ހުބާ ޕްލާންޓްސްއަކީ ދަނޑުވެރިންނަށާއި ބަގީޗާ ހައްދާ މީހުންނަށް ފަންނީ ލަފައާއި އިރުޝާދު ދިނުމަށް އަމިއްލަ ބަޔަކު ހިންގާ އޮންލައިން ޕްލެޓު ފޯމެކެވެ. ދަނޑުވެރިންނާއި ބަގީޗާ ހައްދާ މީހުންގެ ސުވާލުތަކާއި މައްސަލަތަކަށް މި ޕްލެޓްފޯމް މެދުވެރިކޮށް ޖަވާބުދީ، މައްސަލަތަކަށް ހައްލު ހޯދައިދެއެވެ.

ހުބާ ޕްލާންޓުސް އުފެދުން

ހުބާއަކީ ހުބާ ޕްލާންސްޓްގެ ފައުންޑަރ ޙުސައިން ޝަރީފްގެ ގެއަށް ކިޔާ ނަމެވެ. ޕްލާންޓްސްގެ ކުރިއަށް ހުބާ އިތުރުކޮށްގެން ހުބާ ޕްލާންޓް އުފެދުނީ ޙުސައިން އޭނާގެ ގޭގައި ބަގީޗާގައި ގަސްތަކެއް ހައްދާފައި އޭގެ ފޮޓޯތައް ސޯޝަލް މީޑިއާއަށްލީ ހިސާބުންނެވެ. އެއަށްފަހު އެއާ ބެހޭ ކުދިކުދި މަޢުލޫމާތުކޮޅުތައް ގެނެސްދޭން ފެށިއެވެ. ޙުސައިންނަކީ މުދައްރިސަކަށް ވުމުން މީހުންނަށް ކަންކަން އޮޅުން ފިލުވައި ދިނުމާއި އުނގަންނައި ދިނުމަކީ އޭނާ ވަރަށް ކުރާހިތްވާ ކަމެކެވެ.

ބާގީޗާ ހައްދައި ސޯޝަލް މީޑިއާގައި އާންމުކޮށް އެއާ ބެހޭ ކުދިކުދި މައުލޫމާތު ގެނެސްދޭން ފެށުމުން މީހުން ސުވާލުކުރަން ފެށިއެވެ. އެ ސުވާލުތަކަށް ޙުސައިން ޖަވާބުދެމުން ގެންދެއެވެ.

ބަގީޗާގެ އިތުރުން ދަނޑުތަކަށް ގޮސް ދަނޑުވެރިކަމާ ގުޅޭ ފޯޓޯތައް ނަގައިގެން ސޯޝަލް މީޑިއާއަށް ލާންފެށިއެވެ.

"ދެން ޓެލެގްރާމް ގުރޫޕް ހަދާފައި، ޕޯސްޓެއް ޖެހީ، ލަފާދެވޭ ވަރުގެ މީހުން ޑީއެމްކުރަން. އެގޮތުން ލިބުނު ޓީމެއްމިހާރު އެޑްމިންގައި އޮތީ. އަދި ވެސް ޓީމަށް ބޭފުޅުން އިތުރުވަމުން އެބަދޭ،" ހުބާ ޕްލާންޓްސް އުފެދިގެން އައިގޮތާ ބެހޭ ގޮތުން ޙުސައިން ބުންޏެވެ.

ޚިދުމަތް

ހުބާ ޕްލާންޓްސް އިން ދެމުން ގެންދަނީ ދަނޑުވެރިކަން ކުރުމާ ބެހޭ މަޢުލޫމާތެވެ. ގަސްހެއްދުމަށް ބޭނުންވާ މަޢުލޫމާތާއި އިރުޝާދެވެ. އޭގެ އިތުރުން ދަނޑުވެރީންނާއި ގަސް ހައްދާ ފަރާތްތަކާއި ތަކެއްޗާއި ގަސް ގަންނަ ފަރާތްތައް އެއްތާކަށް ގެނެސް އެފަރާތްތަކުގެ މެދުގައި ގުޅުން އުފެއްދުމަކީ ހުބާ ޕްލާންޓްސްން ވަރަށް އިސް ކަމެއް ދީގެން ކުރަމުންދާ ކަމެކެވެ.

