"މިނިވަންކަމުގެ ދިފާއުގައި"ގެ ނަމުގައި ސަރުކާރާ ދެކޮޅަށް އިދިކޮޅު، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބޮޑު ކެމްޕެއިނެއް ފަށަން ނިންމައިފިއެވެ.

ޕީޕީއެމް އޮފީހުގައި މިރޭ ބޭއްވި ޖަލްސާގައި އިދިކޮޅު ކޯލިޝަން ހިންގެވުމާ ހަވާލުވެހުންނެވި އަދި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ވަރަށް ބޮޑު ކެމްޕެއިނަކަށް ތައްޔާރުވަމުންދާ ކަމަށާއި ވަރަށް އަވަހަށް ކެމްޕެއިން ލޯންޗު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މިމަހުގެ ތެރޭގައި ކެމްޕެއިން ފަށާނެ ކަމަށާއި ތާރީހު ފަހުން އިއުލާނުކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ މިއަދު ދިވެހި ޤައުމު މިއޮތީ ކުރެވުނު ގޮތަކުން މިސަރުކާރު ބަލިކުރަންޖެހިފައިވާ ޙާލަތެއްގައި ކަމަށާއި ގައުމެއްގެ ޙާލަތު ވަކި ހިސާބަކަށް ދިޔައިމާ ޤައުމު ސަލާމަތްކުރަން ރައްޔިތުން ނުކުންނަން ޖެހޭކަމަށެވެ. މިއީ މުސްލިމް ދިވެހި ރައްޔިތުންގެ މައްޗަށް އޮތް ދީނީ ގައުމީ ވާޖިބެއް ކަމަށެވެ.

"އިސްލާމްދީނަށް ފުރައްސާރަކޮށްފައި ރަސޫލާއަށް ގޮންޖަހާފައި ރާއްޖޭގެ މިނިވަންކަން ވިއްކާލީމަ ދެން ރައްޔިތުން ނިކުންނަން ޖެހޭނީ ރައްޔިތުން ގައިގައި ހުރި ހިތްވަރު ދައްކަން. ރައްޔިތުންގެ އޮތް ބާރު ބޭނުންކުރަން. އިބްރާހީމް މުހައްމަދު ސާލިހު ވެރިކަމުން ބާލަން އެބަޖެހޭ. މިއަދު މިރާއްޖޭގައި މިކުރަނީ ދިވެހި ރައްޔިތުންގެ ވެރިކަމެއް ނޫން. އަޅުގަނޑު ތަކުރާރުކޮށް މިދަންނަވަނީ އިންޑިޔާގެ އަސްކަރިއްޔާ މިގައުމުން ބާލަންއެބަޖެހޭ." އަދުރޭ ވިދާޅުވިއެވެ.

މިދިޔަ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ރައީސް ޔާމީން ޕޯޑިއަމްތަކުގައި، އެމްޑީޕީއަށް އޭރު ގުޅިފައި އޮތް ކޯލިޝަނަށް ވެރިކަން ލިބިއްޖިއްޔާ ރާއްޖޭގައި މިއޮތް އިސްލާމްދީނަށް ކުރިމަތިވަމުން ދާނެ ކަންތައްތަކުގެ ވާހަކަ ތަކުރާރުކޮށް ދެއްކެވި ކަމަށް އަދުރޭ ވިދާޅުވިއެވެ. އަދި ދިވެހި ރާއްޖޭގެ މިނިވަންކަމަށް ބުރޫ އަރާނެ ވާހަކަ ތަކުރާރުކޮށް ގެންދެވީ ދައްކަވަމުންކަން އަދުރޭ ފާހަގަ ކުރެއްވިއެވެ.

އެހެންނަމަވެސް އަވަށްޓެރި އިންޑިޔާގެ އެހީތެރިކަމާއެކު ރާއްޖޭގެ ރައްޔިތުންނަށް އަގަލެއް ކުލުނެއް ލޯބެއްނެތް ބައެއްގެ އަތްމައްޗަށް ރާއްޖޭގެ ވެރިކަން ފުރޮޅިގެން ދިއުމުގެ ނަތީޖާއަކަށް ވީ އަޅުގަނޑުމެންނަކީ އިންޑިޔާގެ އަޅުވެތި ކަމުގެ ދަށުގައި އޮތް ގައުމަކަށް ބަދަލުވެގެން ދިއުން ކަމަށް އަދުރޭ ވިދާޅުވިއެވެ.

"އދ.ގެ ޢާއްމު މަޖިލީހުގެ ރައިސަކަށް އަބްދުﷲ ޝާހިދު ހޮވިގެން މާ އުފަލުން ނޫޅެން. އެނގޭ ކީއްވެކަން ހޮވުނީ. ޢަބްދުﷲ ޝާހިދު އެމަގާމަށް ހޮވީ އިންޑިޔާއިން. ހޮވީ އެމީހުން ބޭނުންވާ އެޖެންޑާއެއް ފުރިހަމަ ކުރަންވެގެން. ރާއްޖެއަށް އެމީހުން ބޭނުންވާ ކަންތައްތަކެއް ކުރަންވެގެން." އަދުރޭ ވިދާޅުވިއެވެ.

