އިސްލާމްދީނާއި، މުސްލިމުންނާމެދު ފަރަންސޭސިވިލާތުން އަމަލުކުތރާގޮތާއި، ގެންގުޅޭ ސިޔާސަތުތަކަށް އީރާނުގެ ރައީސް ހަސަން ރޫހާނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

އީރާނުގެ ރައީސްވަނީ، ފަރަންސޭސި ނޫހަކު ކުރަހައިގެން އުޅޭ ކީރިތި ރަސޫލާގެ ކާޓޫނުތަކަށް ހުޅަނގުގެ ގައުމުތަކުން ކުރާ ތާއީދަކީ، އަޚްލާގީ މިންގަނޑާ ޚިލާފް އަދި މުސްލިމުންނާ ދެކޮޅަށްކުރާ ތާއީދެއް ކަމަށް ވިދާޅުވެފައެވެ.

އީރާނުގެ ގައުމީ ޓީވީން ވަގުތުން ދުރަށްދެއްކި، ކެބިނެޓް ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އީރާނުގެ ރައީސް ހަސަން ރޫހާނީ ވިދާޅުވީ، މިނިވަންކަން އޮންނަންވަނީ އަޚްލާގީ މިންގަނޑާއި، ހަމަތަކަށް އިހްތިރާމްކުރުމުގެ ތެރޭގައި ކަމަށެވެ.

އިސްލާމްދީނުގެ މާތް ރަސޫލާއަކީ ދުނިޔޭގެ ހުރިހާ މުސްލިމުން ނުހަނު ލޯބިވާ ބޭފުޅެއްކަން ހުޅަނގުގެ މީހުން ދަންނަންޖެހޭ ކަމަށްވެސް އީރާނުގެ ރައީސް ވިދާޅުވިއެވެ.

އެހެންކަމުން، ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރުމަކީ ދުނިޔޭގެ ހުރިހާ މުސްލިމުންނަށް ފުރައްސާރަކުރުން ކަމަށާއި، ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރުމަކީ ހުރިހާ ރަސޫލުބޭކަލުންނަށާއި، އިންސާނީ ކަރާމާރަށް ފުރައްސާރަ ކުރުން ކަމަށް އީރާނުގެ ރައީސް ވިދާޅުވިއެވެ.

"ޗާލީ ހެބްޑޫ" ނަމަކަށްކިޔާ ފަރަންސޭސި ނޫހަކުން މީގެ އަހަރުތަކެއް ކުރިން ކުރެހި، ކީރިތި ރަސޫލާގެ ކާޓޫނުތަކުގައި ކީރިތި ރަސޫލާއާ ޓެރަރިޒަމާވަނީ ގުޅުވާފައެވެ.

މިމައްސަލާގައި، 2015 ވަނަ އަހަރުގެ ކުރީކޮޅު އެ ނޫހުގެ އޮފީހަށް ބަޔަކު ހަތިޔަރާއެކު ވަދެ ހަމަލާދީ 12 މީހުން މަރާލާފައި ވެއެވެ.

އޭގެފަހުން ނޫސް ނެރުން ހުއްޓާލާފައި އޮތުމަށްފަހު އަލުން ޗާޕްކޮށްގެން ނެރޭން ފެށީ، އޮފީހަށް ހަމަލާދިންކަމަށް ތުހުތުކުރާ މީހުންގެ ޝަރީއަތް މިއަހަރު ފެށުމާ ދިމާކޮށެވެ. އޭގެފަހުން ކޮންމެ ދުވަހަކު އެ މަޖައްލާއިން ގެންދަނީ ރަސޫލާއަށް ނިސްބަތްވާ ކާޓޫނު ޝާއިއު ކުރަމުންނެވެ.

މިދިޔަމަހު ފަރަންސޭސި ޓީޗަރެއްގެ ބޯ ބުރިކޮށްލާފައިވަނީ، އެ ކާޓޫނު ކުރެހުންތައް ކްލާހުގައި ދެއްކިފަހުންނެވެ.

މިމައްސަލަ އަލުން ހޫނުވެގެންދިޔައީ، ފަރަންސޭސި ރައީސް އިމެނުއެލް މެކޯން އެ މައްސަލާގައި އިސްލާމްދީނާއި، މުސްލިމުންނާ ދެކޮޅަށް ވާހަކަ ދެއްކެވުމުންނެވެ.

ކީރިތި ރަސޫލާއަށް ފުރައްސާރަކުރުމަކީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ނޫންކަމަށް ބުނެ، އިސްލާމީ ހުރިހާ ގައުމުތަކުން ގެންދަނީ ފަރަންސޭސި ނޫހުގެ އަމަލުތައް ކުށްވެރިކުރަމުންނެވެ.

އަދި ފަރަންސޭސި ރައީސްގެ ވާހަކަތަކާ ގުޅިގެން، އިސްލާމީ ގައުމުތަކުގައި ފަރަންސޭސި މުދާ ބޮއިކޮޓްކުރުމުގެ އޮއިވަރެއްވެސް ފެށިގެން ކުރިއަށް އެބަދެއެވެ. އަދި އެތައް ގައުމެއްގައި ކޮންމެ ދުވަހަކު ދަނީ ފަރަންސޭސިވިލާތާ ދެކޮޅަށް މުޒާހަރާ ކުރަމުންނެވެ.