30 ވަނަ ގައުމީ ކެރަމް މުބާރާތުގެ ސިންގަލްސް ޗެމްޕިއަންކަން މުޙައްމަދު މުންތަސިރު އާއި އައިމިނަތު ވިދާދު ހޯދައިފިއެވެ.

ވިދާދު ޗެމްޕިއަންކަން ހޯދީ ކުރީގެ ގައުމީ ޗެމްޕިއަން އައިޝަތު ފައިނާޒާ ވާދަކުރި ފޯރިގަދަ ފައިނަލް ސީދާ 2 ސެޓުން ކާމިޔާބުކޮށްގެންނެވެ. މި އިވެންޓުގެ 3 ވަނަ އަދި 4 ވަނަ ހޯދާފައިވަނީ އައިމިނަތު ވިޝާމާ އާއި އައިޝަތު ޒުލްފިޝާންއެވެ.

ކ.ގުރައިދޫއަށް އުފަން އައިމިނަތު ވިދާދު އަންހެން ސިންގަލްސް އިވެންޓުގެ ޗެމްޕިއަންކަން ވިދިވިދިގެން ހޯދި މިއީ 4 ވަނަ ފަހަރެވެ. އެންމެ ފަހުން ރާއްޖޭގެ ގައުމީ ކެރަމް ޓީމް ވާދަކުރި އިންޓަނޭޝަނަލް މުބާރާތްތަކުގައިވެސް މޮޅު ކުޅުމެއް ދެއްކި ވިދާދުއަކީ މިވަގުތު ދުނިޔޭގެ ފެންވަރުގައިވެސް ފާހަގަކޮށްލެވޭ މޮޅު ކުޅުންތެރިއެކެވެ.

ސިލްގަލްސް އިވެންޓުގެ ފިރިހެން ޗެމްޕިއަންކަން ހޯދީ މުޅި މުބާރާތުގައި އާދަޔާ ޚިލާފު މޮޅު ކުޅުމެއް ދެއްކި މުޙައްމަދު މުންތަސިރެވެ. މިއީ ހއ. ހޯރަފުށްޓަށް ނިސްބަތްވާ މުންތަސިރު ގައުމީ ޗެންޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ. މި އިވެންޓުގެ ފައިނަލަށް މުންތަސިރު ޖާގަ ހޯދީ ކުރީގެ ގައުމީ ދެޗެމްޕިއަނުން ބަލިކުރުމަށްފަހުގައެވެ. މުންތަސިރު ޗެމްޕިއަންކަން ހޯދީ މުބާރާތުގައި މޮޅު ކުޅުމެއް ދެއްކި އަލީ ޙަސަން އާއި ވާދަކޮށް ސީދާ 2 ސެޓުންނެވެ. މި އިވެންޓުގެ 3 ވަނަ އިސްމާއިލް އަޒްމީނު ހޯދި އިރު 4 ވަނަ އަށް ގޮސްފައިވަނީ އަލީ އާޒިމްއެވެ.

ފޯރިގަދަ މެޗުތަކެއް ފެނިގެން ދިޔަ މި މުބާރާތުގެ މިކްސް ޑަބަލްސް ޗެމްޕިއަންކަންވެސް ހޯދައިފައިވަނީ މުންތަސިރު އަދި ވިދާދުގެ ޕެއަރ އިންނެވެ. އަންހެން ޑަބަލްސް ޗެމްޕިއަންކަން އަފީފުއްނިސާ އަދި އައިޝަތު ފައިނާޒް ނެގި އިރު ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ އާދަމް އަދީލް އަދި ޔަމާން އަބްދުލް ޖަލީލްއެވެ.

ޑަބަލްސް ޗެމްޕިއަންކަން ހޯދި އަދީް އާއި ޔަމާން.

30 ވަނަ ގައުމީ ކެރަމް މުބާރާތުގެ ޓީމް އިވެންޓުގެ ފިރިހެން ޗެމްޕިއަނުންނަކީ ކަސްޓަމްސް ރިކްރިއޭޝަން ކުލަބެވެ. އަދި އަންހެން ޗެމްޕިއަނުންނަކީ އެމް.ޕީ.އެލް ސްޕޯޓްސް އެންޑް ރިކްރިއޭޝަން ކުލަބެވެ.