ޒަމާންވީ ގިނަ ދުވަސްވެފައިވާ ހެއްކާބެހޭ ޤާނޫނަށް ބޮޑެތި ބަދަލުތަކާއިއެކު، ޒަމާނީ ހެއްކާއިބެހޭ ޤާނޫނެއް އެކުލަވާލުމަށްޓަކައި، ހެއްކާބެހޭ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލްމުޣުނީއެވެ.

މި ބިލުގައި ވަނީ ހެކީގެ ބާވަތްތަކާއި، ހެކި ދަރަޖަކުރެވިގެންވާ ގޮތާއި، ހެކި ހުށަހެޅުމާއި، ހެކި ބަލައިގަތުމާއި، ހެކިބަސް ނެގުމާއި، ހެކި ވަޒަންކުރުމުގެ މިންގަނޑުތައް ކަނޑައަޅާފައެވެ.

މީގެއިތުރުން މި ބިލުގައި މަދަނީ މައްސަލަތަކުގައާއި ޖިނާއީ މައްސަލަތަކުގައާއި އިސްލާމްދީނުގައި ހައްދު އަދި ޤިސާސް ކަނޑައެޅިފައިވާ ކުށްތައް ސާބިތުކުރުމަށް ބޭނުންވާ ހެކީގެ ނިސްބަތް ކަނޑައެޅުމާއި، ސާބިތުކުރުމުގެ ޒިންމާއާގުޅޭ އުސޫލުތައް ކަނޑައަޅާފައިވެއެވެ.

މީގެ އިތުރުން ހެކި ހުށަހެޅުމަކާ ނުލައި ސާބިތު ވެގެންވާ ކަންކަމުގެ ގޮތުގައި ކޯޓުން ބަލައިގަންނާނެ ކަންކަން ވެސް ބިލްގައި ބަޔާން ކޮށްފައިވެ އެވެ. އަދި ހެކީގެ ގޮތުގައި ހުށަނޭޅޭނެ އިމްތިޔާޒު ލިބިގެންވާ ކަންކަމާއި އެ ނޫން ވެސް ހެއްކާ ބެހޭ އާންމު އުސޫލުތައް ވެސް ބިލްގައި ކަނޑައަޅާ ދީފައިވެ އެވެ. ހެކި ބަސް ދޭ މީހާއަށް ރައްކާތެރިކަން ދޭން ޖެހޭ ނަމަ އެކަން ކުރާނެ ގޮތްތައް ވެސް ބުނެދީފައިވެ އެވެ.ހެއްކާ ބެހޭ ބިލަކީ 19 ބާބު ހިމެނޭ 150 މާއްދާގެ މައްޗަށް އެކުލެވޭ ބިލެކެވެ.