ޚިދުމަތް ދެނީ ކިހިނެއް؟

މަޢުލޫމާތު ދެނީ މީސް މީޑިއާގެ ވަސީލަތްތައް މެދު ވެރިކޮށެވެ. އެގޮތުން ފޭސްބުކް ޕޭޖަކާއި، އިންސްޓަގްރާމް އައިޑީއަކާއި ޓެލެގްރާމް ޗެނަލްއެއް ހުބާއިން ވަނީ މިކަމަށް ޚާއްސަ ކޮށްފައެވެ. މި މީޑިއާތަކުގައި ކަމާ ބެހޭ ޕޯސްޓަރާއި ލިޔެކިޔުންތަކާއި އޯޑިއޯއާއި ވީޑިއޯ ކޮންޓެންޓް ގެނެސްދެމުން ގެންދެއެވެ. މި ކޮންޓެންޓްތަކުގައި ހިމަނާ މަޢުލޫމާތުތަކުގެ މަސްދަރަކީ ހުބާ ޕްލާންޓްސް ޓީމުގައި ހަރަކާތްތެރިވާ ދަރުމަވެރީންގެ ޢިލްމާއި ތަޖުރިބާ ކަމަށް ހުބާއިން ބުންޏެވެ. އޭގެ އިތުރަށް ދާއިރާއިން ލިބެން ހުރި ދިވެހި ލިޔުންތެރިންގެ ޢިލްމީ ލިޔުންތައް ހިމެނެއެވެ. މީގެ ތެރެއިން ވެސް އެންމެ ބޮޑަށް ހުބާއިން ބަރޯސާ ވަނީ މިނިސްޓްރީ އޮފް އެގްރިކަލްޗަރއިން އާންމުކުރައްވާފައި ހުންނަ މަޢުލޫމާތަކަމަށް ކަމަށް އެތަނުން ބުންޏެވެ.

މީގެ އިތުރުން ހުބާ ޕްލާންޓްސް ޓެލެގްރާމް ގުރޫޕުގައި ވަކިވަކި ދަނޑުވެރީންނާއި ގަސް ހައްދާ ފަރާތްތަކުން އެމީހުންގެ މަސައްކަތުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދުމަށް މަސައްކަތް ކުރެއެވެ. އެގޮތުން އެމީހުންނަށް ދިމާވާ މައްސަލަ ތަކާ ބެހޭ ސުވާލުކުރުމުގެ ފުރުސަތު ދަނޑުވެރިންނަށް އޮވެއެވެ. އެފަދަ ސުވާލުތަކަށް ހުބާގެ ޓީމުން ޖަވާބުދީ މައްސަލަތަކުގެ ހައްލު ބުނެދެއެވެ.

މިފަހުން ބޮޑެތި އޯޑިއެންސަށް ކްލަބުހައުސްގައި ހުބާ ޕްލާންޓްސް ކުލަބުގައި މަޢުލޫމާތު ދިނުމުގެ ފޯރަމްތައް ވެސް ވަނީ ކުރިއަށް ގެންދަން ފަށައިފައެވެ.

ޚިދުމަތްދެނީ އަގު ނަގައިގެންތަ؟

ދަނޑުވެރި ކަމަށް ބޭނުންވާ މައުލޫމާތު ހުބާ ޕްލާންޓްސް އިން ދެނީ މުޅީން ހިލެއެވެ. ޚިދުމަތަށް އެއްވެސް ގޮތަކަށް އަގެއް ވެސް ފީއެއްވެސް ނުނަގައެވެ. އެއީ އެއްވެސް އަގެއް ނުވަތަ ފީއެއް ނަގައިގެން ދެމުންގެންދާ ޚިދުމަތެއް ނޫނެވެ.

