ހިއުމަން ރައިޓްސް ކޮމިޝަނުގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްއިން ދިއްދޫގައި ހުންނަ ހއ. އަމާންވެށި (ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރ)އަށް ޒިޔާރަތްކޮށްދިފިއެވެ.

އެ ކޮމިޝަނުން ބުނީ އެއީ މޮނިޓަރިންގެ ޒިޔާރާތެއް ކަމަށާއި، އެ ޒިޔާރާތްކުރީ މި މަހުގެ 14 ވަނަ ދުވަހު ކަމަށެވެ.

އެޗްއާރްސީއެމް އިން ބުނުގޮތުގައި މި ޒިޔާރަތުގެ މައިގަނޑު މަޤްޞަދަކީ، ހއ. އަމާންވެށީގައި ތިބި ކުދިންނާ މެދު ޢަމަލު ކުރެވޭގޮތާއި، ތަނުގެ ޢާންމު ޙާލަތާއި، މި ސެންޓަރުގައި ތިބޭ ކުދިންނާމެދު އެއްވެސް އަނިޔާވެރި ލާއިންސާނީ ދަށުދަރަޖައިގެ ޢަމަލެއް ހިނގާތޯބެލުމާއި، އެފަދަ ޢަމަލަކަށް މަގުފަހިވާފަދަ ކަމެއް ހުރިތޯ ބެލުމުގެ އިތުރަށް ދައުލަތުގެ ބެލުމުގެދަށުގައި މިނިވަންކަން ގެއްލޭގޮތަށް ބައިތިއްބާފައި ތިބޭ ފަރާތްތަކަށް ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ އަދި ޤައުމީ އަދި ބައިނަލްއަޤްވާމީ އެހެނިހެން މިންގަނޑުތަކާއި، ޤަވާއިދުތަކާ އެއްގޮތްވާގޮތުގެ މަތިން މި ސެންޓަރުގައި ޚިދުމަތް ފޯރުކޮށްދޭތޯ ބެލުން ކަމަށެވެ.

އަދި ހަމަމިއާއެކު، މި ސެންޓަރުގައި މަސައްކަތްކުރައްވާ މުވައްޒަފުންނަށް ދިމާވާ ދަތިތަކާއި، މިފަދަ މާޙައުލެއްގައި މަސައްކަތްކުރާއިރު ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ބައިނަލްއަޤްވާމީ މުޢާހަދާތަކުން ލިބިދޭންޖެހޭ ރައްކާތެރިކަން މުވައްޒަފުންނަށް ލިބިދޭތޯ ބަލައި، މި ސެންޓަރުގައި މަސައްކަތްކުރާ މުވައްޒަފުންގެ ޢާއްމު ޙާލަތު ދެނެގަނެ، މަސައްކަތުގައި ދިމާވާ ގޮންޖެހުންތައް ދެނެގަތުމަކީ ވެސް ޒިޔާރާތުގެ މަގްސަދެއް ކަމަށް ބުނެއެވެ.

މީގެއިތުރުން، ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19އާ ގުޅިގެން، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)އިން ކަނޑައަޅާފައިވާ މިންގަނޑުތަކާއި ކޯވިޑް-19ގެ ބަލިމަޑުކަމުގެ ޙާލަތުގައި މިފަދަ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ސެންޓަރުގައި ތިބޭ ކުދިންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ދެނެގަތުމަކީވެސް މި ޒިޔާރަތުގެ އެއް މަޤްޞަދު ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.