ސަރުކާރުގެ އިސް ބޭފުޅަކު ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރަން އުޅުމަކީ ގޯހެއް ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އިނގިރޭސިވިލާތުގައި ހުންނަވައިގެން އޮންލައިންކޮށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ އިންސާފަކީ އަބަދުވެސް އެމްޑީޕީން ވަކާލާތު ކުރަމުން ގެންދާ ކަމެއް ކަމަށެވެ. ޝަރީއަތްތައް ހިނގަން ޖެހޭނީ އިންސާފާއި އެކުގައި ކަމަށާއި އަދި ޝަރީއަތަކަށް ނުފޫޒު ފޯރުވުމަކީ އެމްޑީޕީ އިން އެދޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެކަމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުވެސް ހުދު އެދިވަޑައިގަންނަވާނެ ކަމެއް ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ފަނޑިޔާރުގެތަކުގެ އިތުބާރު ބޮޑު ކުރުމަށްޓަކައި ޖުޑީޝަލް ސާވިސް ކޮމިޝަން އިން ގިނަގުނަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށާއި އެ މަސައްކަތްތަކުގެ ނަތީޖާ ފެންނަމުން ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި ކުރީގެ ފަނޑިޔާރުކަން ކުރެއްވި ބައެއް ފަރާތްތަކުން އަބަދުވެސް ފަނޑިޔާރުގެތަކާއި ގުޅޭ ގޮތުން އެކި ވާހަކަތައް ދައްކަވާނެ ކަމަށާއި އެހެންނަމަވެސް ފަނޑިޔާރުގެތަކަށް ރައްޔިތުންގެ ބޮޑު އިތުބާރެއް މިއަދު ލިބިފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.
"ދެން ފަނޑިޔާރުގެއަކަށް ސަރުކާރުގެ އެއްވެސް ވުޒާރާއެއްގައި ހުންނަވާ ބޭފުޅަކު ނުވަތަ ސަރުކާރުގެ އެހެން މަގާމެއްގައި ހުންނަވާ ބޭފުޅަކުވެސް އެ ބޭފުޅެއްގެ އަމިއްލަ ބޭނުމަކަށްޓަކައި ނުފޫޒެއް ފޯރުވުމަށް އުޅޭ އުޅުން އެއީ ގޯހެއް،" ނަޝީދު ވިދާޅުވިއެވެ.