އާދަނު އޭނާގެ އަންހެނުން ފަރީދާ އާއި 2 ދަރިން ފަރީދާގެ ރަށަށް ޗުއްޓީއަށް ފޮނުވާލީ ގޭތެރެ އާބާތުރަ ފިލުވާލުމަށްޓަކައެވެ. ގޭގައި އެކަކުވެސް ނެތުމުން އެ މަސައްކަތް ކުރުމަށް އާދަނަށް ފަސޭހަވާނެތިއެވެ. އޭނާ މަސައްކަތްކުރީ ބޭރު މީހުން ގެނެސްގެންނެވެ. ބިތްގަނޑުތަކުން ސިމެންތި ފައިބައިފައިވާ ތަންތަނަށް ކެމިކަލް އަޅައި، އާބާތުރަ ފިލުވިއެވެ. ކުލަލައި އަލަމާރިތައް ބަދަލު ކުރިއެވެ. ބަދިގެ ވެސް އާކޮށްލިއެވެ.
މަސްދުވަސްތެރޭ އާދަނު މުޅިގެ އާކޮށްލުމަށްފަހު ފަރީދާ އާއި ދެކުދިން މާލެ ގެނެސްފިއެވެ. ގެ ރީތިކޮށް ފަރުނީޗަރު އާކޮށްލާފައި ހުރުމުން އާދަނުގެ ދެކުދިންގެ އިތުރަށް ފަރީދާވެސް ވަރަށް އުފާވިއެވެ.
ސުކޫލު ބަންދު ނިމި ދަރިން ސުކޫލަށް ދާން ފަށައިފިއެވެ. އާދަނުވެސް ގޭގެ ކަންތައްތައް ނިމުމުން ހުރިހާ ވަގުތެއް އޮފީހަށް ހުސްކުރިއެވެ. ފާއިތުވި މަހު ރަސްމީ ގަޑި ފިޔަވައި އިތުރު ގަޑިއެއްގައި އޮފީހުގައި ނޫޅެވުމުން ނުނިމި ހުރި މަސައްކަތްތައް ނިންމުމަށް އަވަދި ނެތި އުޅެއެވެ.
އާދައިގެ މަތީން ފަރީދާ ކުދިން ސުކޫލަށް ގެންދިއުމަށްފަހު ކައްކަން އުނދުން ރޯކޮށްގެން އުޅެނިކޮށް އުނދުން ނިވިއްޖެއެވެ. ގޭސް ހުސްވެގެންނެވެ. އެހެންކަމުން އާދަނަށް ގުޅާފައި ގޭސް ހުސްވި ވާހަކަ ބުނެފިއެވެ. އާދަނު ބުނީ މިއަދު ބޭރުން އެއްޗެއް ގަނެގެން ކާލާނީ ކަމެށެވެ. މެންދުރުފަހު ގެއަށް ގޮސް ގޭހަށް އޯޑަރު ދޭނެ ކަމަށެވެ. ކުރީގައި ފޯނުކޮށްލައިގެން ގެނެވޭ ގޭސް މިހާރު ޖެހެނީ އޮންލައިން ކޮށް އޯޑަރު ދޭށެވެ. އަދި ގެނެސްދެނީ ވެސް ފުރަތަމަ ފަންގިފިލާއާ ހަމަ އަށެވެ. ފަރީދާމެން އުޅެނީ ގޭގެ ދެވަނަ ފަންގިފިލާގައި ކަމަށްވާތީ އާދަނު ޖެހެނީ އަމިއްލަ އަށް ގޭސްފުޅި މައްޗަށް އަރުވާށެވެ. އާދަނު މެންދުރު ގެއަށް އައީ މެންދުރު ކާނެ ތަކެތި ހިފައިގެންނެވެ.
