ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ށ.ފޯކައިދޫ އައު އިންޖީނުގޭގެ ޚިދުމަތް ރައްޔިތުންނަށް ލިބިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ފޯކައިދޫގެ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައެވެ.ށ.ފޯކައިދޫގައި މިހާރު ބޭނުންކުރަމުން އަންނަ އިންޖީނުގެ އަކީ މީހުން ދިރިއުޅޭ ސަރަހައްދުގައި ހުންނަ އިންޖީނުގެއެއްކަމުން އެސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ވަނީ ވަރަށް ބޮޑެތި ދަތިތަކާއި ކުރިމަތިލާންޖެހިފައެވެ. މިހާރު އެރަށުގެ އިންޖީނުގެ ހުރީ އެންމެ ރައްކާތެރި ގޮތަކަށް ނޫންކަމަށްވާއިރު އިންޖީނުގެއާ އިންވެގެން ހުރީ ރަށުގެ ޕްރީ ސްކޫލެވެ. މިކަމުގެ ސަބަބުން ޕްރީ ސްކޫލްގައި ދަރިވަރުންނަށް ކިޔަވައިދިނުމަށްވެސް ދަތިތަކެއް ކުރިމަތިވެއެވެ. އިންޖީނުގޭގެ ބާރު އަޑާއެކު ކުޑަކުދިންނަށް ކިޔަވައިދިނުމުގައި އުފުލަންޖެހޭ ތަކްލީފްގެ އިތުރުން އެސަރަހައްދުގައި ރައްޔިތުން ބޭނުންކުރާ ފެނަކީވެސް އެންމެ ރައްކާތެރި ފެނެއްނޫނެވެ. ރައްޔިތުން ބުނިގޮތުގައި އެފަރާތްތަކުން ބޭނުންކުރާ ފެނަށް ތެލުގެ އަސަރުކުރާކަމަށެވެ.