ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ "އިންސާފު ހޯދަން" ސުލްހަވެރި ހިނގާލުމަށް ފުރުސަތު ދިނުމަށް ޕީއެންސީގެ ނާއިބު ރައީސް އިބްރާހީމް ޝުޖާއު ގޮވާލައްވައިފިއެވެ. ޝުޖާއު ވިދާޅުވީ މިބާއްވަން އުޅޭ ހަރަކާތަކީ އިންސާފު ނުލިބިގެން ބާއްވާ ސުލްހަވެރި ހިނގާލުމެއް ކަމަށާއި ދިވެޖހިރާއްޖޭގެ ސަލާމާތި ބާރުތަކުން މިކަންކުރުމަށް ފުރުސަތުދޭނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.
މިއަދު ވެރިކަމުގެ އާރާބާރުގެ ތެރެއިން ބޭނުންގޮތަކަށް ހިތުހުރި ގޮތަކަށް ކަންކަން ކުރަމުން ދިޔަ ނަމަވެސް ހުރިހާ ބޭފުޅުންވެސް ތިއްބެވީ ހުވާ ކުރައްވައިގެން ކަމަށާއި ހުވާކުރައްވައިގެން ތިއްބެވި ހުރިހާ ބޭފުޅުން ހުވާގެމަތިން ހަނދާން ކުރުމަށް ޝުޖާއު ގޮވާލެއްވިއެވެ. އެހުވާގައި އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވާ ގޮތަކަށް ކަންކަންކުރަން ނޯންނާނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ. އެހެންކަމުން ޣައިރު ޤާނޫނީ އެއްވެސް އަމުރަކަށް ސަލާމަތީ ބާރުތަކުން ބޯނުލެނބުމަށް ގޮވާލެއްވިއެވެ. އަދި މި ސުލްހަވެރި ހިނގާލުމުގައި ދިވެހި ހުރިހާ ރައްޔިތުން ބައިވެރިވާންޖެހޭ ވަރަށް ގިނަ ސަބަބުތައް އެބަހުރިކަމަށް ޝުޖާޢު ވިދާޅުވިއެވެ.
ސަރުކާރުގެ ދޯދިޔާ ސިޔާސަތުތަކާއި ނާއިންސާފުގެ ވާހަކަ ދައްކަވަމުން ޝުޖާއު ވިދާޅުވީ ރައިސް ޔާމީންގެ ވެރިކަމުގައި ކުންފުނިތަކަށް އިލްމީ ގާބިލް މީހުން އައްޔަން ކުރެއްވީ އެކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުމަށް ކަމަށާއި، މިސަރުކާރުން އަމަލު ކުރަމުންދަނީ އޭގެ އިދިކޮޅަށްކަން ފާހަގަކުރެއްވިއެވެ.
"ނުކިޔަވާ ތަނެއް ދޮރެއް ނޭނގޭ ރައްޔިތުންނަށް ޚިދުމަތްކުރަން ނުދަންނަ އިލްމެއް ހިލްމެއް ހުނަރެއް ނެތް މީހުންނަށް ކުންފުނިތަކާ ދައުލަތުގެ މަތީ މަގާމްތައް ދިނުމުގެ ސަބަބުން ދައުލަތް މިއަދު މިއޮތީ ފޫވެއްޓިފައި. ރައީސް ޔާމީން އެންމެ އިސްކަމެއް ދެއްވައިގެން ނަގާ ކޮއްޅަށް ޖެއްސެވި އެއް ކުންފުންޏަކީ ލޯމްޑިވިއަން ކަމަށާއި މިއަދު އެ ކުންފުނީގެ ޙާލަތާއި މުވައްޒަފުންނާއި ދޭތެރޭ އަމަލު ކުރަމުންދަނީ ކިހިނެތްތޯ؟ ޕެންޑެމިކްގެ ތެރޭގައި އެހެން ކުންފުނިތަކުން އުނިކުރި މުސާރަ އަނބުރާ އިއާދަކޮށްދީފި. ނަމަވެސް މިއަދު އަޅުގަނޑުމެންނަށް އަޑު އިވިގެން މިދަނީ މޯލްޑިވިއަން ދުއްވާ ޕައިލެޓުން މާދަމާ މަސައްކަތު ނުނުކުންނާނެ ވާހަކަ. ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށްވުރެ މި ކުންފުނީގެ ވެރިންގެ މުސާރަބޮޑު. ފްލައިޓް ދުއްވާމީހުންނަށް އެކައްޗެއްވެސް ނުލިބޭ. ދެން އިންސާފު ހުރިވަރު ވިސްނާ ލައްވާ. ޖެނީފާމެން ހިތުހުރި ވަރަކަށް މުސާރަ ނަގަނީ. ފުރާނަ ރިސްކަށް ލައިގެން މަސައްކަތްކުރާ ޕައިލެޓުންނަށް މުސާރަ ކުޑަކޮށްގެން މިއުޅެނީ އެމީހުންނަށް ހައްގުވާ މިންވަރު ނުލިބިގެން އެމީހުން ވަކާލާތުކުރަމުން މިދަނީ."
ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވެރިކަމަށް ވަޑައިގަތީ ދިވެހި ރާއްޖޭގެ މީޑިއާއަކީ އެމަނިކުފާނު އިސްކަންދީގެން ވަރަށް ގާތްގުޅުމެއް ބާއްވައިގެން މިނިވަންކަމާއެކު ހިންގާ ތަނެއްގެ ގޮތުގައި ބާއްވާނެ ކަމުގެ ވައުދާ އެއްކޮށް ކަމަށާއި މިއަދު އެންމެ ކަންބޮޑުވަނީ ދައުލަތުގެ މީޑިއާ ހިންގަންތިބި ވެރިންގެ ނާގާބިލްކަމުން ކުރިމަތިވާ މައްސަލަތަކުގެ ސަބަބުންކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ. އެގޮތުން ދައުލަތުގެ މީޑިއާގައި މަސައްކަތްކުރާ ވެރިންގެ މުސާރަތަކުން ނުކަނޑާ އޭގެ ދަށުން މަސައްކަތްކުރާ ޓެކްނިކަލް މީހުންނާއި ޖަރނަލިސްޓުންގެ މުސާރައިން ތިންހާސް ރުފިޔާއާއި ހަހާސް ރުފިޔާއާއި ދެމެދުގެ އަދަދަކަށް އުނިކޮށްފައިވާކަމީ ހިތާމަކުރާ ކަމެއްކަމަށް ވިދާޅުވިއެވެ. އެހެންކަމުން މާދަމާ މި ނުކުންނަނީ މިފަދަ އެތައް ކަމަކަށް އިންސާފު ހޯދަން ކަމަށާއި އިންސާފު ނުލިބިފައިތިބި ހުރިހާ ރައްޔިތުން މާދަމާ ނުކުތުމަށް ޝުޖާއު ގޮވާލެއްވިއެވެ.
މިއަދު އަމިއްލަ ކޮންސްޓްރަކްޝަން ކުންފުންޏަކަށް ސަރުކާރުގެ ޕްރޮޖެކްޓެއް ލިބޭތަން ނުފެންނަ ކަމަށާއި ބަނދަރެއް ހެދިޔަސް މަގެއް ހެދިޔަސް އެހެންކަމެއް ކުރިއަސް އެހުރިހާ ކަމެއްވެސް ކުރަނީ އެމްޓީސީސީން ކަމަށް ޝުޖާއު ވިދާޅުވިއެވެ.
"ހަމަޖެހޭހާއެއްޗެއްގައި އެމްޓީސީސީން ސޮއިކުރަމުންދަނީ ދައުލަތަކުން ފައިސާއެއް ނުދޭ ކުންފުންޏަކަށް. މިއީ ކޮންކަހަލަ ޕްރޮޖެކްޓެއްތޯ؟ ރާއްޖޭގައި ރައީސް ޔާމީންގެ ވެރިކަމުގައިވެސް ފުލުސް އިދާރާތައް ހެދި. ބޭރުގެ ކުންފުނިތަކުންނެއްނޫން ފުލުހުންގެ އިދާރާ ހަދަނީ މިއަދު 52 ޕޮލިސް ސްޓޭޝަން ހަދަން ބޭރުގެ ބަޔަކާ ހަވާލުކުރަނީ ރާއްޖޭގައި އެކަން ކުރެވޭ ފެންވަރުގެ މީހުން ނެތީތޯ؟ އަޅުގަނޑު ގޮވާލަން މަސީއަށްވެސް މިކަމުގައި ތެދުވަން. ދިވެހިރާއްޖޭގެ ކޮންސްޓަރްކްޝަން އިންޑަސްޓްރީ ފުނޑި ބެންކްރަޕްޓް ވަމުންދާއިރު މަސީވެސް ނިދާފައި އޮންނާތި އަޅުގަނޑުމެން އިންތިހާއަށް ކަންބޮޑުވޭ."
މިއަދު އެމްޓީސީސީގެ މުއްޒަފުންނަށް މުސާރަ ލިބެނީ ރޮއި އާދޭސް ކޮށްގެން ކަމަށާއި އެކުންފުނިވެސް މިއަދު އޮތް ހާލަތަކީ އެއި ކަމަށް ޝުޖާއު ވިދާޅުވިއެވެ. މިއަދު ފެންނަމުންދަނީ ރައީސުލްޖުމްހޫރިއްޔާ ރަށްރަށަށް އަރާ ވަޑާއިގަންނަވާއިރު ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަށް އެންމެ ކުންފުޏެއްގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފަމުންދާތަން ކަމަށް ޝުޖާއު ވިދާޅުވިއެވެ. މިއީ އިންސާފެއް ނޫން ކަމަށާއި އިންސާފު ލިބެނީ ހަމައެކަނި ފަނޑިޔާރު ގެއިން ނޫން ކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އުފެއްދި ފްލެޓް ކޮމިޓީންވެސް އިންސާފުނުލިބުނު ކަމަށާއި ދައުލަތުގެ މުއައްސަސާއަކުންވެސް އަދި ރައްޔިތުންގެ މަޖިލީހަކުންވެސް އިންސާފު ނުލިބޭކަމަށް ޝުޖާއު ވިދާޅުވިއެވެ. ރައީސް ޔާމީންގެ ޝަރީޢަތަށްވެސް އިންސާފު ނުލިބޭ ކަމަށާއި އެޝަރީއަތުގެ ތެރެއަށްވެސް ސަރުކާރުން އަތްބާނާފައިވާ ކަމަށާއި އެހްނަކަމުން ދިވެހި އެއްވެސް ރައްޔިތަކަށް އިންސާފެއް ނެތްކަމަށް ޝުޖާއު ވިދާޅުވިއެވެ.
- ޚަބަރު: ޕީޕީއެމް