ގދ. ފަރެސްމާތޮޑާއިން މޮނިޓަރިންއިން ނެގުމަށްޓަކައި ނަގަންޖެހޭ ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް މާދަމާ ފަށާނެއެވެ.

އެރަށު ސިއްހީމަރުކަޒުން ވިދާޅުވީ ރެންޑަމް ސާމްޕަލް ނަގަން ނިންމީ މުޖުތަމައު ތެރެއިން ކޮވިޑް-19 ގެ ކޭސް އެއް ނުފެންނަތާ 8 ދުވަސް ވުމުންނެވެ. "މިއީ މުޖުތަމައު ތެރެއިން ކޮވިޑް ކޭސްއެއް ނުފެންނަތާ ނުވަވަނަ ދުވަސް. އެހެންނަމަވެސް ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ކަރަންޓީން ކުރެވިފައިވާ ބައެއް ފަރާތްތައް ވަނީ ޕޮޒިޓިވްވެފައި. އަދި އެ ފަރާތްތަކާއި އެކު މުޅި ޖުމްލަ ދިހަ މީހަކު މިހާތަނަށް ވަނީ ޕޮޒިޓިވްވެފައި،" ސިއްހީމަރުކަޒުން ވިދާޅުވިއެވެ.

ސިއްހީމަރުކަޒުން ވިދާޅުވީ ސާމްޕަލް ނަގަން ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 9:00 އިން ފެށިގެން ކަމަށެވެ. މޮނިޓަރިންއިން ނެގުމަށްޓަކައި ސާމްޕަލް ނަގާއިރު މަދުވެގެން އާބާދީގެ 10 ޕަސެންޓު ސާމްޕަލް ނަގާނެއެވެ.

މިއީ އެރަށް މޮނިޓަރިއަށްލީ ދެވަނަ ފަހަރެވެ. ފުރަތަމަ ފަހަރު އެރަށުން ވަނީ 60 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އެފަހަރު އެރަށުން ފުރަތަމަ ކޭސް ފެނިފައިވަނީ މެއިމަހު 31 ވަނަ ދުވަހުއެވެ. މިފަހަރު ފުރަތަމަ ކޭސް ފެނިފައިވަނީ ސެޕްޓެމްބަރ 3 ވަނަ ދުވަހުއެވެ.