ނޮވެމްބަރު 3 ވަނަ ދުވަހު އޮންނަ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި، އިދިކޮޅު ޑިމޮކްރަޓިކް ޕާޓީގެ ފަރާތުން ވާދަކުރައްވާ ޖޯ ބައިޑެން، އިންތިޚާބުގައި ވޯޓް ލައްވައިފިއެވެ.

ޖޯ ބައިޑެންއާއި، އަނބިކަނބަލުން ޖިލް ވޯޓު ލައްވާފައިވަނީ، ބައިޑެންގެ އުފަން ސްޓޭޓް ކަމަށްވާ ޑެލަވެއަރގެ ވިލްމިންޓަން އަވަށުގެ ކާރވެލް ސްޓޭޓް އޮފީސް ބިލްޑިންގައި ބަހައްޓާފައި ހުރި ވޯޓް ފޮށްޓަށެވެ.

ޖޯ ބައިޑެންއާއި، އަނބިކަނބަލުން ވޯޓް ލައްވާފައި މިވަނީ، ކުރިން ވޯޓުލުމަށް އޮންނަ ފުރުސަތުގެ ތެރެއިންނެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ވޯޓްލުން ރަސްމީކޮށް އޮންނަނީ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ނަމަވެސް، ނޮވެމްބަރު 3 އަންނަން 6 ދުވަހަށް ވެފައިވާއިރު، ކުރިން ވޯޓުލުމަށް އޮންނަ ފުރުސަތުގެ ބޭނުންކޮށްގެން މިހާތަނަށް 74 މިލިއަން މީހުން ވޯޓުލާފައި ވެއެވެ.

މިއީ، 1908 ވަނަ އަހަރުގެ ފަހުން، އެމެރިކާގެ ރިޔާސީ އިންތިޚާބެއްގައި، ކުރިން ވޯޓުލާން އޮންނަ ފުރުސަތުގެ ދަށުން މިހާތަނަށް އެންމެ ގިނަ އަދަދެއްގެ މީހުން ވޯޓުލީ ފަހަރުކަމަށް ވެއެވެ. އަދި މިއަދަދަކީ، 2016 ވަނަ އަހަރު އެމެރިކާގައި ވޯޓުލާން ނުކުތް މީހުންގެ ޖުމްލަ އަދަދުގެ %53 ކަމަށްވެސް ވެއެވެ.

ރިޔާސީ އިންތިޚާބުގައި ވޯޓުލާ މީހުންގެ މައުލޫމާތު އެއްކުރާ އޮފީހެއްގެ ޕްރޮފެސަރަކު ވިދާޅުވެފައިވަނީ، ޕޯސްޓު މެދުވެރިކޮށް ވޯޓުލީ މީހުންނާއި، ކުރިން ވޯޓުލާން އޮންނަ ފުރުސަތުގެ ދަށުން މިހާރު ވޯޓުލަމުންދާ މީހުންގެ އަދަދު ގިނަކަމުން، ނޮވެމްބަރު 3 ގައި ވޯޓުލާ މީހުންނާއެކު، މިފަހަރުގެ އިންތިޚާބަކީ ރެކޯޑު އަދަދަކަށް މީހުން ވޯޓްލާ އިންތިޚާބަށް ވެދާނެ ކަމަށެވެ.

އަނެއްކޮޅުން، ކުރިންވެސް ހީކުރެވިފައިވާ ގޮތަށް، ރިޔާސީ އިންތިޚާބުގެ ކެމްޕެއިނާ ދިމާކޮށް އެމެރިކާގައި ކޮވިޑް ބަލިޖެހޭ މީހުންގެ އަދަދުތައް އިންތިހާއަށް މައްޗަށް ގޮސްފައި ވެއެވެ.

އެހެން ނަމަވެސް، ރައީސް ޑޮނަލްޑް ޓްރަމްޕް ގެންދަވަނީ، ކޮވިޑްބަލީގެ ހާލަތަށް ނުބައްލަވައި ސަޕޯޓަރުން އެއްކުރައްވައިގެން ކެމްޕެއިން އެއްވުންތައް ބާއްވަމުންނެވެ.

ޓްރަމްޕް އެންމެ ބޮޑަށް ކެމްޕެއިން ކުރައްވަމުން ގެންދަވަނީ، އެންމެ ވާދަވެރި ސްޓޭޓްތަކުގައެވެ. ސަބަބަކީ، ވޯޓުގެ ނަތީޖާއަށް ބަދަލު ގެނެވޭނީ އެ ސްޓޭޓްތަކުން ނުކުންނަ ނަތީޖާކުން ކަމަށްވާތީއެވެ. އޭގެ އެއް ސްޓޭޓަކީ ފްލޮރިޑާއެވެ.

ފްލޮރިޑާގައި ކެމްޕެއިންގައި އުޅުއްވަމުން ރައީސް ޑޮނަލްޑް ޓްރަމްޕް މިދިޔަ ހޮނިހިރު ދުވަހުވަނީ ވޯޓްލައްވާފައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރިން ރަށްވެހިވެފައިވަނީ ވެރިރަށް ނިއުޔޯކްގައި ނަމަވެސް، މީގެ އަހަރެއްކުރިން ޓްރަމްޕްވަނީ ރަށްވެހިކަން ފްލޮރިޑާއަށް ބަދަލު ކުރައްވާފައެވެ. އެ ސްޓޭޓްގައި ވޯޓުލެއްވީ އެހެންވެގެންނެވެ.

އެމެރިކާގައި ނަގަމުންދާ ޚިޔާލުހޯދުންތަކުން ދައްކާގޮތުގައި، މިފަހަރުގެ ރިޔާސީ އިންތިޚާބު ފަސޭހަކަމާއެކު ކާމިޔާބު ކުރައްވާނީ ޖޯ ބައިޑެންއެވެ. ސަބަބެއް ކަމަށް ބުނަނީ، އެމެރިކާ ދުނިޔެއަށް ވުޖޫދުވީފަހުން އެގައުމު ތަހައްމަލް ކުރަމުންދާ އެންމެބޮޑު ސިއްހީ ބަލިމަޑުހާލަތާ ކުރިމަތި ލެއްވުމުގައި ރައީސް ޓްރަމްޕް ފެއިލްވުމެވެ.