"ހިލޭ ޚިދުމަތްދެނީ ދިވެހިރާއްޖޭގައި މިފަންނުގެ ޢިލްމާއި ތަޖްރިބާ ބަދަލުކުރުމަށް މާ ގިނަ ދޮރުތަކެއް ހުޅުވިފައި ނުވާތީއާއި ދަނޑުވެރީންނާއި ގަސްހައްދާ މީހުންގެ ޝަކުވާތައް އަޑުއަހާނެ ބަޔަކު ނެތްކަމަށް ގަބޫލުކުރެވި ތަޖުރިބާ ބަދަލުކުރުމުގެ ބޭނުމުގައި،" ހުބާގެ ފައުންޑަރު ބުންޏެވެ.

އެންމެ ގިނައިން ހޯދަނީ ކޮންކަހަލަ ޚިދުމަތެއް؟

ދަނޑުވެރީން އެންމެ ގިނައިން ހޯދަނީ ގަސްގަހަށް ދިމާވާ މައްސަލަތަކާއި ބަލިތަކުގެ ޙައްލާ ބެހޭ މަޢުލޫމާތެވެ. އެކަން ކޮށްދިނުމަށް ހުބާ ޓީމު މުރާލިކަމާއެކު މަސައްކަތް ކުރެއެވެ. އޮޅުން ފިލާނެ މިންވަރަށް މީހުންނަށް މަޢުލޫމާތު ދިނުމަކީ ހުބާ ޓީމަށް ލިބޭ އުފަލެކެވެ. ސުވާލު ތަކުގެ ޖަވާބު ކަސްޓަމަރު ހިތްހަމަޖެހޭ މިންވަރަށް އޮޅުން ފިލަންދެން ހުބާޓީމުން ކިޔައިދޭނެއެވެ.

ދަނޑުތަކަށް ދިމާވާ އެންމެބޮޑު މައްސަލަތަކަކީ ކޮބާ؟

ރާއްޖޭގެ ދަނޑުތަކަށް ދިމާވާ އެންމެ ބޮޑު މައްސަލައަކީ ރާއްޖޭގައި ދަނޑުވެރިކަން ކުރާ މީހުން ސިންތެޓިކް ގަސްކާނާއާއި ކެމިކަލް ހިމެނޭ ބޭސް ނޭދެވޭ ގޮތްގޮތަށް ބޭނުންކުރުމެވެ.
ހުބާ ޕްލާންޓުސް

އޭގެ ސަބަބުން ގަސް ހެއްދުމަށް އެތައް ގޮންޖެހުންތަކާ ކުރިމަތިލާން ޖެހެއެވެ.

ދަނޑުވެރި ކަމަށް ނުކުރެވިއޮތް ކަމަކީ ކޮބާ؟

ރާއްޖޭގެ ދަނޑުވެރިކަން އިތުރުކޮށް ތަރައްޤީ ކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް މިހާތަނަށް ކުރެވިފައި ވާކަމަކަށް ޤަބޫލެއް ނުކުރެވޭ ކަމަށް ހުބާއިން ވަނީ ބުނެފައެވެ. ދަނޑުވެރިކަން ކުރުމުގެ އެންމެ އަސާސީ މަޢުލޫމާތު ވެސް ގިނަ ދަނޑުވެރީންނަށް ލިބިދެވިފައެއް ނުވެއެވެ. ބިމާއި ދަނޑުބިން އަދި ދަނޑުވެރިކަން މެނޭޖްކުރުވިގެން ކުރުމަށް ބޭނުންވާ ދަނޑުބިންތައް ތަރައްޤީކުރެވި މީހުން ބިނާކުރެވިފައި ނުވާ ކަމަށް ވެސް ހުބާއިން ވަނީ ބުނެފައެވެ.

