މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ތައާރަފްކޮށްފައިވާ "އާބަން ގާޑެނިން" ގެ ފުރަތަމަ މޮޑެލް ބިލަބޮންގ ހައި އިންޓަރނޭޝަނަލް ސްކޫލްގައި ތަރައްޤީކުރަން ނިންމައިފިއެވެ.

"އާބަން ގާޑެނިން" މޮޑެލްއެއް ތަޢާރަފް ކުރުމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އާއި އައިލެންޑާރސް އެޑިއުކޭޝަން ޕްރައިވެޓް ލިމިޓެޑްއާއި ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ބިލަބޮންގ ހައި އިންޓަރނޭޝަނަލް ސްކޫލްގެ ޓެރެސްގައި 1094 އަކަފޫޓުގެ ސަރަޙައްދެއްގައި އާބަން ގާޑެނިންގ މޮޑެލްއެއް ތައްޔާރު ކުރުމަށް ހަމަޖެހިފައިވާކަމަށް އެގްރިކަލްޗަރ މިނިސްޓްރީން ވިދާޅުވެއެވެ.

"އާބަން ގާޑެނިން" މޮޑެލްއަކީ ކުދި ޖާގަތަކުގެ ބޭނުން އެންމެ އެކަށީގެންވާ ގޮތަށް ހިފޭނެހެން ބައްޓަން ކޮށްފައިވާ މޮޑެލްއެކެވެ.

މިނިސްޓްރީގެ އިސްނެގުމާއެކު ފަށާ މި ޕްރޮގްރާމް ކުރިއަށްދާނީ އައިލެންޑާރސް އެޑިއުކޭޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ފަށާފައިވާ "ވަން އާތް އެކަޑަމީ" ޕްރޮގްރާމްއާއި ގުޅުވާލައިގެންކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

އާބަން ގާޑެނިންގ ޕްރޮގުރާމް ކުރިއަށްގެންދަން ބޭނުންވާ ފަރާތްތަކަށް މިއަހަރުގެ ތެރޭގައި އެގްރިކަލްޗަރ މިނިސްޓްރީން ވަނީ ފުރުސަތު ހުޅުވާލާފައެވެ. އާބަން ގާޑެނިން ޕްރޮޖެކްޓަކީ ކާނާގެ ޔަޤީންކަން ކަށަވަރު ކުރުމުގައި ދަނޑުވެރިކަން ޙިއްޞާކުރާ މިންވަރު އިތުރުކުރުމުގެ ސިޔާސަތުގެ ދަށުން، މާލޭގައި ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ.