ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ވެރިކަމުގައި މިއަދު ހުންނެވިނަމަ އައްޑޫގައި އެޅުއްވުމަށް ވައުދުވެ ވަޑައިގެންނެވި ބުރިޖުގެ މަސައްކަތް މިހާރު ހުންނާނީ ފެންނަން ކަމަށް ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ޕީޕީއެމްގެ ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ޣައްސާން ވިދާޅުވީ އަދާހަމައަށް ރައީސް ޔާމީން ވެރިކަމުގައި ހުންނެވިނަމަ ދިވެހި އިގްތިސާދުދާނީ ކުރިއަށް ކަމަށެވެ. އޭގެ ސަބަބުން ރައްޔިތުންނަށް ތަނަވަސްކަންމަތީ އުޅެވޭނެ ކަމަށް ޕީޕީއެމްގެ ނާއިބު ރައީސް އަދި ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫން ވިދާޅުވިއެވެ.
ޣައްސާން ވިދާޅުވީ ރައީސް ޔާމީން މިއަދު ވެރިކަމުގައި ހުންނެވިނަމަ 2019 ވަނަ އަހަރު ކަނޑައެޅިފައިވާ ގޮތަށް ހިޔާފްލެޓްތައް ނިންމަވައި އޭގެ ހައްގުވެރިންނާ ހަވާލުކޮށް އެތަނުގައި ދިރިއުޅެންފެށުނީސް ކަމަށެވެ. އަދި 2019ވަނަ އަހަރު ސަލްމާން މިސްކިތްވެސް ހުރީހީ ނިމިފައިކަމަށާއި މާލެ ތިލަމާލެ ބްރިޖްގެ ތަނބުތައް ހުރީހީ ފެންމައްޗަށް އަރާފައި ކަމަށް ކަމަށް ވިދާޅުވިއެވެ. އޭގެ އިތުރުން އައިހެވެންގެ ބިޔަ ޕްރޮޖެކްޓްވެސް ދާނީ ހިނގަމުން ކަމަށް ޣައްސާން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ބަލާލި ކޮންމެ ދިމާއަކުން މިހާރު ފެންނަނީ ނާއުއްމީދުވެ، އިގްތިސާދު ފުނޑުފުނޑުވެ،އެތައް ހާސް ރައްޔިތުންގެ ވަޒީފާ ގެއްލި ދުވަހުންދުވަހަށް ޚަރަދު ދެކޮޅު ނުޖެހިގެން ބިކަވެގެން އުޅޭތަންކަމަށެވެ. ފެންނަމުންދަނީ ރާއްޖޭގެ މިނިވަންކަމާ ސިޔާދަތާ އިސްތިގްލާލު ނަގާލުމުގެ މަސައްކަތް ވެރިކަމުގެ ފަރާތުން ކުރަމުންދާތަން ކަމަށް ވެސް ވިދާޅުވިއެވެ. ރާއްޖޭގައި އިސްލާމްދީނަށް ގޮންޖަހާ ބަޔަކަށް ޖާގަދީގެން މަސައްކަތް ކުރަމުންދާތަން ފެންނަމުންދާ ކަމަށްވެސް ޣައްސާން ވިދާޅުވިއެވެ.
ދިވެހިރާއްޖެ މިޙާލަތަށް ވެއްޓުނީ ކީއްވެތޯ ރައްޔިތުން މިއަދު ވިސްނާލަން ޖެހޭކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ވެރިކަމުގެ ދަހިވެތި ކަމުގައި ދުވަސްތަކެއް ކުރިން ގައުމާއި ރައްޔިތުންނަށް ކޮންމެފަދަ ގޮތެއްވިޔަސް ހެޔޮކަމަށް މަސައްކަތް ކުރަންފެށި ބަޔަކު އުޅުނު ކަމަށެވެ. އެމީހުން ނޮވެމްބަރު 3 ގައި ވެރިކަމުގެ ދަހިވެތި ކަމުގައި 19 ދިވެހިން ޝަހީދު ކޮށްލީ ކަމަށާއި ނަމަވެސް މީގެ ވިއްސަކަށް އަހަރު ކުރިން ފެށިގެން އެމީހުން މަސައްކަތް ކުރަމުންއައި ވައްޓަފާޅި ބަދަލުކޮށްލުމަށްފަހު އަމާޒުކުރީ މީހުންގެ ސިކުނޑިއާ ކުޅެލުމަށް ކަމަށް ވިދާޅުވިއެވެ. އެމީހުން ބޭނުންކުރާ ބަސްތަކުގެ ތެރެއިން ފާހަގަކުރެވުނު އެއްބަހަކީ "އިންސާފު"ކަމަށް ވެސް ވިދާޅުވިއެވެ.
