މަސްތުވާތަކެތީން ދިވެހި ގައުމު ސަލާމަތް ކުރަން މިޖެހެނީ އެންމެ ނިކަމެތި މީހާ ކަމަށް ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނޭކަން ނުރަސްމީކޮށް އިއުލާން ކުރައްވާފައިވާ ޢުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އޭނާ މަސްތުވާތަކެތި ސިފަކުރައްވާފައި ވަނީ "ޒަހަރު" ގެ ގޮތުގައެވެ.
ޢުމަރު ވިދާޅުވީ ރާއްޖޭގެ މަސްތުވާތަކެތީގެ ހާލަތު ބަދަލު ކުރަން ސިޔާސީ ވެރީން ވިސްނަންޖެހޭ އެއްވެސް ސަބަބެއްނެތް ކަމަށެވެ. "އެއީ އެ ބޭފުޅުންގެ ގެތައް ހުރީ ބުރިބުރިއަށް ނަގާފައި. ގޭޓުތައްހުރީ ތަޅުލާފައި. ކެމެރާތައް ވެސްހުރީ ހަރުކޮށްފައި،" ކަމަށްވާތީއެވެ. އެހެންކަމުން މަސްތުވާތަކެތި ބޭނުން ކުރާ މީހުން ގިނަވިޔަސް އެފަދަ ބޭފުޅުންނަށް ލިބޭނެ އެއްވެސް ގެއްލުމެއްނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
އެފަދަ ބޭފުޅުންގެ ތެރެއިން ގިނަ ބޭފުޅުންގެ ދަރީންނާއި އާއިލާތައް ތިބީ ރާއްޖެއިން ބޭރުގައި ކަމަށް ވެސް ޢުމަރު ވިދާޅުވިއެވެ. އޭގެތެރެއިން ގިނަ ބޭފުޅުން ވަނީ ރާއްޖެއިން ބޭރުގައުމުތަކުން ގެދޮރު ވެސް ބައްލަވައިގެންފައި ކަމަށް ވިދާޅުވިއެވެ. "އެފަދަ ބޭފުޅެއްގެ ދަރިއަކު މިފަދަ މި ޒަހަރުގައި ޖެހިއްޖެނަމަ ބަހައްޓާނީ ބޭރުގައުމެއްގައި،" އޭނާ ވިދާޅުވިއެވެ.
ޢުމަރު މިހެން ވިދާޅުވީ މާލެއިން "ޑްރަގް ކެފޭ" ތަކެއް ހޯދައިން އެތަންތަނުގައި ފުލުހުން ފޯރިމަރަން ފެށުމުންނެވެ.
ޢުމަރު ވިދުވީ އޭނާގެ ވެރިކަމެއްގައި ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަތައް މުޅީން ކޮންޓްރޯލް ކުރައްވާނެ ކަމަށެވެ. އޭގެ އިތުރުން ގޭންގު ކުށްތަކާއި މާރާމާރީ ފަދަ އަމަލުތައް ވެސް ކޮންޓްރޯލް ކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ޢުމަރަކީ ރާއްޖޭގެ ހޯމް މިނިސްޓަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އެމަގާމުގައި ހުންނެވި ދުވަސްވަރު އެފަދަ ކުށްތައް ނުހުއްޓުވީ ކީއްވެތޯ ވަރަށްގިނަ މީހުން ގެންދަނީ ސުވާލު ކުރަމުންނެވެ. ޢުމަރު ވިދާޅުވީ އެދުވަސްވަރު ވެސް އެފަދަ ކުށްތައް ހުއްޓުވަން މަސައްކަތް ކުރެއްވި ކަމަށެވެ. އެހެންނަމަވެސް ހޯމް މިނިސްޓަރަށް އޮންނަ ބޮޑެތި ބާރުތަކެއް އޭރުގެ ރައީސް ޢަބްދުﷲ ޔާމީން ޢުމަރު އަތުން ނެންގެވުމުން އެކަންކަން އެންމެ ފުރިހަމައަށް ކުރެވޭނެ ގޮތެއް ނުވީ ކަމަށް ޢުމަރު ވަނީ ވިދާޅުވެފައެވެ.