުގެ ދެވަނަ ބުރުގައި ދަގަނޑޭ ބައްދަލު ކުރަންޖެހޭނީ ސިންގަޕޫރުގެ ޚައިރުލް ނިޒާމްގެ މައްޗަށް ކުރި ހޯދި ބަންގްލަދޭޝްގެ ސޮހެލް ރަނާއާއެވެ.