ގަވް ޑޮޓް އެމްވީ މެސެޖުގެ ޚިދުމަތުން ރައްޔިތުންނާއި ސަރުކާރާ ދެމެދު ހަލުވިކޮށް މުވާޞަލާތު ކުރެވޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައިސް ސޯލިހް މިފަދައިން ވިދާޅުވެފައިވަނީ ގަވް ޑޮޓް އެމްވީ މެސެޖުގެ ޚިދުމަތް އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، ގަވް ޑޮޓް އެމްވީ މެސެޖުގެ ޚިދުމަތަކީ، ރައްޔިތުންނާ ވީހާ ގާތުން ޚިދުމަތް ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތު ތަންފީޒު ކުރުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ޚިދުމަތެއް ކަމަށެވެެ. އަދި ރައްޔިތުންނާއި ސަރުކާރާ ދެމެދު، މިހާރަށްވުރެ ހަލުވިކޮށް މުވާޞަލާތު ކޮށްދޭނެ ވަރަށް ހަރުދަނާ ފާލަމަކަށް މި ހިދުމަތް ވާނެކަމަށް ވިދާޅުވިއެވެ.

"މި ޚިދުމަތުގެ އެންމެ ބޮޑު ފަސޭހައަކީ، ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރެގެންވެސް، ސަރުކާރުގެ އޮފީހަކަށް، ޢާންމު ރައްޔިތަކު ހުށަހަޅަން ބޭނުންވާ ކަންކަމާއި، ސަރުކާރުގެ ޚިދުމަތްތަކާ ގުޅިގެން ހުށަހަޅަން ބޭނުންވާ ޝަކުވާތައް ފަސޭހަކަމާއެކު ހުށަހެޅުމުގެ ދޮރު، 24 ގަޑިއިރު ހުޅުވިފައި ހުރުން. ކަމެއް ހުށަހެޅުމަށްޓަކައި އެ އޮފީހަކަށް ދާން ނުޖެހުން. އަދި އޮފީސް ހުޅުވެންދެން އިންތިޒާރު ކުރަން ނުޖެހުން. އަދި އޮފީސް ބަންދުކޮށްފައި ހުރުމުން، ހުށަހަޅަން ބޭނުންވާ ކަމެއް ހުށަނޭޅި ހުންނަން ނުޖެހުން. އޭގެ އިތުރުން، ކަމެއް ހުށަހެޅުމުން، އެ ހުށަހެޅި ކަމަކާމެދު އެ އޮފީހަކުން ފިޔަވަޅު އަޅަމުންދާ މިންވަރު، މި ނިޒާމުގެ ތެރެއިން އެ މީހަކަށް ބެލެން ހުރުން." ރައީސް ސޯލިހް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ސޯލިހް ވިދާޅުވީ ޚިދުމަތްތައް ޑިޖިޓަލްވެގެން އަންނައިރު، ސަރުކާރުގެ އޮފީސްތަކަށް، ޢާންމު ރައްޔިތުން ހުށަހަޅާ ކަންކަން އިތުރުވެ، ސަރުކާރުގެ ޚިދުމަތްތަކާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުޞަތުވެސް ވަރަށް ބޮޑަށް ތަނަވަސްވެގެންދާނެ ކަމަށެވެ. މިއީ ރައްޔިތުންނަށް ޚިދުމަތް ދެއްވަން ތިއްބެވި، ސަރުކާރުގެ މުވައްޒަފުން ވަރަށް ބޮޑަށް ސަމާލުކަން ދެއްވަންޖެހޭނެ ކަމެއް ކަމަށްވެސް ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ ގަވް ޑޮޓް އެމްވީ މެސެޖުގެ ޚިދުމަތް ފެށުމާއެކު، ސަރުކާރު އޮފީސްތަކުން ޚިދުމަތް ދިނުމުގައި ހިފަހައްޓަންޖެހޭ ޢާންމު މިންގަނޑުތަކާއި، ޚިދުމަތް ދިނުމަށް ހޭދަވާނެ މުއްދަތުތައް ބަޔާންކުރާ ސަރވިސް ޗާޓަރުތައް ޢާންމުކުރެވޭނެ ކަމަށާއި، އެ ޗާޓަރުތަކާ އެއްގޮތަށް ޚިދުމަތް ދެމުން ގެންދާކަން ކަށަވަރުކުރާނެ މެކޭނިޒަމްތައް އޮފީސްތަކުގައި ޤާއިމުކުރެވޭނެ ކަމަށެވެ. އަދި ސަރވިސް ޗާޓަރުތަކާ އެއްގޮތަށް ޚިދުމަތް ނުލިބޭނަމަ، ހަމަ މި ނިޒާމުގެ ތެރެއިން ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ރައްޔިތުންނަށް ލިބިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.