ރައީސް އަބްދުﷲ ޔާމީނަށް ކުރެވޭނެ ދައުވާއެއް ނޯންނާނެ ކަމަށާއި އެމަނިކުފާނި މިނިވަންކުރަން ޖެހޭ ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

އަލީ ވަހީދު ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޔާމީންގެ މައްޗަށް އެމްއެމްޕީއާރުސީ މައްސަލައާއި ގުޅުވާ ކުރެވޭނެ އެއްވެސް ދަޢުވާއެއް ނޯންނާނެ ކަމަށެވެ. އެމަނިކުފާނުގެ ވެރިކަމުގައި ރާއްޖެއިން ބޭރުގައި ކުރެވުނު ތަޙުޤީޤުގައި އެމަނިކުފާނުގެ އެކައުންޓްތައް ފްރީޒް ނުކުރެވުނީ މިދެންނެވި ސަބަބާހެދި ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދު ވަނީ ޔާމީން މިނިވަންކުރަން ވެސް ގޮވާލާފައެވެ.

މީގެ އިތުރުން އަލީ ވަހީދު ވިދާޅުވީ އެމްއެމްޕިއާރްސީގެ ފައިސާ ލިބުނު މީހުންގެ ސައްހަ ލިސްޓް ފެށެނީ ޕީޖީ ހުސައިން ޝަމީމާއި ހިސާބުންކަމަށެވެ.

"ރެހެންދި ފްލެޓުން ކަޅު ދަބަސް ހިފައިގެން ނިކުތް މީހުން އަޅުގަނޑުމެންނަކަށް ނޯޅޭ! ތިޔަ ފޯނުތަކާ ލެޕްޓޮޕާ އިނގިރޭސި ތަޙުޤީޤު ޓީމަށް ރައްދުކޮށްދިނީ އަޅުގަނޑު. ޖަލަށް ލިޔަސް، މަރާލިޔަސް، އިރާދަފުޅުން މިއަޑު ކަނޑުވާނުލެވޭނެ." އަލީ ވަހީދުގެ ޓްވީޓްގައިވެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށާއި 70 މިލިއަން ރުފިޔާ އިން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން އިއްވި ޙުކުމުގެ އިސްތިއުނާފް ޝަރީޢަތް ސުޕްރީމް ކޯޓުގައި މިއަދު ވަނީ ފަށާފައެވެ.

ޔާމީން ޖަލަށްލި މައްސަލައިގެ ޝަރީޢަތް ސުޕްރީމް ކޯޓުގައި ފަށާފައި މިވަނީ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް އިއްވި ބެންޗްގައި ތިއްބެވި ފަސް ފަނޑިޔާރުންގެ ތެރެއިން ތިން ފަނޑިޔާރެއްގެ އޯޑިއޯތަކެއް ލީކްވެފައި ވަނިކޮށެވެ. އެއޯޑިއޯތަކުގައި ދައްކާފައި ހުރި ވާހަކަތަކާއި ގުޅިގެން ޔާމީނަށް އިއްވި ހުކުމުގެ ސައްހަ ކަމާއިމެދު ވަނީ ސުވާލު އުފެދިފައެވެ.