އަފްޣާން ސަރުކާރުގައި އަންހެނުން ބައިވެރި ނުކުރުމާ ދެކޮޅަށް ހީރާތުގައި އިއްޔެ މުޒާހަރާއެއް ބާއްވައިފިއެވެ. މި މުޒާހަރާގައި އަންހެނުންނާއި ޔުނިވަރސިޓީ އަންހެން ދަރިވަރުންނާއި ސަރުކާރު މުވައްޒަފުންނާއި އާންމުންގެ މީހުން ބައިވެރިވިއެވެ.

ބޯޑްތައް ހިފައިގެން މިމީހުން މުޒާހަރާގައި ގޮވާލާފައި ވަނީ އަންހެނުންގެ ބައިވެރިވުން އަފްޣާން ސަރުކާރުގައި އޮތުމަށެވެ. އަދި އެއްވެސް ގައުމެއް އަންހެނުން ބާކީ ކޮށްގެން ތަރައްގީ ވެފައި ނުވާކަމަށް ބުނެފައި ވެއެވެ.

މިމީހުން އެދިފައި ވަނީ އަންހެނުން އުނގެނުމުގެ ހައްގުން މަހުރޫމް ނުކުރުމަށާއި އަންހެނުންނަށް ވަޒީފާއާއި އާމްދަނީގެ ފުރުސަތު ދިނުމަށެވެ.

މުޒާހަރާގެ ބައިވެރިން ބައިނަލްއަގްވާމީ މުޖުތަމައަށްވެސް ގޮވާލާފައި ވަނީ އަންހެނުންގެ ހައްގުތައް ހޯދުމަށް ތާލިބާނަށް ބާރުއެޅުމަށް މަސައްކަތް ކުރުމަށެވެ.

ތާލިބާނުން ވެރިކަމުން ބޭރުކުމަށް އަފްޣާނިސްތާނަށް އަރައި 20 އަހަރު ވަންދެން އެގައުމު ހަލާކުކޮށްލައި މީހުން މެރުމަށްފަހު، އެމެރިކާ މީހުން ހަނގުރާމައިގައި ބޮޑު ބަލިވުމުން ފައިބައިގެން ދިޔައީ ތާލިބާނާ ވެރިކަން ޙަވާލުކޮށްފައެވެ.