ލާމަރުކަޒީ ނިޒާމުގެ ދަށުން، ފުރަތަމަ މާލޭގެ ސިޓީ ޑެޕިއުޓީ މޭޔަރުކަން ކުރެއްވި އަހުމަދު ސަމާހު ރަޝީދު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާ ގުޅިވަޑައިގެންފިއެވެ.

ސަމާހު ޕީޕީއެމާއި ގުޅިވަޑައިގަތީ ރޭ ކާނިވާ ސަރަހައްދުގައި އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދިޔަ "އައްޑަނަ" ޖަލްސާއެވެ. ސަމާހު ވަނީ ޕީޕީއެމަށް ސޮއިކުރައްވާ މެންބާޝިޕް ފޯމް އެ ޕާޓީއާ ހަވާލުކުރައްވާފައެވެ. ސަމާހުގެ ފޯމާއި ހަވާލުވެވަޑައިގެންނެވީ އިދިކޮޅުގެ އެކްޓިން ލީޑަރު އަދި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.ސަމާހު ޕީޕީއެމާއި ގުޅިވަޑައިގެންނެވީ އިތުރު 80 މެންބަރުންގެ ފޯމާއެކުގައެވެ. އެ ފޯމްތައްވެސް އޭނާ ވަނީ އަބްދުއްރަހީމްއާ ހަވާލުކުރައްވާފައެވެ.

ޕީޕީއެމާއި ގުޅިވަޑައިގަތުމާއި ހަމަށްވެސް ހުންނެވީ އެމްޑީޕީގެ މެންބަރެއްގެ ގޮތުގައެވެ.

އިދިކޮޅުން ރޭ ބޭއްވި "އައްޑަނަ" ޖަލްސާއަކީ އެ ޕާޓީގެ މަގުމަތީ ހަރަކާތްތައް ކުރިޔަށް ގެންދިޔުމުގެ ތެރެއިން ގިނަ ދުވަސްތަކަކަށްފަހު އިންތިޒާމް ކޮށްގެން ބޭއްވި ބޮޑު ޖަލްސާއެކެވެ. އެގޮތުން އެ ކޯލިޝަނުގެ ގިނަ އަދަދެއްގެ އިސްވެރިން މިރޭ ވަނީ އެ ޖަލްސާގައި ވާހަކަ ވެސް ދައްކަވާފައެވެ.