ދަނޑުވެރިކަމުން ރަނގަޅު ނަފާއެއް ލިބިދޭނެތަ؟

ރާއްޖެއަށް ބޭނުންވާ ވަރަށް މޭވާއާއި ތަރުކާރީ އާއި ފަތްޕިލާވެއްޔާއި މާމެލާމެލީގެ ގިނަ ބާވަތްތައް ރާއްޖޭގައި އުފެއްދިދާނެ ކަމަށް ހުބާޕްލާންޓްސް އިން ބުންޏެވެ. "ރާއްޖޭގައި ހުރި ފަޅު ރަށްތައް އަދި ހުހެއް ނުވެއެވެ. ފަތުރުވެރިކަން ތަރައްޤީކުރި ފަދައިން ދަނޑުވެރިކަން ފުޅާކޮށް ޑައިވާސިފައި ކުރުމުގެ މަސައްކަތްތަކެއް ކުރަންޖެހެއެވެ. ދަނޑުވެރިކަމުން އެދެވޭ މަންފާއެއް ނުވަތަ އާމްދަނީއެއް ދަނޑުވެރީންނަށް ލިބޭނީ އެ އާމްދަނީއެއް ސީދާ ދަނޑުވެރީންނަށް ލިބޭނެ ނިޒާމެއް ތައާރަފްވެގެން ކަމަށް ވެސް ހުބާއިން ބުންޏެވެ.

ހުބާ ޕްލާންޓުސްގެ ތަޖުރިބާ

ހުބާ ޕްލާންޓްސްގެ މަސައްކަތް ފެށިގެން މިހާތަނަށް ކުރެވުނީ ވަރަށް ހިތްނުތަނަވަސްވާ ތަޖުރިބާ ތަކެކެވެ. ދަނޑުވެރިކަމާއި ގަސް ހެއްދުމާ ބެހޭ އެންމެ އަސާސީ މަޢުލޫމާތުތައް ކަމަށްވާ ގަހަށް ބޭނުންވާ ކަނާދުތަކާއި ކާނާއާއި ބޭސް ވަކިކުރަން ނޭނގޭ ދަނޑުވެރިން ވެސް ވަނީ މަސައްކަތަށް ނުކުމެވެ. އެފަދަ މީހުން މަސައްކަތްކުރަނީ އެބަޔަކު ހިތަށް އެރި ގޮތަކަށެވެ. ދަނޑުވެރީންނަށް އެނގުނުގޮތަކަށް ނުހަނު ހިތްވަރާއެކު އެ މަސައްކަތްކުރަމުންދާކަމަށް ވެސް އެތަނުން ބުންޏެވެ.

އެކަން އެގޮތުގައި ދެމި އޮތުމަށް ބޭނުންވާ ބަޔަކު އުޅޭކަމާއި ރާއްޖޭގައި ދަނޑުވެރިކަމުގެ ކާނާއާއި ބޭސް ވިއްކުމަކީ ހެޔޮ ނިޔަތުގައި ކުރެވޭ ކަމަކަށް ހަދަންޖެހިފައިވާ ކަމަށް ވެސް ހުބާއިން ބުންޏެވެ. ރާއްޖޭގެ ދަނޑުވެރިކަން ކުރިއެރުވުމަށް އެކަށީގެންވާ މަސައްކަތެއް އަމަލީ ގޮތުން ދައުލަތަށް ކުރެވިފައި ނުވާކަމަށް ވެސް ހުބާއިން ބުންޏެވެ. ބޭރުގެ ބޮޑެތި އެތައް ފަންޑެއް ބޭނުންކޮށްގެން ރާއްޖޭގައި ހިންގުނު ދަނޑުވެރިކަމުގެ އެއްވެސް ޕްރޮޖެކްޓެއް ދެމެހެއްޓެނިވި ފައިދާއާއި ނަތީޖާ ފެންނަން ނުހުންނަކަން ވެސް ވަރަށް ފާހަގަވެފައިވޭ،" އެތަނުން ބުންޏެވެ.

ހުބާ ޕްލާންޓުސްގެ ޚިދުމަތް ކިތައް މީހުން ހޯދަމުންދޭ؟

ހުބާ ޕްލާންޓްސްގެ ފައުންޑަރ ޙުސައިން ޝަރީފް ވިދާޅުވީ އެތަނުން ޚިދުމަތް ހޯދަމުން ގެންދާ ދަނޑުވެރިންގެ އަދަދު އަދި ބެލިފައި ނުވާ ކަމަށެވެ.