އާދަނު ގެއަށް ވަދެ ފެންވަރާ ހަދާލައިގެން ގޭހަށް އޯޑަރު ދޭންވެގެން ފަރިދާ ގާތު ގޭސް ކޯޑު ބުނެދޭށޭ އެހިއެވެ. ފަރީދާ އެނބުރިލާފައި އެއްވެސް އެއްޗެއް ނުބުނެ އާދަނާ ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ. އާދަނު ދެވަނަ ފަހަރަށް ބުންޏެވެ. ފަރިދާ މިގޭ ގޭސް ކޯޑު ބުނެ ބަލާށެވެ. ފަރިދާ ބުންޏެވެ. އަހަރެން ގޭސް ކޯޑު ލިޔުނީ ބަދިގޭ އަލަމާރީ އަރިމަތީގައެވެ. އާދަނު ޗޮކެއް ކަނޑާލާފައި ބުންޏެވެ. ފަރީދާ އަށް ހަމަ ސާބަހެވެ. އެއީ ގޭސް ކޯޑު ނޯޓު ކުރާ ތަންހެއްޔެވެ؟ ދެން އެ ކޯޑު ހޯދާނީ ކިހިނެއް ހެއްޔެވެ؟ އަހަރެން އެ އަލާމާރި އެއްލާލައިފީމެވެ. އަނެއްކާ މިޖެހުނީ އެތައް ލާރިއެއް އެޑުވާންސަށް ދައްކާފައި އާ ގޭސް ފުޅިއެއް ގަންނާށެވެ. ފަރީދާވެސް އާދަނަށް ދޫނުކޮށް ބުންޏެވެ. އަލަމާރި އެއްލާލާއިރު އޭގައި ހުރި ނަންބަރުތައް އެއްލާލާނެ ކަމެއް ނެތެއްނޫންހެއްޔެވެ؟ އެ ނަންބަރުތައް އެހެން އެއްޗެއްގައި ނޯޓު ކުރެވޭނެ ނޫހެއްޔެވެ؟ މިގޮތަށް ދެމަފިރިން އެކަކު އަނެކަކު ކުށްވެރިކޮށް ދެބަސްވެ އަރާރުމަކަށް ދިޔަ ހިސާބުން ގެއަށް އައިސްވަނީ އާދަނުގެ ރަހުމަތްތެރި ފާއިޒެވެ. ފާއިޒަށް އާދަނާއި ފަރީދާގެ ޒުވާބު އަޑު އިވުމާއެކު އަނގަމަތީ އަތް އަޅައިގެންހުރެ ހޭން ފެށިއެވެ. އަދި އެވަރުން ނުވެގެން ގުދަށް އޮވެ ބާރަށް ހޭން ފެށިއެވެ. އާދަނު ގާތަށް ރުޅިއައިސްގެން ފާއިޒާ ދިމާއަށް ބުންޏެވެ. ފާއިޒު ވެސް އަދި ހެނީހެއްޔެވެ؟ އަހަރެން އަތުގައި ގޭސް ފުޅިއެއް ހުއްޓާ އަނެއްކާވެސް ދެ ހާސް ރުފިޔާ ދީފައި ގޭސް ފުޅިއެއް ގަންނަންވީއެވެ. ރުޅި ނާންނެ ހެއްޔެވެ. ފާއިޒު ހެމުން ހެމުން ބުންޏެވެ. އާދަނާއެވެ. ގޭސްފުޅީގެ ނަންބަރު އަހަރެމެނަށް ނޭނގުނަސް ގޭސް ސެންޓަރުގައި އެ ނަންބަރު އޮންނާނެއެވެ. ގޭގެ އެޑުރެހާއި ފުލޯ ނަންބަރު ބުނީމާ އެމީހުން ގޭސް ކޯޑު ބުނެދޭނެއެވެ. ތިޔައީ ދެމަފިރިން ޒުވާބުކޮށް ވަރިފަށަށް އަރާވަރުގެ ކަމެއް ނޫނެވެ. ފާއިޒުގެ ވާހަކަ އަޑު އަހާފައި ދެމަފިރިންގާތަށް ވެސް ހިނިއައެވެ. އަދި ގޭސް ކުންފުންޏަށް ގުޅައި ގޭގެ ނަމާއި ފުލޯ ނަންބަރު ބުނެ ގޭސް ކޯޑު ހޯދައިގެން ގޭހަށް އޯޑަރުދިނެވެ.