"އިންސާފަކީ އަނިޔާގެ އިދިކޮޅު. ކަންކަން ކުރުމުގައި ބަހައްޓަންވީ ގޮތް. އަދުލު. ފަނޑިޔާރުން ވަގަށް ނަގާ ކޯޓުތަކުގައި ތަޅުއެޅުވުން އެއީ އިންސާފުތޯ؟ އިސްލާމްދީނަށް ގޮންޖަހާ ދިވެހި ގައުމުގެ އެކިތަންތާ ބުދު ބެހެއްޓުންއެއީ އިންސާފުތޯ؟ ޔާމީން ރަޝީދާއި ރިޟްވާންގެ މައްސަލަ އެންމެ ދުވަހަކުން ހައްލު ކުރާނަމޭ ބުނެ ދޮގުހަދައިގެން ވެރިކަމަށް އައިސް 3 އަހަރާ ކައިރިވާންދާއިރު އަޅާނުލާ ތިބުމަކީ އިންސާފުތޯ؟ ދިވެހި އިގްތިސާދު ނަގާ ކޮއްޅަށްޖަހާ ރައްޔިތުންނަށް ޑޮލަރުން ފައިސާ ލިބޭނެއޭބުނެ ގޭ ކުރިމަތީ ފެކްޓްރީތައް އަޅާނަމޭ ބުނެގެން އޮޅުވާލައިގެން އައިސް ރައްޔިތުން އަނގަޔާ އަތާ ދިމާނުވެ ބަނޑުފުރާނަ މުއްތިކުރެވޭނެ މިންވަރު ނެތް އިރު އަޅާނުލާ ތިބުމަކީ އިންސާފުތޯ؟ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތަން، މިނިވަންކަން ހިމާޔަތްކުރަން ﷲ ގަންދީ ހުވާކޮށްގެންހުރެ އެމްޑީއެމްގެ މީހުންނަށް މަތީ ވަޒީފާ ދީގެންހުރެ ގައުމު ފޮތިފޮތިކޮށް، އެހެން ގައުމަކަށް ހިބަކޮށްދިނުން އެއީ އިންސާފުތޯ؟ ނިމިފައި އޮތް މައްސަލައެއް އަނެއްކާ ހިލުވާލައިގެން ދޮގުވާހަކަތަކެއް ދައްކައިގެން ދޮގު އިލްޒާމްތަކެއް އަޅުވައިގެން ދޮގު ތުހުމަތުތަކެއްގެ މަތީގައި ޝަރީޢަތަށް ފޮނުވައިގެން ޝަރީޢަތުގެ ތެރެއަށް އެކިފާޑުގެ ނުފޫޒު ފޯރުވައިގެން، ބިރުވެރިކަމާއި މަގާމުގެ ކުރިއެރުމުގެ ފޮނިކަމުގެ ނުފޫޒު ފޯރުވައިގެން އަޅުގަނޑުމެންގެ ރައީސަށް ދެމުންދާ އަނިޔާއަކީ އިސްފާތޯ؟" ޣައްސާން ސުވާލުކުރެއްވިއެވެ.
ރައީސް ޔާމީނަކީ ގައުމަށް ވަފާތެރި ދީން ހިމާޔަތްކުރައްވާ ދިވެހިރާއްޖޭގެ މިނިވަންކަން ނަގަހައްޓަވާ ރައްޔިތުންނާއެކު މަސައްކަތްކުރައްވާ ހިތްވަރުގަދަ ލީޑަރެއް ކަމަށް ވެސް ވިދާޅުވިއެވެ. ޒުވާނުންގެ ބަހުރުވައިން ނަމަ އެއީ ގަޓު ރައީސެއް ކަމަށް ވެސް ޣައްސާން ވިދާޅުވިއެވެ.
ރައީސް ޔާމީން މަސައްކަތްކުރެއްވީ ދިވެހިންގެ ޤައުމިއްޔަތާއި، ދިވެހިންގެ ދީނާއި، ސިޔާދަތު ރައްކާތެރި ކޮށްދެއްވުމަށް ކަމަށާއި ރައީސް ޔާމީންނަށް ނުހައްގުން ދެމުންދާ އަނިޔާތަކާއި ދެކޮޅަށް ދިވެހި ރައްޔިތުން ތެދުވަނީ އެމަނިކުފާނު ޤައުމަށާއި، ރައްޔިތުންނަށް ކޮށްދެއްވާފައިވާ އަގުނުކުރެވޭފަދަ ޚިދުމަތްތަކުގެ ސަބަބުންކަމަށް ޣައްސާން ވިދާޅުވިއެވެ. ރައީސް ޔާމީންގެ ޒަޢާމަތުގައި އެމަނިކުފާނު މަސައްކަތް ކުރެއްވީ ޤައުމަށް ހެޔޮގޮތްއް ހޯދައި ދިނުމަށް ކަމަށާއި، ރައީސް ޔާމީނަށް ނުހައްގު އަނިޔާދޭތީ އުދަގޫވަނީ ހަމައެކަނި ޕީޕީއެމްގެ މެމްބަރުންނަށް ނޫންކަމަށާއި ރައްޔިތުންނަށް މިޙާލަތު ކުރިމަތިވެފައިވަނީ ސަރުކާރުން މިއަދު އަމަލުކުރަމުންދާ ގޮތުގެ ސަބަބުންކަމަށް ޣައްސާން ވިދާޅުވިއެވެ.