މިމަހުގެ ތެރޭގައި "މިނިވަންކަމުގެ ދިފާއުގައި ދިވެހީން" މިނަމުގައި ކޯލިޝަނުން ފަށާފައިވާ ކެމްޕެއިން ރަސްމީކޮށް ލޯންޗް ކުރުމަށް ހަމަޖެހިފައިވާ ކަމަށާއި އެއީ ފެއްސާ ރަތާ ހުދުގެ ކެމްޕެއިނެއްކަމަށާއި މިކަމުގައި އިސްނެންގެވީ ރައީސް ޔާމީން ކަމަށް އަދުރޭ ވިދާޅުވިއެވެ. މިހާލަތަށް މިގައުމު ދިޔައިރު މިގައުމު ސަލާމަތްކުރަންވެއްޖެކަން، މިގައުމުގެ މިނިވަންކުރަން އުޅެންވެއްޖެކަން މިގައުމުގެ ގައުމިއްޔަތު ގެއްލިގެން ހިނގައްޖެކަން ދެނެވަޑައިގެންނެވި ހަމައެކަނި ބޭފުޅަކީ ރައީސް ޔާމީން ކަމަށް އަދުރޭ ވިދާޅުވިއެވެ.

"ތިމަންނަމެންނޭ ގައުމުދެކެ އެންމެ ލޯބިވަނީ ތިމަންނަމެންނޭ ޑިމޮކްރަސީއަށް މަސައްކަތް ކުރީ އަދި ރައްޔިތުން ދެކެ އެންމެ ލޯބިވަނީ ބުނާ ފަރާތްތަތަކަށް މިރާއްޖޭގެ މިނިވަންކަން ގެއްލިގެން ދާއިރު ރާއްޖެ އަޅުވެތިވަމުން ދާއިރު އެބޭފުޅުން ނުކުމެ ވިދާޅުވި ބަސްފުޅެއް ނެތް. އުތުރު ތިލަފަޅުގެ އެއްބަސްވުން ހެއްދެވިއިރު އެބޭފުޅުން ތިއްބެވީ ރާއްޖޭގައި. ހަނިމާދޫގައި ބޭރުގެ ސިފައިން އައިސް ވަޒަންވެރިވިއިރު އެބޭފުޅުން ތިއްބެވި ރާއްޖޭގައި. އައްޑޫގައި ހަދާ ޓްރެއިނިންގް ސެންޓަރު ހިބައިން ދޭއިރު މިބޭފުޅުން ތިއްބެވީ ހަނު. މިބޭފުޅުންނަކަށް ނޭނގޭ ރައްޖޭގައި އިންޑިޔާ ސިފައިން ތިބިކަމެއް." ސަރުކާރާއި ކޯލިޝަންގެ ލީޑަރުންނަށް ރައްދު ދެއްވަމުން އަދުރޭ ވިދާޅުވިއެވެ.

ކަފާލާތުގެ ދަށުން ރައިސްޔާމީނަށް މިނިވަންކަމެއް ލިބިވަޑައިގެން މަގުމައްޗަށް ދެދުވަހު ހަމައަސް ނުކުމެވަޑައިގެންނެވުނަސް މި ސަރުކާރު ދެމިއެއް ނޯންނާނެކަން އެމްޑީޕީގެ އިސްބޭފުޅުން ގަބޫލުކުރާ ކަމަށާއި ރައީސް ޔާމީނަށް އެންމެ ދުވަހަކަށް ނަމަވެސް މިނިވަންކަމާއެކު މަގުމައްޗަށް ނިކުމެވަޑައިގެންނެވިއްޖިއްޔާ މިސަރުކާރެއް ނޯންނާނެކަމަށްވެސް އަދުރޭ ވިދާޅުވިއެވެ. އެހެންކަމުން މިނިވަންކަމުގެ ދިފާއުގައި ނުކުންނަން ތައްޔާރުވާންޖެހޭ ކަމަށާއި ނުކުންނަންޖެހޭނީ ފިސާރި ރަނގަޅަށް ތައްޔާރުވެގެން ކަމަށް އަދުރޭ ވިދާޅުވިއެވެ. ގައުމު ދިފާއު ކުރަން ނިކުތީމާ ޖަލަށްވެސް ލާފާނެ ކަމަށާއި ހައްޔަރުވެސް ކޮށްފާނެ ކަމަށާއި އަދި މުދާވެސް ފޭރިގެންފާނެ ކަމަށާއި އެހެންނަމަވެސް ދިވެހި ރައްޔިތުންގެ ކިބައިގައި ގައުމު ސަލާމަތް ކުރުމަށް ނުކުތުމުގެ ހިތްވަރާއި ފަންވަރާއި ޖޯޝު އެބަހުރި ކަމަށް އަދުރޭ ވިދާޅުވިއެވެ.