ތެއްތިރީސް ފިރިހެނުން ހިމަނައިގެން، އަންހެނުން ބާކީކޮށްގެން ތާލިބާނުން އެކުލަވާލި ކެބިނެޓަށް އެމެރިކާއިން ފާޑު ކިޔައިފިއެވެ.

ޗައިނާއާއި ޖަޕާނުންވެސް ތާލިބާންގެ އައު ސަރުކާރަށް ކިޔާފައި ވަނީ ވަޅޯ ތާފަނާ ތަރުހީބެކެވެ.

އެމެރިކާއިން ބުނެފައި ވަނި އަނެހެނަކު ކެބިނެޓްގައި ހިމަނާފައި ނުވާތީ އެކަމާ މެދު ކަން ބޮޑުވާ ކަމަށެވެ. އަދި ސަރުކާރުގައި ހިމެނޭ މީހުންނަކީ ބްލެކް ލިސްޓް ކޮށްފައިވާ ބައެއް ކަމުގައި ވާތީ އެކަމާ މެދުވެސް ނުތަނަވަސްކަން ފާޅުކުރާ ކަމަށެވެ.

ތާލިބާނުންގެ ވެރިކަން ވައްޓާލަން އެމެރިކާއިން އަފްޣާނިސްތާނަށް އަރައި މީހުން މަރައި ގައުމު ސުންނާފަތިކޮށްލައި، 20 އަހަރު ފަހުން ފައިބައގެން ދިޔައީ ޓެރަރިސްޓު ޖަމާއަތެއްކަމަށް ލިސްޓް ކުރި ތާލިބާނާއެކު އެއް މޭޒަކަށް އަރައި ސައްލާތައް ކުރުމަށްފަހު ކާބުލްގެ ތަޅުދަނޑި ހަވާލުކޮށްފައެވެ. އަދި ތުން ގަނޑު ބިމަށް ހަރައިގެން ބަލިވެފައިވާ ހާލު އެމެރިކާ ސިފައިން އަފްޣާނިސްތާނުން ފޭބީ، ތާލިބާނަށް ހަތިޔާރު ތަކެއްވެސް ދީ، ތާލިބާނަށް އަފްޣާނިސްތާންގެ ވެރިކަން ހަވާލުކުރުމަށްފަހުއެވެ.

ތާލިބާންގެ ކެބިނެޓް ހުވާ ކުރާނީ އެމެރިކާގެ ޓުއިން ޓަވަރު ގޮއްވާލި ހާދިސާއަށް 20 އަހަރު ފުރޭ މުނާސަބާގައެވެ.

ތާލިބާންގެ ސަރުކާރުގެ ވެރިޔާ މުއްލާ މުހައްމަދު ހަސަން އަޚުންދަކީވެސް އދން ބްލެކްލިސްޓް ކޮށްފައިވާ މީހެކެވެ. ދާޚިލީ ވަޒިރު ސިރާޖު ހައްގާނީއަކީވެސް އެފްބީއައި ގެ ވޯންޓެޑް ލިސްޓްގެ ޓެރަރިސްޓެކެވެ.