ފަރެސްމާތޮޑާއިން ނެގި ރެންޑަމް ސާމްޕަލްތައް ނެގެޓިވުމުން އެރަށް މޮނިޓަރިން މިއަދު ނަގައިފިއެވެ.

މޮނިޓަރިންއިން ނެގުމަށްޓަކައި އެރަށުގެ މުޖުތަމައުގެ ތެރެއިން ވަނީ 158 ރެންޑަމް ސާމްޕަލް ނަގައިފައެވެ. އެ ހުރިހާ ސާމްޕަލްތަކެއް ވެސް ވަނީ ނެގެޓިވްވެފައި ކަމަށް އެރަށު ސިއްހީމަރުކަޒުން ވިދާޅުވިއެވެ.

އެރަށް މޮނިޓަރިންއަށްލީ މި ހިނގާ ސެޕްޓެމްބަރު 3 ވަނަދުވަހު އެރަށުން ކޮވިޑް ބަލި މީހަކު ފެނިގެންނެވެ. އެރަށް މޮނިޓަރިންއަށް ލީތާ މިއަދަށް މިއީ 13 ވަނަ ދުވަހެވެ. އެ މުއްދަތުގައި އެރަށުން ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ ޖުމްލަ 10 މީހުންނެވެ. އެ މުއްދަތުގައި އެ ރަށުގެ މުޖްތަމައުތެރެއިން ކޮވިޑް ބަލި މީހަކު ފެނިފައެއް ނުވެއެވެ.

"މިއީ ކުރިޔެކޭވެސް އެއްގޮތައް މި ބަލިމަޑުކަމުން އަރައިގަތުމަށް ފަރެސްމާތޮޑާގެ ލޮބުވެތި ރައްޔިތުން ދެއްވި ފުރިހަމަ އެއްބާރުލުމާއި، ދެއްވި އެހީތެރިކަމާއި، ދެއްކެވި ކިޔަމަންތެރި ނަމޫނާގެ ނަތީޖާ ކަމާއިމެދު ޝައްކެއް ނެތެވެ." އެރަށު ސިއްހީމަރުކަޒުން ވިދާޅުވެފައިވެއެވެ.

ރައްޔިތުން ދެއްވި އެއްބާރުލުމުގެ އިތުރުން އެރަށުގެ މުވައްސަސާތައް ގުޅިގެން ކުރެއްވި މަސައްކަތާއި، ކޮވިޑް ބަލީގެ ފަރާތްތަކާއި އަދި އެހެނިހެން ބަލި މީހުންނަށް ފަރުވާ ދިނުމަށް 24 ގަޑި އިރު ހިދުމަތުގައި ދެމިތިއްބެވި ފަރެސްމާތޮޑާ ޞިއްހީ މަރުކަޒުގެ "އެކުވެރި ހީވާގި މުވައްޒަފުން ކުރެއްވި މިންނެތް މަސައްކަތުގެ" އަގުވަޒަން ކުރައްވާ ކަމަށް ވެސް ސިއްހީމަރުކަޒުން ވިދާޅުވިއެވެ.

ރަށް މޮނިޓަރިންގ އިން ނެގި ކަމަށް ވިޔަސް ފަރުދީ ޒިންމާ އަދާ ކުރައްވައި، މާސްކް އެޅުމާއި ގިނަގިނައިން އަތް ދޮވުމާއި، ގައި ދުރުކަން ބެހެއްޓުމާއި، އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އުސޫލުތަކަށް ޢަމަލު ކުރެއްވުމުގައި ދެމި ތިއްބެވުމަށް ވެސް ސިއްހީމަރުކަޒުން ވަނީ އެދިވަޑައިގެންފައެވެ.

މީގެ ކުރިން ވެސް އެރަށުން ކޮވިޑް-19 ފެނިގެން މޮނިޓަރިންއަށް ލިއެވެ. އެފަހަރު 60 މީހުން އެރަށުން ޕޮޒިޓިވްވިއެވެ.