ހަރީރާ އަކީ ފަންސާހުގެ ފަހު އަހަރުތައް ގުނަމުންދާ އަންހެނެކެވެ. އޭނާގެ ފިރިމީހާ ކާސިންބެ ގުނަމުން ދަނީ ފަސްދޮޅުހުގެ ކުރީގެ އަހަރުތަކެވެ. ކާސިންބެއަކީ މާލޭ ގެދޮރު ހުރި މީހެކެވެ. މި ދެމަފިރިންގެ ތިންދަރިން ބޮޑުވެ މީހުނާ އިނދެ ކާފަ މާމަ ވެސް ކިޔައިފިއެވެ. ކާސިންބެ އަކީ އުމުރުން ސާޅީސް އަހަރު ވީއްސުރެ ކަސްރަތަށް ހިނގާ މީހެކެވެ.

އެއްދުވަހަކު ފަތިސްނަމާދުކޮށްގެން ކާސިންބެ ހިނގަން ދާން އުޅެނިކޮށް ހަރީރާ ވެސް ކަސްރަތަށް ހިނގަން ދާން ބޭނުން ކަމަށް ބުނެފިއެވެ. ކާސިންބެ ބުންޏެވެ. "މިއަދަކު ދެން ނުދެވޭނެ, މަދަމާ އަށް ބޫޓު ގަނެ ތައްޔާރުވެގެން ދާނީ," މިހެން ބުނެފައި ކާސިންބެ ހިނގަންޖެއެވެ.

އަނެއްދުވަހު ހަރީރާއަށް ބޫޓު ގަނެ ތައްޔާރުވެގެން ކާސިންބެއާއި ހަރީރާ ހިނގަން ނުކުތެވެ. ކާސިންބެގެ ގެ ހުންނަނީ މާފަންނު ސަހަރާ ކައިރީގައި ކަމުން މި ދެމަފިރިން ނުކުތީ ރަސްފަންނާ ދިމާއިން ބޮޑުތަކުރުފާނު މަގަށެވެ. ބޮޑުތަކުރުފާނު މަގުން މާލެ، ވަށާ ބުރެއް ޖެހުމަށް ދެމަފިރިން ހިނގައި ގަތެވެ. ތަންކޮޅަކަށް ދިޔައިރަށް ހަރީރާ މާ ފަހަތަށް ޖެހޭހެން ހީވެގެން ކާސިންބެ ބަލައިލި އިރު ހަރިރާ ހުރީ ކާސިންބެ އަށްވުރެ ވިއްސަކަށް ފޫޓު ފަހަތުގައެވެ.

ކާސިންބެ ހަރީރާ އަންނަންދެން މަޑުކޮށްލައިގެން ހުރެފައި ހަރީރާ އައިސް އަރާ ހަމަވީމަ ބުނެފިއެވެ. ކަސްރަތަށް ހިނގާއިރު ހަރީރާ ގޮވައިގެން ނުހިނގޭނެއެވެ. ނިކަން ހަރުކޮށް ގައިން ދާހިއްލާވަރަށް ހިނގަން ޖެހޭނެއެވެ. ހަރީރާ ޖަވާބުގައި ބުންޏެވެ. ކާސިމު ބާރަށް ހިނގާށެވެ. މަވެސް ދެވޭ އެންމެ ބާރުމިނެއްގައި ދާނަމެވެ.

ހަރީރާ މިހެން ބުނުމުން ކާސިންބެ ހިނގައި ގަތެވެ. ތަންގަޑަކަށް ހިނގާލާފައި އަނެއްކާވެސް ހަރީރާ ފެނޭތޯ ބަލައިލިއެވެ. މިފަހަރު ހަރީރާގެ ބޯކޮޅު ވެސް ފެންނާކަށް ނެތެވެ. އެހެންކަމުން ކާސިންބެ ކޮފީއެއް ބޯން ކާނިވާ ސަރަހައްދުން ހޮޓަލަކަށް ވަނެވެ. ކޮފީ ބޮއިގެން ނުކުތް އިރުވެސް ހަރީރާއެއް ފެންނާކަށްނެތެވެ. ދެން ކާސިންބެ ހީކުރީ ކޮފީ ބޯލަން ވަން ވަގުތު ހަރީރާ ދިޔައީކަމަށެވެ. މިހެން ހިތާ ނިކަން ހަރުކޮށް ހިނގާފައި ކާސިންބެ ގެއަށް ދިޔައެވެ. ގެއަށް ގޮސް ބަލާލިއިރު ހަރީރާ ގެއަކަށް ނާދެއެވެ. ދެން ކާސިންބެ މަގުމަތީގައި ހަރީރާގެ އިންތިޒާރުގައި މަޑުކޮށްލިއެވެ. މިހެން ހުންނަތާ ބައިގަޑިއެއްހާއިރު ވީފަހުން ކާސިންބެ ފޯނަށް ނުދަންނަ ނަންބަރަކުން ގުޅައިފިއެވެ. އެކޮޅުން ވާހަކަ ދެއްކި ފަރާތުން ދިން ޚަބަރަކުން ކާސިންބެ ބޯ ހޫރުވަމުން ގޮސް ސައިކަލަށް އަރާ ދުއްވާލިއެވެ. ފޯނު ކުރި ފަރާތުން ކާސިންބެ ގާތު ބުނީ ހަރީރާ ހިނގަނިކޮށް އަނބުރައިގަނެގެން ވެއްޓިފައި އޮއްވާ ބަޔަކު ހޮސްޕިޓަލަށް ގެންދިޔަ ވާހަކައެވެ. ކާސިންބެ ދިޔައިރު ހަރީރާ އޮތީ އެމެޖެންސީ ރޫމުގައެވެ. ޑޮކްޓަރާ ބައްދަލު ކުރުމުން އެނގުނީ ހަރީރާ އެއްވެސް ވަރަކަށް ކަސްރަތު ނުކޮށް ހުރެފައި ކުއްލިއަކަށް އެހާ ބާރަށް ހިނގުމުން ލޭގެ ހިނގުން އަވަސްވެ އެނބުރުން އެރީ ކަމަށެވެ.

ހަރީރާ އަށް ހިނގާލެވޭވަރު ވުމުން ކަސިންބެ އޭނާ ގޮވައިގެން ގެއަށް ގޮސް ބުންޏެވެ. ހަރީރާއެވެ. މީގެ ފަހުން ދެން ކަސްރަތަށް ހިނގަން ނޫޅޭށެވެ. މިއަދު އަހަރެން ޔޯގާމެޓެއް ގަނެގެން ގެނެސްދޭނަމެވެ. އޭގެ މަތީގައި ހިނގާލާ ކަސްރަތު ކޮށްލީމާ ފުދޭނެއެވެ.