ހުސައިން ބުނީ ޓެލެގްރާމް ގުރޫޕުގައި ކޮންމެ ދުވަހަކު 10 ވަރަކަށް ސުވާލަށް ޖަވާބު ދެވޭ ކަމަށެވެ. ފޭސްބުކް ޕޭޖްގައި 20،000 އަށް ވުރެ ގިނަ ފޮލޯވަރުން އުޅެއެވެ. ޕޯސްޓް ރީޗް ހުރީ 5،000 އާއި 60،000 އާއި ދެމެދު ގައެވެ.

ޚިދުމަތް ދެނީ އޮންލައިންކޮށް

ހުބާޕްލާންޓްސްގެ ޚިދުމަތް އަދި ދެމުން ގެންދަނީ އޮންލައިންކޮށް އެކަންޏެވެ. "ބައެއް ފަރާތްތަކުން އެދޭ ރަށްރަށަށް ދާން. އެކަމު ޓީމު ތިބީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި. އެހެންވެ ފޭސްޓުފޭސްކޮށް މަޢުލޫމާތު ދެވޭނެ ގޮތެއް އަދި ނުރޭވޭ،" ޙުސައިން ބުންޏެވެ.

ހުބާޕްލާންޓްސްގައި މިހާރުވެސް ތަޖުރިބާއާއި އިލްމުހުރި ހައެއްކަ މީހުން ހަރަކާތްތެރިވެއެވެ.

ހުބާޕްލާންޓްސް އަށް ލިބޭ ފައިދާ

ހުބާޕްލާންޓްސްގެ ފައުންޑަރ ޙުސައިން ޝަރީފް ބުނީ އެ މަސައްކަތުން އާމްދަނީއެއް ނުލިބޭ ކަމަށެވެ. އެއީ އަގަށް ކުރާ ކަމަކަށް ނުވާތީއެވެ. އެހެންނަމަވެސް ދަނޑުވެރިންނަށް ދަނޑުވެރިކަމާ ބެހޭ ސައްހަ މަޢުލޫމާތު ފޯރުކޮށްދެވޭތީ އެއީ ލިބޭ ވަރަށްބޮޑު ފައިދާއެއް ކަމަށް ޙުސައިން ބުންޏެވެ. އޭގެ އިތުރުން ސަރުކާރުގެ މަތީފަޑިއަށް މައްސަލަތައް ފޯރުކޮށްދިނުމަށްޓަކައި އެކަށީގެންވާ ޑާޓާ އެއްކުރެވުމަކީ ވެސް ފައިދާއެއް ކަމަށް ހުބާއިން ދެކެއެވެ.

މަގުސަދު

ހުބާ ޕްލާންޓްސްގެ ހަގީގީ މަގުސަދު ވަރަށް ސާފެވެ. އެ މީހުންގެ މަގުސަދަކީ ރާއްޖޭގައި ދަނޑުވެރިކަން ކުރާފަރާތްތަކާއި ގަސް ހައްދާ ފަރާތްތަކަށް ބޭނުންވާ މުހިންމު މަޢުލޫމާތު ފޯރުކޮށްދިނުމެވެ. އޭގެ އިތުރުން އެފަރާތްތަކާއި އެފަރާތްތަކުން އުފެއްދާ ދަނޑުވެރިކަމުގެ ބާވަތްތައް ގަންނާނެ ފަރާތްތަކާ ބައްދަލުކޮށްދިނުމެވެ. ނުވަތަ އުފެއްދުންތައް މާކެޓު ކޮށްދިނުނެވެ.

ހުބާ ޕްލާންޓުސްގެ ފައުންޑަރ ޙުސައިން ޝަރީފް ބުނީ އެމީހުންގެ މަސައްކަތަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ވަރަށްބޮޑު ތަރުހީބެއް ލިބޭ ކަމަށެވެ. އެހެންވެ އެކަމަށްޓަކައި އެ ފަރާތްތަކަށް ޝުކުރު ޝުކުރު އޭނާ ޝުކުރު އަދާކުރިއެވެ.

  • މަޢުލޫމާތު: ޙުސައިން ޝަރީފް (ހުބާ ޕްލާންޓްސްގެ ފައުންޑަރ)